ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މި ދުވަސްވަރު ހަލުވި ކަމާއެކު ފެތުރެމުންދާ މަންކީޕޮކްސް ބަލިމަޑުކަން، މިވަގުތު އޮތީ "ބައިނަލްއަގުވާމީ ސިއްހީ ކުއްލި ނުރައްކަލުގެ" ހާލަތުގައި ނޫން ކަމަށް، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ކަނޑައަޅާ، އެކަން އިއުލާން ކޮށްފިއެވެ.

މަންކީޕޮކްސް ބަލިމަޑުކަން އޮތީ ބައިނަލްއަގުވާމީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި ނޫން ކަމުގައި ވީ ނަމަވެސް، ބައްޔަށް ފާރަވެރިވުމަށް އެ ޖަމިއްޔާއިން ވަނީ ގޮވާލާފައެވެ.

ޑަބްލިއުއެޗްއޯގެ ތަފާސް ހިސާބުތަކަށް ބަލާއިރު ދުނިޔޭގެ އެކި ކަންކޮޅުތަކުން 50 އަށް ވުރެ ގިނަ ގައުމުން، މަންކީޕޮކްސް ބަލީގެ 3000 އެއްހާ ކޭސް ވަނީ ފެނިފައެވެ. އެއީ މެއި މަހުގެ ފަހުން ފެނި، ރެކޯޑް ކުރި އަދަދުތަކެވެ.

މީގެ ކުރިން އާންމު ގޮތެއްގައި އެފްރިކާ ސަރަހައްދުން ފެންނަމުން ދިޔަ މަންކީޕޮކްސް ބަލީގެ ކޭސްތައް ދުނިޔޭގެ އެކި ހިސާބުތަކުގައި ހަލުވިކަމާއެކު ފެތުރެން ފެށުމާއެކު، ބައިނަލްއަގުވާމީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތަށް އެ ބަލި ގޮސްފައި ވޭތޯ ބެލުމަށް، ޑަބްލިއެއެޗްއޯގެ ޑައިރެކްޓާ ޖެނެރަލް ޑރ ޓެޑްރޯޑް އެޑަނޮމް ގެބްރިޔޭސޫސް ރިޔާސަތު ބެލެހެއްޓެވި މަޝްވަރާތަކެއް ވަނީ ކުރިއަށް ގެންގޮސްފައެވެ.

މަޝްވަރާތަކަށް ފަހު ޑަބްލިއުއެޗްއޯއިން އާންމު ކުރި ބަޔާނުގައި ބުނެފައި ވަނީ ބަލިމަޑުކަމުގެ ކޭސްތައް އިތުރުވެގެން ދިޔަ ގޮތުގައި އާދަޔާ ހިލާފު ކަންތައްތަކެއް ހުރި ކަމަށެވެ. އަދި ކޭސްތަކާ މެދު މާ ބޮޑު ސަމާލުކަމެއް ނުދީ ދޫކޮށްލާފައި އޮންނަތާ އަހަރުތަކެއް ވެފައި ވާ ކަމަށްވެސް ޑަބްލިއުއެޗްއޯއިން ވަނީ ފާހަގަ ކޮށްފައެވެ.

ބައިނަލްއަގުވާމީ ސިއްހީ ކުއްލި ނުރައްކަލުގެ ދަރަޖައަށް މަންކީޕޮކްސް ބަލިމަޑުކަން ބަދަލުވެއްޖެ ކަމަށް ޑަބްލިއުއެޗްއޯއިން ކަނޑައެޅި ނަމަ، އެ ބައްޔާ މެދު އަމަލު ކުރާނީ 2019 އަހަރުގެ ފަހުކޮޅުން ފެށިގެން މުޅި ދުނިޔެއަށް ކުރިމަތިލާން ޖެހިފައިވާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)އާ އެއް ދަރަޖައެއްގައި، އެ އުސޫލުންނެވެ.