ދިވެހިރާއްޖެ ބަދަލުކުރި ޕާޓީ އަކީ އެމްޑީޕީ ކަމަށާއި ރައްޔިތުންނަށް އިޖުތިމާއީ ރައްކާތެރިކަން ފޯރުކޮށްދިނީ ވެސް އެޕާޓީން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖއެވެ.

އެމްޑީޕީގެ އަހަރީ ދުވަހާ ގުޅިގެން ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ދިވެހިރާއްޖެ ބަދަލުކުރި ޕާޓީ އަކީ އެމްޑީޕީ ކަމަށާއި ހާއްސަކޮށް ޓެކްސްގެ ނިޒާމެއް ތައާރަފްކޮށް ދައުލަތުގެ އާއްމުދަނީ އިތުރުކޮށް ރައްޔިތުންނަށް އިޖުތިމާއީ ރައްކާތެރިކަން ފޯރުކޮށްދިނީ އެމްޑީޕީ ކަމަށް ނަޝީދު ވިދާޅުވިެއެވެ.

ނަޝީދު ވަނީ އެމްޑީޕީގެ މެންބަރުންނަށާއި ތާއިދު ކުރާ ހުރިހާ ފަރާތްތަކަށް މަރުހަބާ ވެސް ދަންނަވާފައެވެ.

ނަޝީދު މިހެން ވިދާޅުވެފައިވާއިރު އެމްޑިޕީގެ އެތެރޭގެ އިންތިހާބް ފެއްޓި އިރު އެމްޑީޕީ ވަނީ ދެބައި ވެފައެވެ. ދެ ފެކްޝަނެއްގެ ގޮތުގައި ރައީސް ސޯލިހާއި ރައީސް މުހައްމަދު ނަޝީދާ އެއްކޮޅަށް ތިބި މެންބަރުން ދެބައި ވެފައިވާ އިރު ދެން އެންމެ ވާދަ ވެރި އިންތިހާބަކަށް ވާނީ އަންނަ ރިޔާސީ އިންތިހާބަށް ނަގާ ޕްރައިމަރީ ވޯޓް ކަމަށް ބެލެވެއެވެ.

އެމްޑީޕީގެ ފަރާތުން ރިޔާސީ އިންތިހާބަށް ރައީސް ނަޝީދު ވާދަކުރައްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވެފައިވާ އިރު ރައީސް ސޯލިހްވެސް ވަނީ ވާދަ ކުރައްވާނެކަން އިއުލާން ކުރައްވާފައެވެ.

ދާދި ފަހުން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ، އެންމެ މުހިންމީ އެމްޑީޕީއަށް ވެރިކަން ލިބުން ކަމަށާއި އެއީ ރާއްޖެއަށް އެންމެ ފައިދާ ބޮޑު ގޮތް ކަމަށެވެ. އަދި ސަރުކާރުން ރައްޔިތުންނަށްޓަކައި ގިނަ މަޝްރޫއުތައް ފަށާފައި ވާއިރު، ކުރިއަށް އޮތް އަހަރުތަކުގައި އެ މަޝްރޫއުތައް ނުހުއްޓި ކުރިއަށްދާން ޖެހޭ ކަމަށް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި، އެމްޑީޕީން ވެރިކަން ދަމަހައްޓަން އެދޭ ނަމަ، އެމަނިކުފާނު ހުންނެވީ ތައްޔާރަށް ކަމަށެވެ.

"އަޅުގަނޑު ދޭނެ ޔަގީން ކަމަކީ އަޅުގަނޑަށް ކާމިޔާބު ކުރެވޭނެ ކަމުގެ ޔަގީންކަން އޮތް ވާހަކަ ރިޔާސީ އިންތިހާބު 2023. އެމްޑީޕީއަށް ވެރިކަން ކުރަން ބޭނުން ކަމަށް ވަންޏާ އަޅުގަނޑު މިހުރީ ޗޮއިސްއެއް،" ރައީސް ވިދާޅުވިއެވެ.

ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީއާއި ހެލްތް މިނިސްޓަރު އަހުމަދު ނަސީމުގެ އިތުރުން އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ އާއި ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް އާއި ރައީސް އޮފީހުގެ މިނިސްޓަރު އަހުމަދު ސަމީރު ވަނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެ ބޭފުޅުންގެ ތާއީދު އޮތީ ރަައީސް ސޯލިހަށް ކަމަށް ވިދާޅުވެ އެކަން ހާމަކުރައްވާފައެވެ.