ޑިޕްލޮމަސީގެ ދާއިރާގައި މަސައްކަތްކުރާ އަންހެނުންގެ ދުވަހެއް ފާހަގަކުރުމަށް ދިވެހިރާއްޖެއިން އިސްނަގައިގެން ހުށަހެޅި ގަރާރު އދގެ އާއްމު މަޖިލީހުން ފާސްކޮށްފިއެވެ.

ފޮރިން މިނިސްޓްރީން ބުނީ، ދިވެހިރާއްޖެއާއިއެކު، މި ގަރާރު އދގެ އާއްމު މަޖިލީހަށް ހުށަހެޅި ކޯ ގްރޫޕްގައި ހިމެނެނީ އެލް ސަލްވަޑޯ، އެރިޓްރެއާ، ގްރެނާޑާ، ގަޔާނާ، ކެންޔާ، ލެޓްވިއާ، ލުބްނާން، މޯލްޓާ، ގަތަރް، ސެންޓް ލޫޝިއާ އަދި ދެކުނު އެފްރިކާ ކަމަށެވެ. މި ގަރާރު ފާސްވުމާއެކު، ކޮންމެ އަހަރެއްގެ ޖޫން މަހުގެ 24 ވަނަ ދުވަސް ފާހަގަކުރާނީ އިންޓަނޭޝަނަލް ޑޭ އޮފް ވިމެން އިން ޑިޕްލޮމެސީ ގެ ގޮތުގައި ކަމަށް މިނިސްޓްރީން ބުނެއެވެ.

މިނިސްޓްރީން ބުނީ، މި ގަރާރު އެކުލަވާލުމުގެ މަސައްކަތް ފެށުނީ އދގެ އާއްމު މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު ބާއްވަވަމުން ގެންދަވާ "ހޮށުއަޅި ޑައިލޮގްސް" މަޝްވަރާ ބައްދަލުވުންތަކުގައި ކުރެއްވި މަޝްވަރާތަކުގެ އަލީގައި ކަމަށެވެ.

މިނިސްޓްރީން ބުނީ، މި ގަރާރު އދގެ މަޖިލީހަށް ހުށަހެޅުއްވީ އދ އަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ދާއިމީ މަންދޫބު ތިލްމީޒާ ހުސެން ކަމަށެވެ. ގަރާރު ހުށަހަޅުއްވަމުން ދެއްކެވި ވާހަކަގައި ތިލްމީޒާ ވިދާޅުވީ، މިއީ ޑިޕްލޮމެސީގައި މަސައްކަތްކުރާ އަންހެނުންނަށް ދިމާވާ ގޮންޖެހުންތަކާމެދު މަޝްވަރާކޮށް، އަންހެނުންނަށްވެސް ޑިޕްލޮމެސީގައި ހަމަހަމަ ފުރުސަތު ހޯދައިދިނުމަށް މަސައްކަތްކުރުމަށް ލިބޭ ފުރުސަތެއް ކަމަށެވެ.

އަދި އދގެ އާއްމު މަޖިލީހުގެ ރިޔާސަތުގައި މިވަގުތު ހުންނެވި އަބްދުﷲ ޝާހިދު، މިންތީގެ ހަމަހަމަކަމަށް އާއްމު މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުންނާއި އަދި ފޮރިން މިނިސްޓަރުގެ ހައިސިއްޔަތުން ދެއްވާ އަހައްމިއްޔަތުކަން ފާހަގަކުރައްވާ، އެކަމަށް ޝުކުރު އަދާކުރެއްވިއެވެ.

ގަރާރު ފާސްވުމާ ގުޅިގެން އާއްމު މަޖިލީހާ މުހާތަބުކުރައްވާ ދެއްކެވި ވާހަކަގައި ޝާހިދު ވިދާޅުވީ އަންހެން ޑިޕްލޮމެޓުން ސުލްހައަށް މަޝްވަރާކޮށް، ބައިނަލްއަގްވާމީ ގުޅުންތައް ވަރުގަދަކޮށް، ނުރައްކަލާ ތުރާތައް ގިރާކޮށް، ގިނަ ކާމިޔާބީތަކެއް ހާސިލްކޮށްފައިވާ ކަމަށާއި، އެކަން ފާހަގަކުރުމަށް ކޮންމެ އަހަރަކު ހާއްސަ ދުވަހެއް ކަނޑައެޅިގެން ހިނގައްޖެ ކަމަށެވެ.

އދގެ ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލް އަމީނާ މުހައްމަދު އާއްމު މަޖިލީހުގައި ވާހަކަ ދައްކަވަމުން، މިކަމުގައި ދިވެހިރާއްޖެއިން އިސްނެގިކަމަށްޓަކައި މަރުހަބާ ވިދާޅުވިއެވެ.

ޑިޕްލޮމެސީގައި މަސައްކަތްކުރާ އަންހެނުންގެ ބައިނަލްއަގްވަމީ ދުވަސް ފާހަގަކުރުމުގެ ގަރާރު 191 ގައުމަކުން ކޯ ސްޕޮންސާ ކުރިއިރު، 85 ގައުމަކުން ގަރާރުގެ ސްޕޮންސަރުންގެ ގޮތުގައި ހިމަނާފައިވާ ކަމަށް މިނިސްޓްރީން ބުނެއެވެ.