ރެކްޓާ މިންގަނޑުން 6.1 ގެ ބާރު މިނުގައި އައި ވަރުގަދަ ބިންހެލުމާއެކު އިންތިހާ ގެއްލުންވެފައިވާ އަފްގާނިސްތާނަށް ބައިނަލްއަގުވާމީ އެއްބާރުލުން ބޭނުން ވާ ކަމަށް، އޯގަސްޓް 2021 ގައި އެ ގައުމުގެ ކޮންޓްރޯލް ނެގި، ހަތިޔާރު އެޅި ހަނގުރާމަވެރި ތޯލިބާން ޖަމާއަތުން ގޮވާލައިފިއެވެ.

އިއްޔެގެ ބާރުގަދަ ބިންހެލުމުގައި މަރުވި މީހުންގެ އަދަދު 1000 އަށް ވުރެ މައްޗަށް އަރާފައި ވާ އިރު، ޒަހަމްވީ މީހުންގެ އަދަދު 1500 އަށް އަރައެވެ. އަފްގާނިސްތާނުގެ ގެތަކަކީ އާންމު ގޮތެއްގައި ޗަކަ-ކިސަޑުން ހަދާފައި ހުންނަ ގެތަކަކަށް ވާ އިރު، ބިންހެލުމާއެކު ވެއްޓުނު އިމާރާތްތަކުގެ ދަށުގައި ވަޅުލެވިފައިވާ މީހުންގެ އަދަދު އަދިވެސް ސާފެއް ނުވެއެވެ.

ބިންހެލުމުގައި އެންމެ ބޮޑު އަސަރެއް ކޮށްފައި ވަނީ ދެކުނު އިރުމަތީ ޕަކްތިކާ ޕްރޮވިންސަށް ކަމަށް ވާ އިރު، އދއިން ދަނީ ކުއްލި ހާލަތުގެ ހިޔާވަހިކަމާއި ކާބޯތަކެތީ އެހީ ފޯރުކޮށްދިނުމަށް މަސައްކަތް ކުރަމުން ކަމަށް ހަބަރު ލިބެއެވެ.

އަފްގާނިސްތާނުގައި ވެއްޓިފައިވާ އިމާރާތްތަކެއްގެ ކައިރީގައި ބަޔަކު މަޑުކޮށްލައިގެން / ފައިލް ފޮޓޯ: ހިންދުސްތާން ޓައިމްސް

ނަމަވެސް، ބޯކޮށް ވާރޭ ވެހެމުން ދިއުމާއި ވަސީލަތްތަކުގެ ދަތިކަން ހުރުމުގެ ސަބަބުން، ރެސްކިއު މަސައްކަތަށް ހުރަސް އެޅެމުން ދާ ކަމަށް މައުލޫމާތު ލިބެއެވެ.

ބިންހެލުން އުފެދުނު ސަރަހައްދާ ކައިރި ހިސާބުތަކުގައި ވާ އަވަށްތައް މުޅިންހެން ބިމާ ހަމަވެފައި ވާ އިރު، މަގުތަކާއި ސެލްފޯން ޓަވަރުތައް ހަލާކުވެފައި ވާ ކަމަށް މައުލޫމާތު ލިބެއެވެ. އެހެން ކަމުން މަރުވި މީހުންގެ އަދަދުތައް އަދިވެސް އިތުރުވުން އެކަށީގެންވެއެވެ.

ބިންހެލުން އުފެދިގެން އައި ހޯސްތު ސިޓީގެ 27 ބޭރުން ކަމަށް ވާ އިރު، ލޮޅުމުގެ އަސަރު، ޕާކިސްތާނާއި އިންޑިއާއަށްވެސް ފޯރިއެވެ.

ބިންހެލުން ކުރިމަތިވިއިރުވެސް އަފްގާނިސްތާނަކީ އިންސާނީ އަދި އިގުތިސޯދީ ކާރިސާއެއްގައި އޮތް ގައުމަކަށް ވާ އިރު، ހާލުގައި ޖެހި، އެހީއަށް ބޭނުންވެފައި ވާ މީހުންނަށް އެންމެ ފުރިހަމަ ގޮތުގައި މާލީ އެހީތެރިކަން ފޯރުކޮށްދެވެމުން ނުދާ ކަން، ތޯލިބާނުންގެ އިސް އޮފިޝަލަކު ވަނީ ފާހަގަ ކޮށްފައެވެ.

އަފްގާނިސްތާނުގެ އަވަށްޓެރި ގައުމުތަކާއި ދުނިޔޭގެ ބާރުތަކުން މިހާރު ވަނީ އަފްގާނިސްތާނަށް އެހީ ފޯރުކޮށްދޭން ފަށާފައެވެ. ނަމަވެސް މިއީ ފާއިތުވީ އެތައް އަހަރެއްގައި އަފްގާނިސްތާނު ތަޖުރިބާ ކޮށްފައި ނުވާ ފަދަ ވަރުގަދަ ބިންހެލުމެއް ކަމުން، އަދިވެސް އިތުރު އެހީ ބޭނުން ވާ ކަމަށް ތޯލިބާން އޮފިޝަލު ވަނީ ފާހަގަ ކޮށްފައެވެ.

ގުދުރަތީ ގޮތުން އަފްގާނިސްތާނު އުފެދިފައި އޮންނަނީ ބިމުގެ ލޮޅުންތައް ގިނަ ސަރަހައްދެއްގައެވެ. ނަމަވެސް ސިލްސިލާ ގޮތެއްގައި ދެމިގެންދިޔަ ހަމަނުޖެހުންތަކާ ހަނގުރާމަތަކުގެ ސަބަބުން، ގުދުރަތީ ކާރިސީ ހިރާސް ކުޑަ ކުރުމަށް، އަފްގާނިސްތާނުގައި އެކަށީގެންވާ ފެންވަރުގެ މަސައްކަތްތަކެއް އަދި ކުރެވިފައެއް ނެތެވެ.

ފާއިތުވީ 10 އަހަރެއްހާ ދުވަހަށް ބަލާއިރު، ބިންހެލުމުގެ އެކި ހާދިސާތަކުގައި އަފްގާނިސްތާނުން މަރުވި މީހުންގެ އަދަދު 7000 އަށް ވުރެ މައްޗަށް އަރައެވެ.