އެމެރިކާގެ ފްލޮރިޑާގައި ބައްޕަގެ ބަޑި ހިފައިގެން ކުޅެން އުޅުނު އުމުރުން 8 އަހަރުގެ ފިރިހެން ކުއްޖެއްގެ އަތުން، އޭނާގެ 1 އަހަރުގެ އަންހެން ކުއްޖަކު މަރުވެ، 2 އަހަރުގެ ކުއްޖަކު ޒަހަމްވެއްޖެއެވެ.

އެސްކެމްބިއާ ކައުންޓީގެ ލިއޯންސް މޮޓެލްގައި ހިނގި މި ހާދިސާއާ ގުޅިގެން، ފިރިހެން ކުއްޖާގެ ބައްޕަ، ރޮޑެރިކް ރެންޑާލް މިހާރު ހައްޔަރު ކޮށްފައި ވާ ކަމަށް މައުލޫމާތު ލިބެއެވެ.

ރެންޑާލް ހައްޔަރުކޮށް، އޭނާގެ މައްޗަށް ދައުވާ އުފުލާފައިވަނީ އިހުމާލުވުމާއި، ހުއްދަ ނެތި ބަޑި ގެންގުޅުމާއި، ހެކި ފޮރުވަން އުޅުނު ކަމުގެ ކުށުގައި ކަމަށް އެސްކެމްބިއާ ކައުންޓީ ޝެރިފް ޗިޕް ސައިމަންސް ވަނީ އޭއެފްޕީއަށް ވިދާޅުވެފައެވެ.

މި ހާދިސާ ހިނގާފައި ވަނީ، ރެންޑާލް، އޭނާގެ ލޯބިވެރިޔާއާ ބައްދަލު ކުރަން އުޅުމުގެ ތެރޭގައެވެ. 8 އަހަރުގެ ފިރިހެން ދަރިފުޅު ގޮވައިގެން ރެންޑާލް ދިޔައިރު، އޭނާގެ ލޯބިވެރިޔާ ދިޔައީ 2 އަހަރުގެ އެއްމާބަނޑު ދެބެންނާއި 1 އަހަރުގެ ދަރިފުޅުވެސް ގޮވައިގެންނެވެ.

ފިރިހެން ދަރިފުޅަށް ބައްޕަގެ ބަޑި ފެނުނީ ރެންޑާލް ބޭރަށް ދިޔަ ވަގުތުއެވެ. އޭރު އަންހެން މީހާ އޮތީ ނިދާފައި ކަމަށް މައުލޫމާތު ލިބެއެވެ. ބަޑި ފެނުނު ހިސާބުން އެ ނަގައިގެން ކުޅެން އުޅުމުގެ ތެރޭގައި ބަޑި ޖެހުނީ އޮޅުމަކުން ކަމަށް ހަބަރު ލިބެއެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ސައިމަންސް ވިދާޅުވީ 8 އަހަރުގެ ކުއްޖާ ބަޑި ނަގައިގެން ކުޅެން އުޅުމުގެ ތެރޭގައި 1 އަހަރުގެ ކުއްޖާއަށް އަމާޒުކޮށް ބަޑި ޖެހި ކަމަށެވެ. އެ ވަޒަން ދިޔަ ބާރު މިނުގައި ގޮސް އެއްމާބަނޑު 2 ބެއިންގެ ތެރެއިން 1 ކުއްޖެއްގެ ގައިގައި ޖެހި، އެ ކުއްޖާ ޒަހަމްވިއެވެ. އެ ކުއްޖާގެ ފުރާނަ ސަލާމަތް ވުމުގެ ފުރުސަތު އެބަ އޮތް ކަމަށްވެސް ސައިމަންސް ވަނީ ވިދާޅުވެފައެވެ.

ސައިމަންސް ވިދާޅުވި ގޮތުގައި ރެންޑާލް އެނބުރި ކޮޓަރިއަށް ދިޔައީ ބަޑި ޖެހުމުގެ ހާދިސާއަށް ފަހުގައެވެ. އަދި ފުލުހުންނަށް އެ ހިސާބަށް ދެވުމުގެ ކުރިން ބަޑިއާއި މަސްތުވާތަކެތި ހިފައިގެން އޭނާ އެ ސަރަހައްދު ދޫކޮށް ދިޔަ ކަމަށާ، ހޮނިހިރު ދުވަހުގެ ރޭ ހިނގި ހާދިސާއަށް ފަހު، ފުލުހުންނަށް އޭނާ ހައްޔަރު ކުރެވުނީ އާދީއްތަ ދުވަހު ކަމަށް މައުލޫމާތު ލިބެއެވެ.

ފުލުހުންގެ މައުލޫމާތަށް ބަލާއިރު، އުމުރުން 45 އަހަރުގެ ރެންޑާލްއަކީ ކުށް ކޮށްގެން 14 ފަހަރެއްގެ މަތިން ހުކުމް އިއްވާފައި ވާ މީހެކެވެ. އޭނާގެ ކުށުގެ ރެކޯޑަށް ބަލާއިރު ޑްރަގްގެ މައްސަލައާއި، އަނިޔާ ކުރުމުގެ މައްސަލައާއި، ފުލުހުންނަށް ފިލަން އުޅުމުގެ މައްސަލަ ހިމެނެއެވެ.

މައުލޫމާތު ލިބޭ ގޮތުގައި ރެންޑާލް މިހާރު ވަނީ 41000 ޑޮލަރުގެ ބޮންޑެއްގެ ދަށުން، ޖަލުން ދޫކޮށްލާފައެވެ.

އެވްރިޓައުން ފޮ ގަން ސޭފްޓީއިން ދާދި ފަހުން އާންމު ކުރި ރިޕޯޓަކަށް ބަލާއިރު، ޖަހަން ތައްޔާރުކޮށް ކަބަޑުތަކުގެ ތެރޭގައާއި ދަބަސް ފަދަ ތަންތަނުގައި ރައްކާ ކޮށްފައި ހުންނަ ބަޑީގެ ހަމަލާތައް، ކޮންމެ އަހަރަކުވެސް އެމެރިކާގެ އެތައް ސަތޭކަ ކުދިންނެއްގެ ގައަށް އަމާޒުވެއެވެ.