ކ. ގުރައިދޫ ގެސްޓްހައުސްއެއް ތެރޭ ފަތުރުވެރިއަކު މަރުވެފައި އޮއްވާ ފެނިއްޖެއެވެ.

ފަތުރުވެރިޔާ މަރުވެފައި އޮއްވާ ފެނިފައިވަނީ އޯޝަން ރިޓްރީޓް އެންޑް ސްޕާ ނަމަކަށް ކިޔާ ގެސްޓްހައުސް އިންނެވެ.

"ދަ ޕްރެސް" އަށް މައުލޫމާތު ދެއްވަމުން ގުރައިދޫ ކައުންސިލްގެ ރައީސް ހުސައިން ޔާމިން މުހައްމަދު ވިދާޅުވީ އެއަންހެނުން ފަތުރުވެރިޔާގެ ހަށިގަނޑު ފެނިފައިވަނީ އިއްޔެ އިރުއޮއްސި 6:30 ހާކާއިރު ކަމަށެވެ.

އަދި މީހާރު އެމީހާގެ ހަށިގަނޑު މާލެ ފޮނުވާލާފައިވާ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

އާމިން އިތުރަށް ވިދާޅުވީ އެ ފަތުރުވެރިޔާ އެ ގެސްޓްހައުސްގައި ހުރީ އެކަނި ކަމަށާއި އޭނާގެ މަރާ މެދު ޝައްކު ކުރެވޭ އެއް ވެސް ކަމެއް ނެތް ކަމަށެވެ.

އެއަންހެން މީހާގެ ހަށިގަނޑު ވަރަށް ބޮޑަށް ކުނިވެފައިވާ ކަން ފާހަގަކުރައްވާ ޔާމީން ވިދާޅުވީ އެމީހާ މަރުވިތާ ގާތްގަނޑަކަށް އެއް ދުވަހަށް ވުރެ ގިނަ ދުވަސްވެފައިވާ ކަމަށް ފުލުހުން ބުނެފައިވާ ކަމަށެވެ.

މި ހާދިސާއާ ގުޅިގެން ފުލުހުންގެ ބަހެއް އަދި ނުލިބެއެވެ.