ފުލުހުންގެ ތެރޭގައި ބްލެކްމެއިލް ރިންގެއް ހިންގާ ކަމަށާއި މި ފަހުން ފޮޓޯތަކާއި ވީޑިއޯ ނަގައި ބްލެކްމެއިލް ކުރަމުން ދިޔަ މައްސަލަތަކުގައި 43 މީހުން ހިމެނޭ ކަމަށް ވިދާޅުވެ ބޮޑު ތުހުމަތެއް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ކުރައްވައިފިއެވެ.

ރައީސް ނަޝީދު މިފަދައިން ވިދާޅުވެފައި ވަނީ ގިނަ ބައެއްގެ ބަރަހަނާ ފޮޓޯ އަދި ވީޑިއޯތަކެއް ލީކުވަމުން އަންނަ ދަނޑިވަޅެއްގައެވެ. އެގޮތުން ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު އުތުރު ދާއިރާގެ މެންބަރު ހުސައިން ޝަހީމް (އަނދުން ހުސައިން) އާއި އިތުރު ފިރިހެނަކާއި އަންހެނަކު ކަމަށް ބުނާ ބަރަހަނާ ހާލުގައި އޮތް ފޮޓޯއެއް ޓުވިޓާގައި ލީކްވެފައި ވާއިރު ރާއްޖެ ޓީވީގެ ކުރީގެ ނޫސްވެރިއަކު ހޯރަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް އެކު އެއް ޖިންސުން ގުޅުން ހިންގާ ވީޑިއޯއެއް ކަމަށް ބުނެވެސް އަންނަނީ ވީޑިއޯއެއް ދައުރުވަމުންނެވެ. މީގެ އިތުރުން ރައީސް ނަޝީދުގެ ކޮއްކޯފުޅު އަދި ގާނޫނީ ވަކީލު ނާޒިމް ސައްތާރު ކަމަށް ތުހުމަތުކޮށް އެއް ޖިންސުން ގުޅުން ހިންގާ ވީޑިއޯއެއް ވަނީ ވައިރަލްވެފައެވެ.

މި މައްސަލައާ ގުޅިގެން މިއަދުގެ މަޖިލީހަށް މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހްމަދު ޝިޔާމާއި މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) ވަނީ ކުއްލި މައްސަލައެއް ހުށައަޅަން އެދިފައެވެ. އެ ކުއްލި މައްސަލާގައި ލިވާތު ކުރުމާއި ގިނަބަޔަކު ބައިވެރިވެގެން ޖިންސީ ގުޅުން ހިންގުންފަދަ ބިރުވެރި ފާހިޝް އަމަލުތައް މުޖުތަމައުގައި ގިނަވަމުން ދާތީ އެކަން ހުއްޓުވައި އެފަދަ ކަންކަން ކުރާ ފަރާތްތަކަށް އިސްލާމީ ޝަރީއަތުގައިވާ ގޮތަށް އަދަބު ދީ އެފަދަ މުންކަރާތްތައް ވަގުތުން ވަގުތަށް ހުއްޓުވުމަށެވެ. އެހެންނަމަވެސް އެ ކުއްލި މައްސަލަ ހުށައެޅުމުގެ ފުރުސަތެއް ރައީސް ނަޝީދު ނުދެއްވައެވެ.

މި މައްސަލަތަކުގައި އިއްޔެ ރައީސް ނަޝީދު ވަނީ ފުލުހުންނަށް ބޮޑެތި ތުހުމަތުތަކެއް ކުރައްވާފައެވެ. އެގޮތުން އެ ފޮޓޯތަކާއި ވީޑިއޯތައް ނަގަނީ ފުލުހުންނާ ގުޅިގެން ކަމަށްވެސް ވަނީ ވިދާޅުވެފައެވެ.

ރައީސް ނަޝީދު ވިދާޅުވީ ފުލުހުންގެ ތެރޭގައި ބްލެއިކް މެއިލް ރިންގެއް ހިންގާތާ ދެ އަހަރު ވެއްޖެ ކަމަށާއި 43 މީހުންގެ ފޮޓޯ ނަގާފައި އެބަހުރި ކަމަށެވެ. އަދި މިއީ ސަރުކާރު ހިނގާ ގޮތަކީ ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.

އެކަން ދޮގުކޮށް ފުލުހުންގެ ތަރުޖަމާން ބައެއް މީޑިއާތަކަށް ވަނީ ބްލެމެއިލްކުރި މައްސަލަތަކަކާ ގުޅޭ ތަހުގީގު ކުރިއަށްދާ އިރު ބްލެކްމެއިލް ރިންގެއް ފުލުހުންގެ ތެރޭގައި ހިންގާ ކަމުގެ ތުހުމަތެއް ތަހުގީގަށް އެއްވެސް ވަރަކަށް ފާހަގަވެފައި ނުވާ ކަމަށް ވިދާޅުވެފައެވެ.