ރާއްޖޭގައި ބޮޑުވެފައި ވާ ޑްރަގް މައްސަލަ ހައްލުކުރަން މިހާރު އޮތް "ދިއުޅިދިގު" ނިޒާމް ބަދަލުކުރަން ޖެހޭ ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ރޭ ވިދާޅުވެއްޖެއެވެ.
އުމަރު މިހެން ވިދާޅުވީ، މަސްތުވާތަކެއްޗާ ދެކޮޅަށް މަސައްކަތްކުރާ ބައިނަލްއަގުވާމީ ދުވަސް ފާހަގަކުރުމަށް ރޭ އޭނާ އިންތިޒާމް ކުރައްވައިގެން ރަސްރަނި ބަގީޗާގައި ބޭއްވި ޖަލްސާއެއްގައި ވާހަކަ ދައްކަވަމުންނެވެ.
އުމަރު ވިދާޅުވީ، ވެސްޓަން އޮސްޓްރޭލިއާގައި ޑްރަގާ ދެކޮޅަށް ގެންގުޅޭ މޮޑެލް އެއް ރާއްޖެ ގެނެސް، ރާއްޖޭގެ ގާނޫނު އެގޮތަށް ބައްޓަން ކޮށްފައި އޮތުމަކީ ހެދި ވަރަށް ބޮޑު ގޯހެއް ކަމަށާއި އެ މޮޑެލް ރާއްޖެއަށް ތައާރަފު ކުރި އިރު، އެ މޮޑެލް އަކީ އޭރުވެސް އޮސްޓްރޭލިއާގައި ރަނގަޅަށް މަސައްކަތް ނުކުރާ މޮޑެލް އެއް ކަމަށް، ރާއްޖެ އައި އޮސްޓްރޭލިއާގެ އޮފިސަރުން ބުނި ކަމަށް އުމަރު ވިދާޅުވިއެވެ. އަދި ރާއްޖެއަށް އެ މޮޑެލް ނުގުޅޭ ކަމަށާއި، އެހެން މޮޑެލް އެއް ހޯދަން އެމީހުން އޭރު ލަފާ ދިން ކަމަށްވެސް އުމަރު ވިދާޅުވިއެވެ.
ނަމަވެސް އޭރު އޮތް ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުން ނިންމީ އެ މޮޑެލް ގެންނަން ކަމަށާއި އެއީ ވަރަށް "ދިއުޅިދިގު" މޮޑެލްއެއް ކަމަށް އުމަރު ވިދާޅުވިއެވެ.
ރާއްޖޭގައި މިހާރު އަމަލު ކުރާ މަސްތުވާތަކެއްޗާ ބެހޭ ގާނޫނު އޮތް ގޮތުން މަސްތުވާ އެއްޗެހި ބޭނުންކުރާ މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔުމަށް ފަހު އެ ހިނގާ މަރުހަލާތަައް ކަޑައްތު ކޮށް ރިހެބިލިޓޭޝަން ސެންޓަރަކާ ހަމައަށް ދެވެނީ، ދެ އަހަރު ދުވަހު މަސައްކަތް ކޮށްގެން ކަމަށް އުމަރު ވިދާޅުވިއެވެ.
އުމަރު އިތުރަށް ވިދާޅުވީ ވެސްޓަން އޮސްޓެރޭލިއާގެ މޮޑެލް އަށް އަމަލުކުރަމުން ދިޔުމުގެ ނަތީޖާއެއްގެ ގޮތުން އެތައް ކުށްތަކަކަށް ދައުވާ ނުކޮށް ރާއްޖޭގައި ދޫކޮށްލާފައި ހުރި ކަމަށާއި ރާއްޖޭގެ ޑްރަގް މައްސަލަ ހައްލުކުރެވޭނީ މިހާރު އޮތް ވެސްޓަން އޮސްޓްރޭލިއާގެ މޮޑެލް ދޫކޮށްލާ ވަގުތުން ވިފަވަޅު އެޅޭނެ ގާނޫނީ ނިޒާމަކަށް ބަދަލުވެގެން ކަމަށެވެ. އުމަރު ވިދާޅުވީ، އޭނާގެ ހޯމް މިނިސްޓަރުކަމުގައި އާ ގާނޫނެއް ފަރުމާ ކޮށް އެޓާޏީ ޖެނެރަލް އަށް ހުށަހެޅުއްވި ކަމަށާއި، އެ ޑްރާފްޓް އަދިވެސް ވީ އެ އޮފީހުގައި ކަމަށެވެ.
