މއ. އެދުރުގޭ ހަސަން ޝާހިދު (ޝާޑު) މަރާލި ކަމުގެ ކުށް ސާބިތުވެ, އުމުރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުން ގެންދާ އޭނާގެ ކުރީގެ އަނބިމީހާ ހ. ބައިކަނޑިގޭ, މަރިޔަމް ނަޒާހާގެ އޭނާ މަރާލީ އެ ދެމީހުންގެ ދަރިފުޅު ބަލަން ޖެހޭތީ އެކަމާ މެދު ހިތްހަމަ ނުޖެހިގެން އުޅުމަށްފަހު ކަމަށް ދައުލަތުން ބުނެފިއެވެ.
ޖޫން 2010 ގައި ޝާޑު މަރުވީ އޭނާގެ ބުރަކައްޓަށް ނަޒާހާ ވަޅިއެއް ޖެހުމުން ލިބުނު އަނިޔާތަކަށް ފަރުވާދެމުން ދަނިކޮށެވެ. އެ މައްސަލައިގައި ދައުލަތުން ނަޒާހާގެ މައްޗަށް އުފުލި ގަސްދުގައި މީހަކު މަރާލުމުގެ ކުށުގެ ދައުވާ ސާބިތުވެ، ނަޒާހާ 25 އަހަރަށް ޖަލަށް ލާން ދަށު ކޯޓުން ހުކުމްކުރީ 2011 ގައެވެ.
އެ މައްސަލަ ހައިކޯޓުގައި ނަޒާހާގެ ފަރާތުން އިސްތިއުނާފުކުރުމުންވެސް ދަށު ކޯޓުގެ ހުކުމަށް އެ ކޯޓުން ވަނީ ތާއީދުކޮށްފައެވެ. އެ މައްސަލަ ނަޒާހާގެ ފަރާތުން ސްޕްރީމް ކޯޓުގައި އިސްތިއުނާފުކޮށްގެން މިހާރު ކުރިއަށްގެންދާއިރު މިއަދު އޮތް ޝަރީއަތުގެ އަޑުއެހުމުގައި ދައުލަތުން ވަނީ ޝާޑަށް ހަމަލާ ދިނީ އެ ދެ މީހުންގެ ދަރިފުޅު ބަލަން ޖެހޭތީ ނަޒާހާ އެކަމާ ވަރަށް ހިތްހަމަނުޖެހިގެން އުޅުމަށް ފަހު ކަމަށާއި އެކަމާ ގުޅިގެން ނަޒާހާ ޝާޑަށް ގިނަ މެސެޖުތަކެއް ކޮށްފައި ހުރި ކަމަށެވެ.
އެ މައްސަލަ ކޯޓަށް ހުށައެޅުމުން އިތުރަށް ރުޅި އައިސް ނަޒާހާ ޝާޑުއަށް މެސެޖުތަކެއް ކޮށްފައިވާއިރު އޭނާ ވަނީ އެ މައްސަލާގައި ކޯޓަށް ހާޒިރުނުވެއެވެ. އަދި ޝާޑަށް ހަމަލާ ދިން ދުވަހަކީވެސް ކޯޓަށް ހާޒިރުކުރުމަށް ޗިޓު ހަވާލުކުރަން ދިޔަ ދުވަހެއް ކަން ފާހަގަކޮށް ދައުލަތުން ބުނީ އެ ދުވަހު ޝާޑު ތަކުރާރުކޮށް ގުޅުމުން ވެސް ނަޒާހާ ފޯނު ނުނެގި ކަމަށާއި ފޯނު ނުނެގުމުން ޝާޑު ގެއަށް އަންނާނެކަން ނަޒާހާއަށް އެނގޭ ކަމަށެވެ.
ނަޒާހާ ތަކުރާރުކޮށް ބުނެފައިވަނީ ޝާޑަށް ހަމަލާ ދިނީ އަމިއްލަ ދިފާއުގައި ކަމަށާއި އަދި އެކަން ސާބިތުކުރުމަށް ނަޒާހާގެ ވަނީ އެ ހާދިސާ އޭނާ އަމިއްލައަށް ފުލުހުންނަށް ރިޕޯޓުކުރި ކަމަށާއި ހަމަލާ ދިން ވަޅި އަމިއްލައަށް ފުލުހުންނަށް ދެކި ކަމަށް ބުނެފައެވެ. ނަމަވެސް ދައުލަތުން ވަނީ ނަޒާހާ ފުލުހުންނަށް ގުޅީ އެ ނޫން ގޮތެއް އޭނާއަށް ނެތުމުން ކަމަށާއި ޝާޑަށް ހަމަލާ ދިނުމުން އޭނާ ނުކުމެގެން ގޮސް ވަނީ ފިހާރައަކަށް ކަމަށެވެ. އަދި ފުލުހުން އައިސް ޝާޑު ހޮސްޕިޓަލަށް ގެންދިޔަ އިރު ވެސް ނަޒާހާ މަގުމަތީގައި ބަލަހައްޓައިގެން ހުރި ކަމަށް ހެއްކަށް ރިއާޔަތްކޮށް ދައުލަތުން ފާހަގަކުރިއެވެ.
އެ ދުވަހު ފުލުހުން ދިޔައިރު ނަޒާހާ ކްރައިމް ސީނުގައި ހުރި ލޭތައް ފޮހެ، އެ ފޮހުނު ފޮތިގަނޑާއި ވަޅި ވެސް ކޮތަޅަކަށް ލާފައި އޮތުމުން ދައުލަތުން ވަނީ ހެކި ނައްތާލަން މަސައްކަތް ކުރި ކަމަށްވެސް ބުނެފައެވެ.