މާލެ ރައްޔިތުންނަށް ގޯތި ދޫކުރުމުގައި މާލޭ ރަށްވެހިންގެ ގޮތުގައި ކަނޑައަޅާފައި ވާ ޝަރުތެއް ބާތިލުކުރަން ކޯޓަށް ހުށަހަޅުއްވަން ގާނޫނީ ވަކީލަކު ނިންމަވައިފިއެވެ.

މާލޭ ރައްޔިތުންނަށް ދޫކުރާ 5،000 ގޯތީގެ ތެރެއިން 3،000 ގޯއްޗާއި 4،000 ފްލެޓަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައި ވާއިރު އެ ގޯއްޗަށް ކުރިމަތިލެވޭނެ ފަރާތްތައް ބަޔާންކޮށް އުސޫލެއް ވެސް ވަނީ އާންމު ކޮށްފައެވެ.

މިގޮތުން މި އުސޫލުގައިވާ އެއް ޝަރުތެއްގެ ގޮތުގައި އެ މީހަކީ ދުވަހަކު ވެސް މާލޭ ފިޔަވާ އެހެން ރަށެއްގައި ރަޖިސްޓްރީ ވެފައިވާ މީހަކު ކަމުގައި ނުވުމަށް ވަނީ ޝަރުތު ކޮށްފައެވެ.

އެޝަރުތާ ގުޅިގެން ގާނޫނީ ވަކީލު ޝިހާދު އިބްރާހީމް ވިދާޅުވީ، މާލޭ ރަށްވެއްސެއްގެ ގޮތުގައި ރަޖިސްޓަރީ ވެފައިވާ ކޮންމެ މީހަކީވެސް މާލޭގެ ރަށްވެއްސެއް ކަމަށެވެ. އެހެން ކަމުން ވަކިކަމެއްގައި މާލޭ ރައްޔިތުކަން ވަކިގޮތަކަށް މާނަކޮށް ހައްގުތަށް ހަނި ނުކުރެވޭނެ ކަމަށް ޝިހާދު ވިދާޅުވިއެވެ. އަދި މި މާއްދާ ބާތިލު ކުރުމަށް ހައިކޯޓަށް ހުށަހެޅުމަށް ނިންމާފައިވާ ކަމަށް ވެސް ޝިހާދު ވަނީ ވިދާޅުވެފައެވެ.

މާލޭ ރައްޔިތުންނަށް 3000 ގޯތި ދޫކުރުމަށް ނިންމާފައި ވަނީ ހުޅުމާލޭ ފޭސް 2 އިންނާއި ގުޅީފަޅުންނެވެ.

ގޯއްޗަށް އެދި ކުރިމަތިލާ މީހުންގެ ޝަރުތުތައް:

  • މާލޭގެ ރައްޔިތެއްކަމުގައިވުން
  • 18 އަހަރު ފުރިފައިވާ މީހެއްކަމުގައިވުން
  • މާލޭ ސަރަހައްދުގައި އަމިއްލަ ނަމުގައި 600 އަކަފޫޓަށްވުރެ ބޮޑު ތަނެއް ނެތުން
  • 600 އަކަފޫޓަށްވުރެ ބޮޑުތަނެއް ރަޖިސްޓްރީވެފައިވާނަމަ، އެތަނެއް ދޫކޮށްލަން އެއްބަސްވުން
  • އަސާސީ ބޯހިޔާވަހިކަމުގެ ސްކީމަކުން އެއްވެސް ބޯހިޔާވަހިކަމެއް ލިބިފައިވާ މީހެއްކަމުގައި ނުވުން
  • ބަންޑާރަ ގޯއްޗަކުން ބަހައިގެން ވާރުތައިން ލިބެން އޮންނަ ތަނެއް ދޫކޮށްލަން އެއްބަސްވުން
  • އަމިއްލަ ނަމުގައި އޮތް ބަންޑާރަ ގޯއްޗެއް އެހެން ފަރާތަކަށް ދީފައި ނުވަތަ ވިއްކާލާފައިނުވުން

ފްލެޓަށް އެދި ކުރިމަތިލާ މީހުންގެ ޝަރުތުތައް:

  • މާލޭގެ ރައްޔިތެއް ކަމުގައިވުން
  • 18 އަހަރު ފުރިފައިވާ މީހެއްކަމުގައިވުން
  • މާލޭގެ ރަށްވެއްސަކަށްވެފައިވާތާ ނުވަތަ ދިރިއުޅޭތާ 15 އަހަރު ވެފައިވާ ފަރާތެއްކަމުގައިވުން
  • އެއްވެސް މަޝްރޫއަކުން މީގެކުރިން ބޯހިޔާވަހިކަމެއް ލިބިފައިވާ ފަރާތަކަށްނުވުން
  • މާލޭ ސިޓީން 600 އަކަފޫޓުގެ ނުވަތަ އެއަށްވުރެ ބޮޑު ޔުނިޓެއް/ބިމެއް ތަނެއް ގަނެފައިވާ ފަރާތަކަށްނުވުން
  • ވޭތުވެދިޔަ 3 އަހަރުގެ ތެރޭގައި 600 އަކަފޫޓަށްވުރެ ބޮޑު ބިމެއް ވިއްކާފައިނުވުން، މަހަކަށް ޖެހޭ ޖުމްލަ އާމްދަނީ 60،000 ރުފިޔާވުރެ ބޮޑުނުވުން

ގޯއްޗާއި ފްލެޓަށް ވެސް ކުރިމަތިލެވޭނީ ޕޯޓަލް މެދުވެރިކޮށެވެ. މި ޕޯޓަލް މެދުވެރިކޮށް އަންނަ ސެޕްޓެމްބަރުގެ 26 ވަނަ ދުވަހުގެ ނިޔަލަށް ގޯއްޗާއި ފްލެޓަށް އެދުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.