ރާއްޖެއިން މިރޭ އިތުރު 175 މީހުން ހައްޖަށްދާން ފުރަން ހަމަޖެހިފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީއިން ބުނެފިއެވެ.
ސައުދީ އެއާލައިންއިން މިރޭ 175 މީހަކު 11:30 ގައި ފުރުމަށް ހަމަޖެހިފައިވާއިރު މި މަހުގެ 26 ވަނަ ދުވަހު ރާއްޖެއިން ހައްޖަށް ދިޔަ ފުރަތަމަ ގްރޫޕުގައި 157 މީހަކު ހިމެނެއެވެ.
މި އަހަރު ހައްޖަށް ދިއުމަށް ތިން ރެޔަކަށް ބަހާލައިގެން ހައްޖުވެރިން ފުރުމަށް ހަމަޖެހިފައި ވާއިރު މި މަހުގެ 26 ވަނަ ދުވަހުގެ ރެއާއި މިރޭ އަދި އަންނަ ޖުލައި މަހުގެ 2 ވަނަ ދުވަހުގެ ރޭ ހިމެނެއެވެ. އަދި އެ ރޭ ތަކުގައި 7:00 އިން 8:00 އަށް މަޖީދީމަގާއި އަމީނީ މަގު އަދި އޯކިޑްމަގުގެ ޓްރެފިކް ފްލޯއަށް ބަދަލު ގެނައުމަށް ނިންމާފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
މިރޭ ހައްޖުވެރިން އެއާޕޯޓަށް ގެންދިއުމަށް މާލެ، ހުޅުމާލެ އަދި ވިލިމާލެ ހިމެނޭހެން ޖުމްލަ 24 ޕޮއިންޓެއް ވަނީ ކަނޑައަޅާފައިވާއިރު ހައްޖުވެރިންގެ ކަންތައްތަކުގައި މާލެއާއި ހުޅުމާލެ، އަދި އެއާޕޯޓްތެރެއިންވެސް ކަމާގުޅޭ މުއައްސަސާތަކުން ދާނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.
ރާއްޖެއަށް މިއަހަރު ލިބުނު 453 ޖާގަ އެއްކޮށް އިސްލާމިކް މިނިސްޓްރީން ދިނީ ހައްޖު ކޯޕަރޭޝަނަށެވެ. އޭގެ ތެރެއިން 352 ޖާގަ ހާއްސަކުރީ ހައްޖަށް ދާން ހައްޖު ކޯޕަރޭޝަންގެ ކިއުގައި މި ވަގުތު ތިބި މީހުންނަށެވެ. ބާކީ 100 ކޯޓާ ވަނީ އާންމުކޮށް ހުޅުވާލާފައެވެ