އާއިލީ ގޮތުން ގުޅުންހުރި ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މީހަކަށް ބައި ގަރުނަށް ވުރެ ބޮޑު ޖަލު ހުކުމެއް އަތުވެއްޖެއެވެ.

ޖިންސީ ގޯނާގެ އެކި މައްސަލަތަކާ ގުޅިގެން 57 އަހަރުގެ ޖަލު ހުކުމެއް އައިސްފައިވަނީ ވ. އަތޮޅުގެ ރަށަކަށް ނިސްބަތްވާ މީހަކަށެވެ. މިއީ ފަހުގެ ތާރީހެއްގައި ކްރިމިނަލް ކޯޓުން މިހާ ގިނަ ދުވަހަށް މީހަކު ޖަލަށް ލާން ހުކުމްކުރި ފުރަތަމަ ފަހަރެވެ.

އެ މައްސަލައިގައި އޭނާގެ މައްޗަށް 57 އަހަރުގެ ޖަލު ހުކުމެއް ކޮށްފައިވާއިރު، އޭނާގެ މައްޗަށް ކުރި ފަސް ދައުވާގެ ތެރެއިން ތިން ދައުވާއެއް ސާބިތުވެއެވެ. އެގޮތުން އޭނާގެ މައްޗަށް ސާބިތުވާ ދައުވާތަކަކީ:

  • އިތުބާރު ކުރަންޖެހޭ މަގާމެއްގައި ހުރި މީހަކު، ޖިންސީ އަމަލެއް ބަޔަކު ހިންގާ މަންޒަރު ދެއްކުން (15 އަހަރު)
  • އިތުބާރު ކުރަންޖެހޭ މަގާމެއްގައި ހުރި މީހަކު، އެ ކުއްޖާ އަށް ދެއްކުމުގެ މަގްސަދުގައި ޖިންސީ އަމަލެއް ހިންގުން (17 އަހަރު)
  • އާއިލާގެ މެންބަރަކު، އެ އާއިލާގެ ކުޑަކުއްޖަކާ އެކު ޖިންސީ ގުޅުން ހިންގުމުގެ ކުށް (25 އަހަރު)

ނަމަވެސް، ކުޑަކުއްޖެއްގެ ހަށިގަނޑުގައި ޖިންސީ ނިޔަތެއް އޮވެގެން އަތްލި ދައުވާ އާއި، އޮރިޔާން ކާޑު ގެންގުޅުމުގެ ދައުވާ އޭނާގެ މައްޗަށް ސާބިތުނުވާ ކަމަށް އެ ހުކުމްގައިވެއެވެ.

އެ މައްސަލައާ ގުޅިގެން އޭނާ ދެ އަހަރާއި ނުވަ މަހާއި ދެ ދުވަސް ހޭދަކޮށްފައި ވާތީ، އެ މުއްދަތު ވަނީ އޭނާގެ ހުކުމުން އުނިކޮށްފައެވެ.

ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މައްސަލަތަކުގައި އެ ކުދިންގެ މަސްލަހަތު ހިމާޔަތް ކުރުމުގެ ގޮތުން އެފަދަ މައްސަލަތަކުގެ ތަފްސީލެއް އެއްވެސް އިދާރާއަކުން އާންމެއް ނުކުރެއެވެ. ކުޑަކުދިންގެ މަސްލަހަތު ހިމެނޭތީ އެފަދަ މައްސަލަތަކުގެ ތަފްސީލް އާންމު ކުރުމަކީ މަނާ ކަމެކެވެ.