މަޗް 29، 2015 ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގައި އައިޖީއެމްއެޗް ކައިރިން ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލި މީހާ، މަރުވި މައްސަލައިގައި ބައިވެރިވި ދެމީހަކު 17 އަހަރަށް ޖަލަށް ލާން ހުކުމް ކޮށްފިއެވެ.

މި މައްސަލައިގައި މަރުވެފައި ވަނީ، ދަފްތަރު ނަންބަރު 074، ނޫރު އާދަމް ހަސަންފުޅު ނަކަކަށް ކިޔާ މީހެކެވެ. އޭނާ އަށް ހަމަލާ ދީފައި ވަނީ މަޗް 29، 2015 ވަން ރޭގެ ދަންވަރު 1:42 ހާއިރު، އޭނާ އައިޖީއެމްއެޗްގެ އެމަޖެންސީ ގޭޓް ކުރިމަތިން ބުރުޒު މަގުގައި ޕާކްކޮށްފައި ހުރި ސައިކަލުތަކާ އަރާ ހަމަވި ވަގުތުއެވެ. އެ ވަގުތު ދެ ސައިކަލެއްގައި ހަތަރު މީހަކު އެ ހިސާބަށް ގޮސް ސައިކަލުން ފައިބެ 8 އިންޗި ހުންނަ ވަރުގެ ވަޅިއަކުން ނޫރަށް ހަމަލާދީފައި ވެއެވެ. އަދި އެނާ އަށް ލިބުނު އަނިޔާ ތަކަށް އައިޖީއެމްއެޗްގައި ފަރުވާ ދެމުން ދަނިކޮށް އެރޭ 3:20 ހާއިރު ނޫރު ވަނީ މަރުވެފައެވެ.

ނޫރުގެ މެޑިކަލް ލީގަލް ރެކޯޑު ދައްކާގޮތުގައި އޭނާގެ ބުރަކަށީގެ އަރިމަތިން ފެށިގެން މޭކަށިގަނޑުގެ ކުރިމަތި ފަރާތާ ހަމައަށް ގާތްގަނޑަކަށް 6 ސެންޓިމީޓަރުގެ ޒަހަމެއް ލިބިފައިވެއެވެ. އަދި މެއަށް ތޫނު އެއްޗެއް ހެރުމުގެ ސަބަބުން ފުއްޕާމެއަށް ލޭ އެޅި ގިނަ އަދަދެއްގެ ލޭ ބޭރުވެ ޝޮކެއް ޖެހި ހިތް ހުއްޓިފައިވާ ކަމަށް އެ ރެކޯޑުން އެނގެން އޮވެއެވެ.

މި މައްސަަލައިގައި ދައުވާ އުފުލާފައިވާ ދެމިހުންނަކީ ޏ. ފުވައްމުލައް، ޝައިނީ، މުހައްމަދު ސަމީހް އާއި ޏ. ފުވައްމުލައް، ނޯވެލް، މުހައްމަދު ޝަމްލުއެވެ. މި ދެމީހުންނަކީ އެ ހާދިސާގައި ނޫރުއަށް ހަމަލާދިނުމަށް އެތަނަށް ދެ ސައިކަލެއްގައި ދިޔަ އިރު އެ ސައިކަލުތައް ދުއްވަން ތިބި މީހުންނެވެ. އަދި މި މައްސަލައިގައި ހިމެނޭ މީހުންނަކީ "ބިސްބުރު" ގްރޫޕަށް ނިސްބަތްވާ ހަތަރު މީހުން ކަމަށް ބުނެއެވެ.

މި ދެމީހުންނަކީ ނޫރު ގަތުލު ކުރި އިރު ސީދާ ނޫރަށް ހަމަލާ ދިން މީހުން ކަމުގައި ނުވިޔަސް އެ ދެމީހުންނަކީ ނޫރަށް ހަމަލާދިން ގާތިލާ ބައިވެރިވި ބައެއް ކަމަށް އޮވެއެވެ. ކުށުގެ އަމަލު ކުރި ފަރާތުގެ އިތުރުން ކުށްކުރިއިރު އޭނާއާ އެކު ބައިވެރިވި މީހުން ގާނޫނީ ޒިންމާ އުފުލަންޖެހޭ ކަން ގާނޫނުލްއުގޫބާތުގެ 30 ވަނަ މާއްދާގެ (ހ) ގެ (3) ގައި ބުނެފައި ވެއެވެ. ބިރު ދެއްކުމާއި ނުރައްކާތެރި ހަތިޔާރު ގެންގުޅުން މަނާކުރުމުގެ ގާނޫނޫގެ ދަށުން މި މައްސަލައިގައި ޝަމާހު އާއި ޝަމްލު ކުށެވެރިވެފައިވާ ކުށަށް ކަނޑައެޅޭނެ އަދަބަކީ 15 އަހަރާއި 25 އަހަރު ދުވަހުގެ މުއްދަތަކަށް ޖަލަށް ލުމެއެވެ.

މި މައްސަލައިގެ ޝރީއަތް މިއަދު ނިންމާފައި ވާއިރު، މި މައްސަލައިގައި އެ ހުކުމް ކުރި ދެ މީހުންނަށް އެ ދައުވާ އުފުލާފައި ވަނީ މެއި 6، 2015 ގައެވެ. މި މައްސަލައިގައި އެ ދެމީހުންގެ މައްޗަށް އުފުލި ދައުވާއަށް އިންކާރު ކޮށްފައި ވިޔަސް އެ ދެމީހުންނާ ހިލާފަށް ގިނަ ބަޔަކު ވަނީ މި މައްސަލައިގައި ހެކި ބަސް ދީފައެވެ.

މިއަދު ކްރިމިނަލް ކޯޓުގައި މި މައްސަލައިގެ ހުކުމް ކުރި އިރު، އެ ކޯޓުން ނިންމާފައި ވަނީ، މި ކުށުގެ ޒާތާއި ބާވަތަށް ބަލާއިރު، އެއްވެސް ސިފައަކުން ދައުވާ ލިބޭ ފަރާތުން ބައިވެރިވެފައި ވާތީ، މިފަދަ ކުށްތަކަށް އެހެން މީހުން އަރައިގަތުން ދުރުކޮށް މަދުކުރެވޭނީ ގާނޫނުގައި ކަނޑައެޅިފައިވާ އެންމެ ހަރުކަށި އަދަބު ކަނަޑައަޅައިގެން ކަމަށް އެ ކޯޓުން ވަނީ ނިންމާފައެވެ. އެހެންކަމުން ސަމީހު އާއި ޝަމްލު 25 އަހަރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފައި ވެއެވެ.

ނަމަވެސް އެ ފަރާތްތަަށް ބަންދުގައި 7 އަހަރާއި 2 މަހާއި 13 ދުވަސް ހޭދަކޮށްފައި ވާތީ، ހުކުމުން އެ މުއްދަތު އުނި ކުރުމަށް ފަހު އެ މީހުން ދެން ހޭދަކުރަން ޖެހޭނީ 17 އަހަރާއި 9 މަހާއި 15 ދުވަހުގެ ޖަލު ހުކުމެކެވެ.