ކ. ގުރައިދޫގެ ގޯއްޗަކާއި އެ ގޯތީގައިވާ އިމާރާތްތައް ނީލަމުގައި ވިއްކާލަން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އިއުލާންކޮށްފި އެވެ.
ބީއެމްއެލް އިން ބުނީ، "ވެލި" ނަމަކަށް ކިޔާ ބަންޑާރަ ގޯއްޗާއި އެ ގޯތީގައިވާ އެންމެހާ އިމާރާތްތައް ނީލަމުގައި ވިއްކާލުމަށް ހުޅުވާލާފައިވާ ކަމަށެވެ. 2،000 އަކަފޫޓުގެ މި ގޯތީގެ ނީލަން ފެށޭ އަގަކީ 920،500 (ނުވަލައްކަ ވިހިހާސް ފަސްސަތޭކަ) ރުފިޔާއެވެ.
އަދި ނީލަން ހުށަހެޅުމުގެ އެންމެ ފަހު ތާރީހަކީ މި މަހުގެ 10 ވަނަ ދުވަހުގެ 12:00 ކަމަށް ވެއެވެ.
ބީއެމްއެލް އިން ބުނީ، މުއްދަތު ހަމަވާ ތާރީހާ ހަމައަށް ނީލަމަށް ހުށަހަޅާ ފަރާތްތަކުގެ ތެރެއިން އެވަގުތު އެތަނަށް ހާޒިރުވެ ތިބޭ ފަރާތްތަކުގެ ހާޒިރުގައި ސިޓީތައް ކަނޑައި އެންމެ މަތީ އަގު އިއުލާން ކުރެވޭނެ ކަމަށެވެ.
އަދި ކޮންމެ ދުވަހެއްގެ އެންމެ މަތީ އަގު ބޭންކުގެ ވެބްސައިޓުން ފެންނާނެ ކަމަށް ބީއެމްއެލްއިން ބުނެއެވެ. ހަމައެހެންމެ ނީލަން ނިންމާލެވޭނީ އެންމެ މަތީ އަގު ކަމަށް އިއުލާން ކުރެވޭ އަގަށް ބަދަލެއް ނައިސް، އިއުލާންކުރެވޭ ތާރީހުން ފެށިގެން ޖެހިޖެހިގެން 05 ފަސް ދުވަސް ވަންދެން (ސަރުކާރު ބަންދުދުވަސްތައް ނުހިމަނާ) އެއް އަގެއްގައި އޮތުމުން ކަމަށްވެސް އެ ބޭންކުން ވަނީ ބުނެފައެވެ.
ހުސްވި އަހަރުވެސް ހުޅުމާލެއިން ނީލަމުގައި ގޯއްޗެއް ވިއްކާލާފައި ވެއެވެ. އެފަހަރު ގޯތި ނީލަމުގައި ވިއްކާލީ ހައުސިންގް ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން( އެޗްޑީއެފްސީ) އިން ނެވެ. އާންމު ގޯތި ވިއްކާލަނީ ލޯނު ނުދައްކައި އޮވެ، އޭގެ ދަރަނި ކޯޓުން ސާބިތުވުމުންނެވެ.