އަފްގާނިސްތާނަށް އައި ބާރުގަދަ ބިންހެލުމުގައި މަރުވި މީހުންގެ އަދަދު 920 އަށް އަރާފައި ވާ ކަމަށް އެ ގައުމުގައި ވެރިކަން ހިންގަމުން އަންނަ ހަތިޔާރު އެޅި ހަނގުރާމަވެރި ތޯލިބާން ޖަމާއަތުގެ އޮފިޝަލުން ހާމަ ކޮށްފިއެވެ.

ބިންހެލުމުގެ ހާދިސާގައި ޒަހަމްވި މީހުންގެ އަދަދުވެސް އެތައް ސަތޭކައަކަށް އަރާ ކަމަށް މައުލޫމާތު ލިބެއެވެ.

އަފްގާނިސްތާނުގެ މަސްރަހުން ލިބެމުންދާ މަންޒަރުތަކަށް ބަލާއިރު ކިސަޑުން ހަދާފައިވާ ގެތަށް ބިމާ ހަމަވެފައިވާ ސަރަހައްދުތަކުގައި، ހާލުގައި ޖެހިފައިވާ މީހުންނަށް އެހީވުމަށް ރެސްކިއު ޓީމުތަކުން ދަނީ ހަރަކާތްތެރިވަމުންނެވެ. އެކަހެރި ހިސާބުތަކުގައި އަނިޔާ ލިބިފައި ތިބި މީހުން ހޮސްޕިޓަލުތަކަށް އުފުލަމުން ދަނީ ހެލިކޮޕްޓަރުތަކުގައެވެ.

ތޯލިބާނު ލީޑަރެއް ކަމަށް ވާ ހައިބަތުއްލާ އަހުންޒާދާ ވަނީ އެތައް ސަތޭކަ ގެއެއް ހަލާކުވެފައި ވާ ކަމަށާ، މި ހާދިސާގައި މަރުވި މީހުންގެ އަދަދު އަދިވެސް އިތުރުވުން އެކަށީގެންވާ ކަމަށް ބުނެފައެވެ.

ތޯލިބާނު އޮފިޝަލުން ވަނީ ހާލުގައި ޖެހިފައިވާ ސަރަހައްދުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް، އެހީދޭ ޖަމިއްޔާތަކަށް ގޮވާލާފައެވެ.

އެތައް އަހަރަކަށް ހަނގުރާމައާއާއި ހަމަނުޖެހުންތައް ދިގުލާ ގޮސްފައި އޮތުމުން، ބިންހެލުން ފަދަ ގުދުރަތީ ކާރިސާތަކުން ކުރާ ނޭދެވޭ އަސަރު ކުޑަ ކުރުމަށް ނުވަތަ އެފަދަ ބޮޑު ކާރިސާއަކުން ރައްކާތެރިވުމަށް، އަފްގާނިސްތާނުގައި އެކަށީގެންވާ ފެންވަރުގައި މަސައްކަތްތަކެއް ކުރެވިފައެއް ނެތެވެ.

އަފްގާނިސްތާނުގެ ހޯސްތު ސިޓީގެ 27 މޭލު އިރުދެކުނަށް، ޖީއެމްޓީ ގަޑިން ރޭ 21:00 ގައި ބިންހެލުން އައީ ރެކްޓާ މިންގަނޑުން 6.1ގެ ބާރު މިނުގައި ކަމަށްވެސް މައުލޫމާތު ލިބެއެވެ. ބިންހެލުން އައިސްފައި ވަނީ 51 ކިލޯމީޓަރު އަޑިއަށެވެ.

ބިންހެލުމާ ގުޅިގެން އުފެދުނު ލޮޅުންތަކުގެ އަސަރު، ޕާކިސްތާނާއި އިންޑިއާއަށްވެސް ކުރި ކަމަށް ހަބަރު ލިބެއެވެ.

ޕާކިސްތާނުގެ ވެރިރަށް އިސްލާމްއާބާދަށްވެސް ބިންހެލުން އިހުސާސް ކުރެވުނު ކަމަށް ހަބަރު ލިބެއެވެ. ނަމަވެސް ބިންހެލުމުގެ ހާދިސާގައި އެ ގައުމުން މީހެއްގެ ފުރާނައަށް ގެއްލުން ވި ކަމުގެ ރިޕޯޓެއް ނުލިބެއެވެ.