އެއް ޖިއްސުން ގުޅުން ހިންގި ކަމަށް ކުރެވޭ ތުހުމަތުތައް، ހޯރަފުށި ދާއިރާގެ މެންބަރު އަހްމަދު ސަލީމް (ސައްލެ) ދޮގު ކުރައްވައިފިއެވެ.

ރާއްޖެ ޓީވީގެ ކުރީގެ ނޫސްވެރިއަކު އެއް ޖިންސުން ގުޅުން ހިންގާ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ދައުރު ވާން ފަށާފައި ވާއިރު، އެ ވީޑިއޯއިން ދެން ފެންނަ މީހަކީ ސައްލެ ކަމަށް ވަނީ ސޯޝަލްމީޑިއާގައި ތުހުމަތު ކޮށްފައެވެ.

ފުލުހުންގެ ކޮމިޝަނަރު މުހައްމަދު ހަމީދަށް ފޮނުއްވި ސިޓީއެއްގައި ސައްލެ ވިދާޅުވީ، އޭނާ އެއް ޖިންސުން ގުޅުން ހިންގި ކަމަށް ފަތުރަމުންދާ ވާހަކަތަކަކީ ކަނޑައެޅިގެން ދޮގެއް ކަމަށެވެ.

ސައްލެ ވިދާޅުވި ގޮތުގައި، އޭނާ އަކީ ރައްޔިތުންތަކެއް ތަމްސީލުކުރައްވާ ބޭފުޅެއް ކަމަށް ވާއިރު، އޭނައަށް ރައްދުވާ ގޮތަށް ލިޔެފައިވާ ވާހަކަތައް ފުލުހުން ބަލަން ޖެހޭނެއެވެ. އޭނާ ވިދާޅުވީ:

  • އެމީހަކާއެކު އެ އަމަލު ހިންގި ފަރާތް ދެނެގަންނަން ފުލުހުންނަށް އުނދަގޫ ނުވާނެ ކަމަށް
  • އެ އަމަލު ނުކުރާ ކަން ސާބިތުކޮށްދޭން އޭނާ އަށް ކުރެވޭނެ މާ ބޮޑު ކަމެއް ނެތް ކަމަށް
  • ދައުރުވަމުންދާ އެ ވީޑިއޯގެ ހަގީގަތް ހާމަކޮށްދިނުމަކީ ފުލުހުންގެ ޒިންމާއެއް ކަމަށް

އެހެންކަމުން އެ މައްސަލަ އުސޫލުތަކާ އެއްގޮތަށް ތަހްގީގު ކުރުމަށް ފަހު، އެ އަމަލު ކުރިކަމުގެ ހެއްކެއް ލިބިފައިވާ ނަމަ، އޭނާ އާ މެދު ގާނޫނީ ފިޔަވަޅު އެޅުމަށާއި، ތަހްގީގަށް ފާހަގަކުރެވުނު ކަންކަމުގެ ތަފްސީލް އާންމުންނަށް ހާމަ ކޮށްދެއްވުމަށް ސައްލެ ވަނީ އެދިވަޑައިގެންފައެވެ.

ސައްލެ މިފަދައިން ފުލުހަށް ސިޓީ އެއް ފޮނުއްވާފައި ވަނީ، އެމްޑީޕީގެ ބައެއް މެންބަރުންތަކެއް އެއް ޖިއްސުން ގުޅުން ހިންގި ކަމަށް ތުހުމަތު ކުރެވޭ މަންޒަރުތަކެއް ފެންމަތިވުމާ ގުޅިގެންނެވެ. އެގޮތުން، މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޯފުޅު އަދި ގާނޫނީ ވަކީލު ނާޒިމް އަބްދުއްސައްތާރު ކަމަށް ބެލެވޭ މީހެއްގެ ވީޑިއޯ އަކާއި، ހެންވޭރު އުތުރު ދާއިރާގެ މެންބަރު ހުސައިން ޝަހީމް ކަމަށް ބެލެވޭ މީހެއްގެ ފޮޓޯއެއް ވެސް ވަނީ އާންމުވެފައެވެ. ދެ ބޭފުޅުން ވެސް އެ ތުހުމަތުތަކަށް އިންކާރު ކުރައްވައެވެ.