ދެ އަހަރު ވެގެން ދިޔައިރު ވެސް އެއްވެސް ފޯމެއް ހުށަހަޅާފައި ނުވާތީވެ، "އާންމު ރައްޔިތުންގެ ޕާޓީ" ގެ ނަމުގައި ސިޔާސީ ޕާޓީ އެއް އުފައްދަން ދިން ހުއްދަ ބާތިލްކޮށްފިއެވެ.

އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އިސްމާއީލް ހަބީބް އިއްޔެ ވިދާޅުވީ، އާންމު ރައްޔިތުންގެ ޕާޓީ އުފެއްދުމަށްޓަކައި ދިން މުއްދަތުގައި އެއްވެސް ފޯމެއް ހުށަހަޅާފައި ނުވާތީ، އެ ޕާޓީ އުފައްދަން ދިން ހުއްދަ އެ ކޮމިޝަނުން ބާތިލްކޮށްފައިވާ ކަމަށެވެ.

އާންމު ރައްޔިތުންގެ ޕާޓީގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަނުން 2020 ފެބްރުއަރީގައި ދީފައި ވަނީ އަހްމަދު ސައީދު، ކަނަންދޫގެ / އައްޑޫ ހިތަދޫ އަށެވެ.

އެ ޕާޓީ އުފެއްދުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަނުން އޭރު ދިން އިރު، އެ ޕާޓީގެ ނަން، މިހާރު ސިޔާސީ ޕާޓީގެ ދަފްތަރުގައި އޮތް ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީ) އާ އެއްގޮތްކަން ފާހަގަ ކުރެވެއެވެ. ނަމަވެސް 2019 ވަނަ އަހަރުގެ ފަހުކޮޅު "މޯލްޑިވްސް ޖަސްޓިސް ޕާޓީ"ގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފައްދަން ހުށަހަޅާފައިވާއިރު، އެ ޕާޓީ އުފެއްދުމުގެ ހުއްދަ ދީފައި ނުވަނީ އަދާލާތު ޕާޓީ އާ ނަން އެއްގޮތްވުމުން ކަމަށް، އިލެކްޝަންސް ކޮމިޝަނުން އޭރު ބުންޏެވެ. އަދާލަތު އިނގިރޭސި ބަހަށް ތަރުޖަމާ ކުރުމުން ދޭހަވަނީ "ޖަސްޓިސް،" މި ބަހެވެ.

މީގެ ކުރިން ވެސް އެކި ނަންނަމުގައި ސިޔާސީ ޕާޓީ އުފެއްދުމުގެ ހުއްދައަށް އިލެކްޝަންސް ކޮމިޝަންގައި އެކި ފަރާތްތަކުން އެދިފައިވާއިރު، ހުށަހަޅާފައިވާ ނަންތަކުގެ ސަބަބުން، އެ ޕާޓީތައް އުފެއްދުމުގެ ހުއްދަ ނުދޭން އެ ކޮމިޝަނުން ނިންމާފައިވެއެވެ.

އިލެކްޝަންސް ކޮމިޝަންގައި މިހާރު ވެސް 11 ސިޔާސީ ޕާޓީއެއް ރަޖިސްޓްރީކޮށްފައިވެއެވެ.

ސިޔާސީ ޕާޓީތަކުގެ ގާނޫނު ބުނާ ގޮތުން، ޕާޓީއެއް ރަޖިސްޓްރީ ކުރުމަށްޓަކައި މަދުވެގެން 3،000 މެންބަރުން ބޭނުންވެއެވެ.