ދުނިޔޭގެ އަމާންކަމާއި ރައްކާތެރިކަން ކަށަވަރުކުރުމުގައި އަންހެނުން ބާކީނުކޮށް، ގައުމުތަކާ ގުޅިގެން، އިތުބާރާއި އެކުވެރިކަމުގެ ރޫހެއްގައި މަސައްކަތްކުރަން ޖެހޭ ކަމަށް މިނިސްޓާ އޮފް ޑިފެންސް މާރިޔާ އަހްމަދު ދީދީ ވިދާޅުވެއްޖެއެވެ.

މާރިޔާ މިހެން ވިދާޅުވީ، ރުވާންޑާގެ ވެރިރަށް ކިގާލީގައި މިހާރު ކުރިއަށްދާ ކޮމަންވެލްތު ވިމެންސް ފޯރަމްގެ "ސެޝަން އޮން ވިމެންސް އެންގޭޖްމަންޓް އިން ޕީސް އެންޑް ސެކިއުރިޓީ" ގައި ވާހަކަ ދައްކަވަމުންނެވެ. މިއީ ކޮމަންވެލްތު ވިމެންސް ފޯރަމްގައި ދިވެހިރާއްޖޭގެ ވަޒީރަކު ވާހަކަ ދެއްކެވި ފުރަތަމަ ފަހަރެވެ.

މާރިޔާގެ ވާހަކަގައިވަނީ، ބައިނަލްއަގްވާމީގޮތުން ސަލާމަތާއި ރައްކާތެރިކަމަށް ހުރި "ހައިބްރިޑް ތްރެޓު" ތަކާއި ގޮންޖެހުންތައް ނުހަނު ފުޅާވެ، އުނދަގޫވެފައިވާ ދަނޑިވަޅެއްގައި، އެއްވެސް ގައުމަކަށް އެގައުމެއްގެ ސަލާމަތާއި ރައްކާތެރިކަން އަމިއްލަޔަށް ކަށަވަރުކުރުމަކީ މުސްތަހީލު ކަމެއްކަން ފާހަގަކުރައްވާފައެވެ.

މިގޮންޖެހުންތަކާއި "ހައިބްރިޑް ތްރެޓު"ތަކުން އަރައިގަތުމަށް ކުރާ މަސައްކަތުގައި އަންހެނުން ބާކީކޮށްގެން ނުވާނެ ކަމަށް މާރިޔާ ވަނީ ވިދާޅުވެފައެވެ. ސަބަބަކީ، ސަލާމަތީގޮތުން އަންނަ ލޮޅުންތަކާއި ކުރިމަތިވާ ކާރިސާތަކުން އެންމެ ބޮޑު ގެއްލުމަކާއި ބުރައެއް އުފުލަންޖެހޭ ބަޔަކީ އަންހެނުންނާއި ކުޑަކުދިންކަމުގައި ވާތީކަމަށް މާރިޔާ ވަނީ ވިދާޅުވެފައެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން ރެކޯޑު އަދަދަކަށް އަންހެން ވަޒީރުން އައްޔަންކުރައްވާފައިވާކަން ފާހަގަކުރައްވާ، މާރިޔާ ވިދާޅުވީ، ރާއްޖޭގެ ދިފާއާއި ސަލާމަތަށް ކުރިމަތިވެފައިވާ ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލުމަށްޓަކައި އަންހެން ވަޒީރަކު އައްޔަންކުރައްވަން ރައީސް ނިންމެވި ނިންމެވުމަކީ ވަރުގަދަ، ތާރީހީ ނިންމެވުމެއް ކަމަށެވެ.

އަންހެނުންނަށް އިސް މަގާމުތައް ހަވާލުކުރުމުން، މިންތީގެ ހަމަހަމަކަން ގާއިމްކުރުމަށް ބާރުލިބި، ވަށާޖެހިފައިވާ ޒަމާނީ ނިޒާމަކަށް ފެތޭ ހަމަތަކާއި އުސޫލުތަކާއި ނަޒަރިއްޔާތުތައް ތައާރަފުވެ، އަދި އޭގެ އެދެވޭ ނަތީޖާއާއި އަސަރުތައް، ދިފާއީ، ސަލާމަތީ ދާއިރާއަށް ވެސް ފެތުރި، ދައުރުވެގެންދިޔުމަށް މަގުފަހިވާކަމަށް މާރިޔާ ވަނީ ވިދާޅުވެފައެވެ.