އިންޓަނޭޝަނަލް ޔޯގާ ދުވަހާ ގުޅިގެން ގަލޮޅު ދަނޑުގައި މިއަދު ސަރުކާރުން ކުރިއަށް ގެންދިޔަ ޔޯގާ ހަރަކާތްތައް ބަޔަކު ހުއްޓުވައި ހަމަނުޖެހުން ހިންގުމާ ގުޅިގެން، އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނަށް ތުހުމަތުކޮށް ފުލުހުން ނެރުނު ބަޔާން އެ ކޯލިޝަނުން ދޮގުކޮށްފިއެވެ.
މިއަދު ގަލޮޅު ދަނޑުގައި ކުރިއަށް ގެންދިޔަ ޔޯގާ ހަރަކާތް ހުއްޓުވައި ހިންގި ހަމަނުޖެހުމަށް ބޭނުންކުރި ބައެއް ތަކެތި ނެރުނީ ޕީޕީއެމްގެ އޮފީހުން ކަމަށް ބުނެ ނެރުނު ބަޔާނުގައި ފުލުހުން ބުނީ:
- އެ ހަރަކާތަށް ހުރަސް އަޅައި، އެ ތަނުގައި ތިބި މީހުންނާ ދެކޮޅަށް ބިރުވެރިކަން އުފެދޭ ގޮތަށް ބަޔަކު ވަތް ކަމަށް
- ބައެއް މީހުންނަށް ހަމަލަދީ، ތަކެއްޗަށް ގެއްލުން ދިން މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުންދާ ކަމަށް
- އެ ހަމަނުޖެހުން ހިންގި މީހުންގެ މައްސަލަ ތަހްގީގު ކުރަމުން ދާ ކަމަށް
- އެ މީހުންނާ މެދު ގާނޫނީ ފިޔަވަޅު އެޅުމުގެ މަސައްކަތް ކުރަމުންދާ ކަމަށް
ފުލުހުން ބަޔާން ނެރެފައިވާއިރު، އަދި ހަމަނުޖެހުން ހިންގަން ބޭނުންކުރި ބައެއް ސާމާނު ޕީޕީއެމްގެ އޮފީހުން ނެރުނު މަންޒަރު ހިމެނޭ ފޮޓޯތަކެއް ސޯޝަލް މީޑިއާގައި ދައުރުވެފައިވާއިރު، އެ މައްސަލަ ބައްލަވާނެ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވެސް ވިދާޅުވެފައިވެއެވެ.
ޕީޕީއެމްގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވީ، އެ ކޯލިޝަނުން އަބަދު ވެސް ހަރަކާތްތައް ހިންގަނީ ދުރާލާ ރާވައި، އިއުލާނުކޮށް، ފުލުހުންނަށް މައުލޫމާތު ހިއްސާ ކުރުމަށް ފަހުގައި ކަމަށެވެ.
ވުމާއެކު، ޔޯގާގެ ހަރަކާތްތައް ހުއްޓުވުމަށްޓަކައި މިއަދު ހިންގި ހަމަނުޖެހުމުގައި އެ ކޯލިޝަންގެ އެއްވެސް އަތެއް ނެތް ކަމަށް އޭނާ ވިދާޅުވިއެވެ.
ގަލޮޅު ދަނޑުގައި ހެނދުނު 6:30 ހާއިރު ޔޯގާ ހަރަކާތް ފެށެން އުޅެނިކޮށް ހަމަނުޖެހުން ހިނގައި ދިޔަ އިރު، ފުލުހުން އެކަމަށް ތައްޔާރުވެފައި ނެތުމުން ދޭހަވީ ސަރުކާރު ފެއިލްވެފައިވާ މިންވަރު ކަމަށް، އަދުރޭ ވިދާޅުވެއެވެ.
