ދައުލަތުގެ ބޭނުންކުރެވޭ ރިޒާވާ ގުޅޭ ގޮތުން ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ސީދާ ޖަވާބެއް ނުދެއްވުމުން، މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ނުރުހުން ފާޅު ކުރައްވައިފިއެވެ.

މިއަދުގެ ޖަލްސާގައި މަޖިލީހުގެ ނައިބު ރައީސް، އަދި ގަލޮޅު އުތުރު ދާއިރާގެ މެންބަރު ވަނީ، އަންނަ މަސް ނިމޭއިރު ދައުލަތަށް ބޭނުންކުރެވޭ ރިޒާވްގައި ހުރީ ކިތައް ދުވަހަށް ފުދޭ ވަރަށް ކާޑާއި ތެލާއި ބޭހުގެ ފައިސާތޯ ސުވާލު ކުރައްވައިފައެވެ.

އެ ސުވާލަށް ލިޔުމުން ފޮނުއްވި ޖަވާބުގައި މިނިސްޓަރު ވިދާޅުވީ:

  • ބޭރު ފައިސާގެ ރިޒާވްގެ ކަންކަން ހަވާލުކޮށްފައި ވަނީ މަރުކަޒީ ބޭންކަށް ކަމަށް
  • ރިޒާވްގެ ތަފާސްހިސާބުތައް ބަލަހައްޓައި އަންދާޒާތައް ތައްޔާރު ކުރަން ޖެހޭނީ ވެސް މަރުކަޒީ ބޭންކުން ކަމަށް

އެއާއެކު، އަމީރު ވިދާޅުވީ ބޭރު ފައިސާގެ ރިޒާވްގެ ތެރެއިން ބޭނުންކުރެވޭ އަދަދަކީ އެމްއެމްއޭ އިން ހާމަކުރާ އަދަދެއް ނޫން ކަމަށެވެ. ހަމައެކަނި ވިދާޅުވީ، މިވަގުތު ފަސް މަހަށްވާ ވަރަށް ރިޒާވް ހުރި ކަމަށާއި، އިތުރު މައުލޫމާތު އެމްއެމްއޭއިން ސާފު ކުރުމަށެވެ.

އަމީރުގެ ޖަވާބު އިއްވައި ނިމުމުން ނަޝީދު ވިދާޅުވީ، ގާނޫނޫއަސާސީން ދައުލަތުގެ ބަޖެޓުގެ ކަންކަމާއި، މާލިއްޔަތާއި، އާމްދަނީ އާ ބެހޭ ހުރިހާ ކަމަކީ ފިނޭންސް މިނިސްޓްރީ އާ މަތިކޮށްފައިވާ ކަންތައްތައް ކަމަށާއި، އެ ކަންކަމަކީ އަމީރާ ހަވާލުވެފައި ނުވާ ކަމެއްކަން އޭނާ އަށް ވިދާޅުނުވެވޭނެ ކަމަށެވެ.

"އެހެންވީމަ ގާނޫނުއަސާސީގެ 134 ވަނަ މާއްދާގައި ވަޒީރަށް މަޖުބޫރުވަނީ މީ ރައްޔިތުން މަޖިލީހަށް ޖަވާބުދާރީވުން. އަޅުގަނޑު ވަޒީރުގެ އަރިހުގައި އެދެން ވަޒީރުގެ ސިޓީފުޅު އަލުން އިސްލާހުކުރައްވައި މި މަޖިލިހަށް ފޮނުވައި ދެއްވަން." ނަޝީދު ވިދާޅުވިއެވެ.