ދައުރުވަމުންދާ، އެއްޖިންސުން ގުޅުން ހިންގާ ފޮޓޯ އަދި ވީޑިއޯތަކުގެ މައްސަލައިގައި މަޖިލީހަށް ކުއްލި މައްސަލަ ހުށަހަޅަން ރައީސް މުހައްމަދު ނަޝީދު ފުރުސަތު ނުދެއްވުމުން ޕީޕީއެމްގެ މެންބަރުން މަޖިލީހުގައި ނުރުހުން ފާޅުކޮށްފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ކުއްލި މައްސަލައެއް ހުށަހެޅާފައިވަނީ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހްމަދު ޝިޔާމާއި މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ)އެެވެ.

ޝިޔާމް ހުށަހެޅުއްވި މައްސަލާގައި ގޮވާލާފައިވަނީ ލިވާތު ކުރުމާއި ގިނަބަޔަކު ބައިވެރިވެގެން ޖިންސީ ގުޅުން ހިންގުންފަދަ ބިރުވެރި ފާހިޝް އަމަލުތައް މުޖުތަމައުގައި ގިނަވަމުން ދާތީ އެކަން ހުއްޓުވައި އެފަދަ ކަންކަން ކުރާ ފަރާތްތަކަށް އިސްލާމީ ޝަރީއަތުގައިވާ ގޮތަށް އަދަބު ދީ އެފަދަ މުންކަރާތްތައް ވަގުތުން ވަގުތަށް ހުއްޓުވުމަށެވެ. އަދި މޮސްޓާ ހުށަހެޅުއްވި މައްސަލާގައި ވަނީ އެކަންކަމުގެ އިތުރުން މަސްތުވާތަކެތި އާންމުވުމާއި މަސާޖު ޕާލާތައް އާންމުވުން ފަދަ ކަންކަމާއި މެދު ކަންބޮޑުވުން ފާޅުކޮށް އެކަންތައް ހުއްޓުވުމަށް ގޮވާލާފައެވެ.

މިއަދުގެ ޖަލްސާ ފައްޓަވަމުން ނަޝީދު ވިދާޅުވީ ދައުރުވަމުންދާ ފޮޓޯތަކަކީ ތުހުމަތެއް ކަމަށާއި އެހެންކަމުން ބައެއްގެ މައްޗަށް ކުރެވޭ ތުހުމަތެއްގެ މައްޗަށް މަޖިލީހުގައި ވާހަކަދައްކަން ފުރުސަތު ދޭން ޖެހޭނެ ކަމަށް ގަބޫލު ނުކުރެވޭ ކަމަށެވެ. އަދި ފޮޓޯގެ ޗެއިން އޮފް ކަސްޓަޑީ އުފެދިފައި އޮތްގޮތް ދެނެނުގަނެ އެއްވެސް މީހެއްގެ އަބުރަށް ގެއްލުންވާ ގޮތައް ދައުލަތުގެ އެއްވެސް މުއައްސަސާއަކުން ކަމެއް ކުރުން އެއީ މިރާއްޖޭގެ އުސޫލުތަކާއި ހަމަތަކާ ހިލާފުކަމެއް ކަމަށެވެ.

ރައީސް ނަޝީދު ވަނީ ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމާއި ސުވާލު ކުރެއްވުމަށް ޝިޔާމަށް ފުރުސަތު ދެއްވާފައެވެ. އެހެންނަމަވެސް ޝިޔާމް ވަނީ ކުއްލި މައްސަލަ ބަލައިނުގަތުމަށް ނިންމުމާ ގުޅިގެން އެކަމާ ނުރުހުން ފާޅުކުރައްވާ އަދި ސުވާލު ކުރުމަށް ބޭނުން ނުވާކަމަށް ވިދާޅުވެ މަޖިލީހުގައި އަޑުގަދަ ކުރައްވާފައެވެ. އަދި އިދިކޮޅު މެމްބަރުން ވަނީ މަޖިލީހުގެ ތަޅުމުގައި އިހުތިޖާޖު ކުރައްވާފައެވެ. އެ އިހުތިޖާޖާ ގުޅިގެން މަޖިލިސް ކުރިއަށް ނުގެންދެވި ހުއްޓާލާފައި އިރުކޮޅަކު ބޭއްވިއެވެ. އެހެންނަމަވެސް މިހާރު އަނެއްކާވެސް މަޖިލިސް ވަނީ އަލުން ފައްޓާފައެވެ.

ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު އުތުރު ދާއިރާގެ މެންބަރު ހުސައިން ޝަހީމް (އަނދުން ހުސައިން) އާއި އިތުރު ފިރިހެނަކާއި އަންހެނަކު ކަމަށް ބުނާ ބަރަހަނާ ހާލުގައި އޮތް ފޮޓޯއެއް ޓުވިޓާގައި ލީކްވެފައި ވާއިރު ރާއްޖެ ޓީވީގެ ކުރީގެ ނޫސްވެރިއަކު ހޯރަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް އެކު އެއް ޖިންސުން ގުޅުން ހިންގާ ވީޑިއޯއެއް ކަމަށް ބުނެވެސް އަންނަނީ ވީޑިއޯއެއް ދައުރުވަމުންނެވެ. މީގެ އިތުރުން ރައީސް ނަޝީދުގެ ކޮއްކޯފުޅު އަދި ގާނޫނީ ވަކީލު ނާޒިމް ސައްތާރު ކަމަށް ތުހުމަތުކޮށް އެއް ޖިންސުން ގުޅުން ހިންގާ ވީޑިއޯއެއް ވަނީ ވައިރަލްވެފައެވެ.

އެކަމާ ގުޅިގެން ރައީސް ނަޝީދު އިއްޔެ ވަނީ ނުރުހުން ފާޅުކުރައްވާ އެކަމަކީ ފުލުހުންނާ ގުޅިގެން ކޮށްފައިވާ ކަމެއްގެ ގޮތުގައި ތުހުމަތު ކުރައްވާފައެވެ.