އެއާއެކު، އޭނާ ވިދާޅުވި ގޮތުގައި، އިދިކޮޅުން ރާވައި ހިންގާ ހަރަކާތްތަކުގައި ހަމަނުޖެހުން ހިންގަފާނެ ކަމަށް ބުނެ، ފުލުހުން އިދިކޮޅުގެ ހަރަކާތްތައް އެތައް ފަހަރެއްހެ މަތިން ހުއްޓުވައި، ޕީޕީއެމްގެ އޮފީސް ކުރިމަތީގައި ފޯރިމަރާފައިވެއެވެ. އެހެންކަމުން އޭނާ ވަނީ، މިއީ އިދިކޮޅުގެ ބޮލުގައި މި ހަމަނުޖެހުން އެޅުވުމަށް ސަރުކާރުން ގަސްދުގައި ކުރި ކަމެއް ކަމަށް ތުހުމަތު ކުރައްވައިފައެވެ.
އަދުރޭ ވިދާޅުވީ، ކަމާބެހޭ ފަރާތްތަކުގެ ތަހްގީގަށް އިދިކޮޅުން އެއްބާރުލުން ދޭނެ ކަމަށެވެ. އަދި އެ މައްސަލައާ ގުޅިގެން ފުލުހުން ކުރަމުންދާ ތަހްގީގު އަވަސް ކުރުމަށް އޭނާ ގޮވައިލެއްވިއެވެ.
"ޕީޕީއެމުން އަބަދުވެސް އޮންނާނީ މި ގައުމުގެ ސުލްހަ މަސަލަސްކަން ދެމެހެއްޓުމުގަ." އަދުރޭ ވިދާޅުވިއެވެ.
އިތުރަށް އޭނާ ވިދާޅުވީ، މިއަދު ހަމަނުޖެހުން ހިނގައި ދިޔައިރު، އެ ސަރަހައްދުގައި ޕީޕީއެމްގެ އިތުރުން، އެހެން ޕާޓީތަކަށް ނިސްބަތްވާ މެންބަރުން ވެސް ތިބެދާނެ ކަމަށެވެ. ނަމަވެސް، އެ ޕާޓީއަކަށް ނިސްބަތްވާ މީހަކު ކަމެއް ކުރުމުން، އެ ޕާޓީއަކަށް ތުހުމަތުގެ އިނގިލި ދިއްކުރުމަކީ އާންމު ކަމެއް ކަމަށް އޭނާ ފާހަގަކުރައްވައި، ސުވާލު ކުރައްވާފައިވެއެވެ.
"މާރުކޭޓުގަ މަސް ގަންނަން ގޮސް ތިބޭ ޕީޕީއެމުން، އެތާ މާރާމާރީއެއް ހިންގީމަ އެއީ ޕީޕީއެމުން ކުރި ކަމަކަށްތޯ ވާނީ؟"
މިއަދު ހިނގި ހަމަނުޖެހުމާ ގުޅިގެން ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފް ވިދާޅުވީ:
- ޔޯގާ ދުވަސް ފާހަގަކުރަނީ އަލަށް ނޫން ކަމަށް
- މީގެ ކުރީ ސަރުކާރުތަކުގައި ވެސް ގިނަ ބަޔަކު ބައިވެރިވެ އެ ދުވަސް ފާހަގަކުރި ކަމަށް
- މިއަދުގެ ހާދިސާ އަކީ ބިރުވެރި ހާދިސާއެއް ކަމަށް
މިއަދުގެ ހަމަނުޖެހުންތަކާ ގުޅިގެން ހަ މީހަކު ވަނީ ހައްޔަރުކޮށްފައެވެ
ހެނދުނު ޔޯގާ ހަރަކާތް ފަށަން ތައްޔާރުވެފައި އޮއްވާ، ޒުވާނުންގެ ގިނަ ބަޔަކު ވަނީ "ﷲ އަކްބަރު" ގޮވަމުން ވަދެ ދަނޑުން ނުކުތުމަށް ގޮވައި، ދަނޑުގެ އެ ތަނުގައި ޖަހާފައި ހުރި ބައެއް ތަކެއްޗަށް ގެއްލުންދީފައެވެ. ނަމަވެސް އެ ހަމަނުޖެހުންތަކަށް ފަހު ވެސް، ޔޯގާ ދުވަސް ވަނީ ފާހަގަކޮށްފައެވެ.