ހަރަދު ކުޑަކުރަން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ސޮއިކުރައްވައި ނެރުއްވި "މާލިއްޔަތާ ބެހޭ ސާކިއުލާ"އާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ދަތުރުފުޅެއް ކެންސަލް ކުރައްވައިފިއެވެ.

މިއަދުގެ މަޖިލީހުގެ ޖަލްސާ ފައްޓަވަމުން ނަޝީދު ވިދާޅުވީ ފިނޭންސް މިނިސްޓްރީން މަޖިލީހަށް ހަރަދު ކުޑަކުރަން އަންގާ، ސާކިއުލާއެއް ފޮނުވާފައިވާ ކަމަށެވެ. އަދި އެއާ އެއްގޮތަށް މަޖިލީހުން އަމަލުކުރާނެ ކަމަށާއި އެގޮތުން ހަރަދު ކުޑަކުރަން ކޮމަންވެލްތާއި އުޒްބަކިސްތާނަށް ކުރައްވަން ނިންމެވި ދަތުރުފުޅު ކެންސަލް ކުރައްވާފައިވާ ކަމަށެވެ.

ނަޝީދު ވިދާޅުވީ، 5،000 ރުފިޔާ އަށް ވުރެ މަތީ ހަރަދެއް ނުކުރާން ސާކިއުލާގައި ވާ ކަމަށެވެ. އެހެން ކަމުން ދެވެން އޮތީ ކޮޅުނބާ ހަމަޔަށް ކަމަށް ނަޝީދު ވިދާޅުވިއެވެ.

އަޅުގަނޑު ގަސްތުކުރަނީ މި ދެ ދަތުރު އަޅުގަނޑު ކެންސަލް ކޮށްލަން. އެއީ ސާކިއުލާގައި ވަނީ 5،000ރ. އަށް ވުރެ މަތީ ހަރަދެއް ނުކުރާން. އެހެންވެ ކޮޅުނބާ ހަމަޔަށް ދެވެން މި އޮތީ،
ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު

ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ސޮއިކުރައްވައި ނެރުއްވި "މާލިއްޔަތާ ބެހޭ ސާކިއުލާ" އަކީ، ތެލާއި އެހެން ބައެއް ބާވަތްތަކުގެ އަގުތައް މައްޗަށް ދާތީ މި ވަގުތު ރާއްޖެއިން ވެސް ހަރަދުތައް ކުޑަކުރަން އިއުލާން ކުރި ފުރަތަމަ ފިޔަވަޅުތަކެވެ. އެ ސާކިއުލާގައި ބުނީ އަގުތައް އިންތިހާއަށް އުފުލިފައިވާތީ، ދައުލަތުގެ ހަރަދުތައް ދަނީ ކުރިން އަދާޒާކުރި މިންވަރަށް މާ ބޮޑަށް އިތުރުވަމުން ކަމަށާއި އޭގެ ސަބަބުން ދައުލަތަށް ލިބޭނެ އާމްދަނީ އާއި ކުރަން ޖެހޭ ހަރަދު ދިމާނުވެ، އިތުރު ގޮންޖެހުންތައް ކުރިމަތިވެދާނެ ކަމަށެވެ.

ހަރަދު ކުޑަކުރަން ނިންމި ދާއިރާތައް:

  • މުވައްޒަފުންނަށް ހިނގާ ހަރަދުތައް ކުޑަކުރުން: ދައުލަތުގެ ބަޖެޓުން އެއްވެސް އާ މަގާމެއް އަދި އާ އެލަވެންސް ދިނުން ފަދަ ކަމެއް ނުކުރުމަށާއި މުސާރައިގެ އޮނިގަނޑަށް ބަދަލު ނުގެނައުން އަދި އިތުރު ގަޑީގެ ފައިސާ ލިބޭ ގޮތްތައް މަދުކުރުން
  • ރާއްޖެއިން ބޭރަށް ކުރާ ރަސްމީ ދަތުރުތަކުގެ ތެރެއިން ކޮންމެހެން ކުރަން ޖެހޭ ދަތުރުތައް ނޫން ދަތުރުތައް ނުކުރުން. ސްޓަޑީ ޓުއާ އާއި ޓްރޭނިން ދަތުރުތައް ހުއްޓާލުން އަދި ޑޮމެސްޓިކް ދަތުރުތައް ކުރުމަށް ކުރިއާލާ ފިނޭސްގެ ހުއްދަ ހޯދުން.
  • އޮފީސް ހިންގުމުގެ ބޭނުމަށް 5،000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ގަންނަން ފިނޭންސްގެ ހުއްދަ ހޯދުން
  • އޮފީސް ހިންގަން ބޭނުންވާ ހިދުމަތްތަކުގެ ތެރެއިން އާ ހިދުމަތެއް ތާއާރަފްކުރާ ނަމަ، 5،000 ރުފިޔާއަށް ވުރެ އިތުރަށް ހަދަރުކުރަން ޖެހޭ ނަމަ ފިނޭންސްގެ ހުއްދަ ހޯދުން
  • ތަމްރީންތަކަށް ކުރާ ހަރަދުތަކުގެ ތެރެއިން މި ވަގުތަށް އާ ސްކޮލަޝިޕްތައް ނުދިނުމާއި ތަމްރީން ޕްރޮގްރާމްތަކުގެ ތެރެއިން 5،000 ރުފިޔާއަށް ވުރެ އިތުރަށް ހިނގާ ޕްރޮގްރާމްތަކަށް މިނިސްޓްރީގެ ހުއްދަ ހޯދުން
  • މަރާމާތުކުރުމާއި ބެލެހެއްޓުމުގެ ހަރަދުތަކުގެ ތެރެއިން، ކޮންމެހެން ކުރަން ޖެހޭ މަރާމާތެއް ނޫން މަސައްކަތް ނުކުރުން އަދި އެކަމަށް 5،000 ރުފިޔާއަށް ވުރެ ބޮޑު ހަރަދެއް ދާ ނަމަ، ފިނޭންސްގެ ހުއްދަ ހޯދުން
  • ޕިއެސްއައިޕީގައި ހިމެނޭ ކެޕިޓަލް ހަރަދުތަކުގެ ތެރެއިން، 5،000 ރުފިޔާއަށް ވުރެ ބޮޑު ހަރަދެއް ނަމަ، ފިނޭންސްގެ ހުއްދަ ހޯދުން

ފިނޭންސް މިނިސްޓްރީން ބުނީ، ދުނިޔޭގެ ބާޒާރުގައި އިންޓްރެސްޓް ރޭޓު އުފުލެމުންދާ ދަނޑިވަޅެއްގައި ހަރަދުތައް އިތުރަށް ކޮންޓްރޯލް ނުކޮށް ޑެފިސިޓް އިތުރުވެގެންދާ ނަމަ މި ޑެފިސިޓް ފައިނޭންސް ކުރުމަށް ވެސް ދައުލަތުގެ ބަޖެޓުން އިތުރު ބުރައެއް އުފުލަން ޖެހޭނެ ކަމަށެވެ. އެހެންކަމުން، މި ދަނޑިވަޅުގައި މިފަދަ ބުރައެއް އުފުލުމަކީ އެންމެ ރަނގަޅު ކަމެއް ކަމަށް ނުފެންނާތީ، ދައުލަތުގެ ހަރަދުތައް ކުޑަކޮށް އިގްތިސޯދު ކުރުމަށް މިވަގުތު ބޭނުން ޖެހިފައިވާ ކަމަށް އެ މިނިސްތްރީން ބުނެއެވެ.