ރާއްޖޭގައި ހަދަން ޕްލޭން ކުރި ފްލޯޓިން ސިޓީގެ މަސައްކަތް ސަރުކާރުން ހުއްޓުވާފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ނަޝީދު މިހެން މިދާޅުވީ، އެމްޑީޕީގެ އިސް މެމްބަރުންތަކެއް ތިއްބަވާ ވަޓްސްއެޕް ގްރޫޕަށް ނަޝީދު ފޮނުއްވި މެސެޖެއްގައެވެ.

އެމެސެޖުގައި ނަޝީދު ވިދާޅުވީ، މި ސަރުކާރުން މިހާރު ފްލޯޓިން ސިޓީގެ މަސައްކަތް ކުރިއަށް ނުގެންދަން ނިންމާފައިވާ ކަމަށާއި އެގޮތަށް ނިންމީ އެ ޕްރޮޖެކްޓާ އެ މަނިކުފާނާ ވެސް ގުޅުމެއް އޮތުމުން ކަމަށެވެ.

މީގެ އިތުރުން ފްލޯޓިން ސިޓީގެ މަސައްކަތް ހުއްޓުވި އިރު، އެކަމަށް އެންވަޔަރަމަންޓް މިނިސްޓަރު އައިމިނަތު ޝައުނާ ވެސް ވޯޓް ދެއްވި ކަމަށާއި އެކަމަކު މި ޕްރޮޖެކްޓަކީ އެއްވެސް ދަރަންޏެއް ނެތް ބިލިއަން ޑޮލަރުގެ އިންވެސްޓްމަންޓެއް ކަމަށް ނަޝީދު ވިދާޅުވިއެވެ.

"ގަބޫލުކުރެވެނީ އަޅުގަނޑުގެ ނަން ހިމެނޭ ޕްރޮޖެކްޓެއްކަމުން ކުރިއަށް ނުގެންދަވަނީ ކަމަށް
ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު

ނަޝީދު އިތުރަށް ވިދާޅުވީ ފްލޯޓިން ސިޓީގެ މަސައްކަތް ކުރެވޭނެ މަގެއް ޑަޗް ކުންފުންޏަށް ސަރުކާރުން މިހާތަނަށް ދައްކާފައި ނުވާ ކަމަށެވެ. އަދި މިހާރު ގަސްދު ކުރައްވަނީ އެ މަޝްރޫއު ކުރިއަށް ނުގެންދެވޭނެ ކަމަށް ޑަޗް ކުންފުންޏަށް ލަފާއަރުވަން ކަމަށް ނަޝީދު ވިދާޅުވިއެވެ.

މޯލްޑިވްސް ފްލޯޓިން ސިޓީ މަޝްރޫއު އަކީ 2021 ވަނަ އަހަރުގެ މާޗް މަހުގެ 14 ވަނަ ދުވަހު އިފްތިތާހު ކުރި މަޝްރޫއުއެކެވެ.

މޯލްޑިވްސް ފްލޯޓިން ސިޓީގައި ދިރިއުޅުމަށް ވިއްކާ ގެތަކުގެ އިތުރުން ޔޮޓު މެރީނާ އަކާއި ފަސްތަރީގެ ދެ ރިސޯޓު އަދި ކުދި ޕިކްނިކް އައިލެންޑްތައް ހެދުމަށް ހަމަޖެހިފައި ވެއެވެ. މީގެއިތުރުން ހޮސްޕިޓަލާއި، ސްކޫލާއި، ޝޮޕިންމޯލްގެ އިތުރުން ކައުންސިލާއި ސަރުކާރު އޮފީސްތައް ވެސް ހެދުމަށް ނިންމާފައި ވާ ކަމަށް މި ޕްރޮޖެކްޓް ހިންގާ ޑަޗް ޑޮކްލޭންޑުން ބުނެއެވެ.