ކޮވިޑް-19 ވެކްސިންގެ 3 ޑޯޒް ފުރިހަމަކޮށްފައިވާ ފަރާތްތަކުގެ ތެރެއިން 65 އަހަރުން މަތީގެ މީހުންނާއި ބަލިޖެހުމުން ނުރައްކާ ބޮޑުވެދާނެ ފަރާތްތަކަށް 4 ވަނަ ޑޯޒް ޖަހަން ހެލްތް ޕރޮޓެކްޝަން އެޖެންސީން ބުނެފިއެވެ.
އެޗްޕީއޭ އިން ބުނީ، ކޮވިޑް-19 ވެކްސިންގެ 3 ޑޯޒް ފުރިހަމަކޮށްފައިވާ ފަރާތްތަކުގެ ތެރެއިން 65 އަހަރުން މަތީގެ މީހުންނާއި ބަލިޖެހުމުން ނުރައްކާ ބޮޑުވެދާނެ ފަރާތްތަކަށް 4 ވަނަ ޑޯޒްގެ ގޮތުގައި 2 ވަނަ ބޫސްޓާ ޖެހުމަށް ހަމަޖެހިފައިވާ ކަމަށެވެ. މި ޑޯޒް ޖަހާނީ މީގެ ތެރެއިން ކޮވިޑް-19 ގެ ފުރަތަމަ ބޫސްޓާ 3 ވަނަ ޑޯޒް ޖެހި ފަހުން 4 މަސް ދުވަސް ފުރިހަމަވެފައިވާ ފަރާތްތަކަށް ކަމަށް އެޗްޕީއޭ އިން ބުނެއެވެ.
ދިފާއީ ނިޒާމު ބަލިކަށި މީހުންގެ ތެރޭގައި ހިމެނެނީ:
- ހަށިގަނޑުގެ ގުނަވަނެއް ބަދަލުކޮށްފައިވާ މީހުން
- އިމިއުނޯސަޕްރެންޓް ނުވަތަ ހަށިގަނޑުގެ ދިފާއީ ބާރު ދެރަކުރާފަދަ ބޭސްތައް ބޭނުންކުރާ މީހުން
- ދިގުމުއްދަތަށް ސްޓެރޮއިޑްގެ ބާވަތްތައް ބޭނުންކުރާ މީހުން (ދުވާލަކު 10 މިލިގްރާމް ނުވަތަ އެއަށްވުރެ މަތީ ޑޯޒެއް 1 މަހުގެ މުއްދަތަށްވުރެ އިތުރަށް ބޭނުންކުރުން)
- ގަވައިދުން ޑަޔަލިސިސް ހަދަމުންދާ މީހުން
- ކެންސަރު ބަލީގެ ފަރުވާލިބެމުންދާ މީހުން ނުވަތަ ކެންސަރު ބައްޔަށް ފަރުވާކޮށްނިމި އަހަރެއް ނުވާ މީހުން.
ބަލިޖެހުމުގެ ސަބަބުން ނުރައްކާ ބޮޑުވެދާނެ ފަރާތްތައް:
- އިސްކޮޅާ އަޅާ ބަލާއިރު ބަރުދަން މަތި މީހުން ބީއެމްއައި 40 އިން މަތީގައިވާ މީހުން
- ފުއްޕާމޭގެ ބައްޔެއްގެ ސަބަބުން ގޭގައި އޮކްސިޖަން ތެރަޕީގެ ފަރުވާ ލިބެމުން ދާމީހުން ނުވަތަ ގޭގައި އޮކްސިޖަން ތެރަޕީ ދޭން ޖެހޭކަމަށް ޑޮކްޓަރު އިރުޝާދު ދެއްވާފައިވާ މީހުން.
- ސީ.އޯ.ޕީ.ޑީ ،ބްރޮންކިއެކްޓަސިސް ، ،ސިސްޓިކް ފައިބްރޯސިސް، އިންޓަރސްޓިޝިއަލް ލަންގް ޑިޒީޒް، ފަދަފުއްޕާމޭގެ ބައްޔަށް ފަރުވާކުރާ މީހުން
- ލިވާ ސިރޯސިސް ފަދަ ފުރަމޭގެ ބައްޔެއްގައި ފަރުވާދީފައިވާ މީހުން
- ހަކުރުބަލީގެ ސަބަބުން ގުނަވަނަކަށް ގެއްލުން ވެފައިވާ ފަރާތްތައް
- އުމުރުން ދުވަސްވުމުގެ ސަބަބުން ނުވަތަ ބައްޔެއްގެ ސަބަބުން އެނދުމަތިވެފައިވާ މީހުން
މަތީގައި ބަޔާންކޮށްފައިވާ ފަރާތްތަކުގެ ތެރެއިން ވެކްސިންގެ 3 ވަނަ ޑޯޒް ފުރިހަމަ ކުރިތާ 4 މަސްވެފައިވާ ފަރާތްތަކަށް މާދަމާއިން ފެށިގެން ފައިޒާ ވެކްސިންގެ ޖަހައި ދެވޭނެ ކަމަށް އެޗްޕީއޭއިން ބުނެއެވެ. މާލެ ސަރަހައްދުގައި ވެކްސިން ޖެހުމަށް ހަމަޖެހިފައި ވަނީ އެޕޮއިންޓްމެންޓް އުސޫލުން ކަމަށް އެޗްޕީއޭ އިން ބުނެއެވެ. އަތޮޅުތެރޭގައި ވެކްސިންޖެހުމުގެ އިންތިޒާމު ހަމަޖެހިފައިވާ ގޮތް އެރަށެއްގެ ހޮސްޕިޓަލް ނުވަތަ ސިއްހީ މަރުކަޒުން އާއްމު ކުރާނެ ކަމަށް އެޗްޕީއޭ އިން ބުނެއެވެ.
ވެކްސިން ޖެހުމަށް ޝަރުތު ހަމަވާ ފަރާތްތަކުން މި ލިންކް މެދުވެރިކޮށް އެޕޮއިންޓްމަންޓް ހެއްދުމަށް އެޗްޕީއޭ އިން ބުނެއެވެ. އެ ގޮތުން މާދަމާއިން ފެށިގެން މާލެ ސަރަހއްދުން ވެކްސިން ޖަހަން ހަމަޖެހިފައި ވަނީ ހުޅުމާލެ ހޮސްޕިޓަލުންނެވެ. އަދި މި މަހުގެ 26 އިން ފެށިގެން ދަރުމަވަންތަ ހޮސްޕިޓަކުންނާއި ދަމަނަވެށިން ވެކްސިން ޖެހައިދޭނެ ކަމަށް އެޗްޕީއޭއިން ބުނެއެވެ.
މީ ނިމުމެއް އޮތްކަމެއްނޫންތަ؟ 3 ވަނަ ޑޯޒް ނުޖަހާ މީހުންކޮބާ؟