މީގެ އިތުރުން އުމަރު ފާހަގަ ކުރެއްވި އަނެއް މައްސަލައަކީ، މަސްތުވާތަކެތި ބޭނުން ކުރި މީހުން ރާއްޖޭގެ ކުދި ރަށްރަށަށް އަރުވާލުމުގެ ނުބައި ސަގާފަތެވެ. އޭނާ ވިދާޅުވީ، މީގެ 30 ވަރަކަށް އަހަރު ކުރިން ސުރެ ފެށިގެން މަސްތުވާތަކެތީގެ މައްސަލަތަކުގައި ހުކުމް ކުރަމުން ދިޔަ މީހުން ރާއްޖޭގެ އެކި އެކި ރަށްރަށަށް އަރުވާުމުގެ ނަތީޖާ އަކީ، ތަމްރީނުވެގެން ރަށަކަށް ދާ ހެލްތުވީކަރެއްގެ ފަރާތުން ނުކުންނަ ފަދަ ނަތީޖާއެއް ކަމަށެވެ. މުޅި ރަށަށް ޑްރަގްގެ ވަބާ ފެތުރިގެން ދިޔައީ އެ ސަބަބާ ހުރެ ކަމަށް އުމަރު ވިދާޅުވިއެވެ.
އުމަރު ދެން ފާހަގަ ކުރެއްވީ، މިހާރު އަމަލު ކުރާ ކުޑަކުދިންގެ ގާނޫނު ގެނައުމުން ދިމާވި މައްސަލަތަކެވެ. އެގޮތުން އޭނާ ވިދާޅުވީ، ކުޑަކުދިންނާ ބެހޭ ގާނޫނު ގެނެސްގެން އާއިލީ ބާރުތައް މައިންބަފައިންގެ އަތުން އަތުލުމަކީ މަސްތުވާތަކެތީގެ މައްސަލަތައް ނުހުއްޓި ގޯސްވާން މެދުވެރިވި ސަބަބެއް ކަމަށެވެ.
އެއާއެކު ސްކޫލުތަކުގެ ތެރެއަށްވެސް މަސްތުވާތަކެތި ވަނީ ކަމަށާއި، ޓީޗަރުންނާއި ސްކޫލުގެ ވެރިންނަށްވެސް ދަރިވަރުންގެ މައްޗަށް ބަސް ނުކިޔޭ ހިސާބަށް ކަންކަން ދިޔައީ ކަމަށެވެ.
މިހާރު ވެސް މަސްތުވާތަކެތީގެ ޝިކާރައަކަށް ވެފައިތިބި 23،000 މީހުން ރާއްޖޭގައި ތިބި ކަން ފާހަގަކުރައްވާ އުމަރު ވިދާޅުވީ، އެ ވަބާގައި ޖެހިފައިތިބޭ މީހުން އަލުން މުޖުތަމައަށް ނެރެން ސަރުކާރުތަކުން ހާއްސަ ސަމާލުކަމެއް ދޭން ޖެހޭ ކަމަށެވެ.
މި މައްސަލަ މިހާތަނަށްވެސް ހައްލު ނުވެ ދަނީ، ސަރުކާރުތަކުން އެކަން ކުރަން ފަސްޖެހޭތީ ކަމަށާއި، އެކަން ހައްލު ކުރެވޭނީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުން ހުއްޓުވަން މަސްތުވާތެކެތި ހިފައިގެން ރާއްޖޭގެ އިގްތިސާދީ ސަރަހައްދުތަކަށް ވަންނަ އުޅަނދުތަކަށް ބަޑިޖަހާ ފައްތާލައިގެން ކަމަށާއި މަސްތުވާތަކެތީގެ ވިޔަފާރި ކުރާ މީހުން މެރުމުގެ އިތުރުން، މަސްތުވާތަކެތި ބޭނުން ކުރާ މީހުން ލަސްވެގެން 24 ގަޑިއިރު ތެރޭގައި ފަރުވާއާ ހަމައަށް ގެންދެވޭނެ ގޮތަށް އިންތިޒާމްތައް ހަމަޖެއްސިގެން ކަމަށެވެ.
އުމަރު އިތުރަށް ވިދާޅުވީ، ރާއްޖެއަށް ދިމާވެފައިވާ ޑްރަގްގެ މައްސަލަ ހައްލު ކުރައްވާނީ އޭނާ ކަމަށާއި އެހެން ކަމުން އޭނާއަށް 2023 ގައި ރައީސްކަން ބޭނުންވާ ކަމަށެވެ. ރޭގެ ޖަލްސާގައި އުމަރަށް ތާއީދު ކުރާ ގިނަ ބަޔަކު ތިއްބެއެވެ.