އ. އިހަވަންދޫގެ އައިސް ޕްލާންޓުގައި މަސައްކަތް ކުރި ޅ. ހިންނަވަރު، އަތިރީގެ، އިސްމާއިލް އުމަރު (އިއްސެ) މަރާލި މައްސަލައިގެ މަރުގެ ހުކުމްކުރި ސުމޮން މިއާ ހުކުމް އިސްތިއުނާފްކޮށްފިއެވެ

ސުމޮން މިއާގެ މައްޗަށް ދައުލަތުން އުފުލީ ތޫނު އެއްޗެއް ބޭނުން ކޮށްގެން ގަސްތުގައި މީހަކު މެރުމުގެ ކުށުގެ ދައުވާއެވެ. އިއްސެ މަރާލާފައި އޮއްވާ ފެނުނީ ޖޫން 16، 2017 ގައެވެ.

މިއަދުގެ އަޑުއެހުމުގައި ޝަރީއަތުން ވަނީ ކުށަށް ސުމޮން މިއާ އިއުތިރާފުވުމާއެކު ދައުލަތުން މި މައްސަލައިގައި ހުށަހަޅާފައިވާ ހެކީގެ މައްޗަށް ރިޔާއަތްކޮށް އިއްސެ މަރާލިކަން އެއްވެސް ޝައްކެއް ނެތް މިންވަރަށް ބަންގްލަދޭޝްގެ ރައްޔިތެެއް ކަމަށް ސުމޮން މިއާގެ މައްޗަށް ސާބިތުވާ ކަމަށް ނިންމާ މަރަށް މަރު ހިފުމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފައިވަނީ މިއަހަރުގެ މާޗު މަހުގެ 23 ވަނަ ދުވަހުއެވެ. އެހެންނަމަވެސް މިދިޔަ ހަފްތާގައި ސުމޮން މިއާގެ ފަރާތުން ވަނީ އެ ހުކުމް ހައިކޯޓުގައި އިސްތިއުނާފުކޮށްފައެވެ.

މަރުގެ މައްސަލަތަކުގައި ހުރިހާ ވާރިސުންވެސް އިއްތިފާގު ވާހެން ސުމޮން މިއާގެ މައްޗަށް މަރުގެ އަދަބު އިއްވާފައިވާއިރު އިއްސެ މަރާލި ކަމަށް ތަހުގީގާއި ޝަރީއަތުގެ އިބްތިދާއީ އަޑުއެހުމުގެ މަރުހަލާގައި ވެސް ސުމޮންމިއާ އެއްބަސްވެފައިވެއެވެ. އޭނާ ބުނި ގޮތުން އިއްސެ މަރާލަން ޖެހުނީ މަސައްކަތުގެ ވަގުތުގައި އުނދަގޫކޮށް އޭނާ އާއިލާއަށް ވަގުތު ދޭން ވެސް އިއްސެ ފުރުސަތު ނުދޭތީ އެ ނުރުހުންތެރިކަމުގައެވެ. އެހެންނަމަވެސް ފަހުން ސުމޮން މިއާ ވަނީ އޭނާ ކުށަށް އިއުތިރާފްވީ ފުލުހުން ބިރު ދައްކައި އޭނާއަށް އަނިޔާ ކުރުމުން ކަމަށް ބުނެ، ދައުލަތުން އުފުލާފައިވާ ތޫނު އެއްޗެއް ބޭނުން ކޮށްގެން ގަސްތުގައި މީހަކު މެރުމުގެ ކުށުގެ ދައުވާއަށް އިންކާރުވެސް ކޮށްފައެވެ.

ސުމޮން މީގެ ކުރިން ވަނީ އިއްސެ މަރާލުމަށް އޭނާ އައިސް ޕްލާންޓަށް ދިޔައީ 12 ވަރަކަށް ފޫޓު ހުންނަވަރުގެ ވާގަނޑެއް ހިފައިގެން ކަމަށާއި ފުރަތަމަ ވިސްނައިގެން ހުރީ ވާގަނޑު ބޭނުން ކޮށްގެން އިއްސެ މަރާލުމަށް ކަމަށެވެ. ނަމަވެސް އިއްސެ އޭރު ނިދާފައި އޮތުމުން ވާގަނޑުން އެކަނި މަރާނުލެވިދާނެ ކަމަށް ހީވުމުން އެ ކޮޓަރި ތެރޭގައި ހުރި ކަބަޑުން ފޫޓެއް ހުންނަ ވަރުގެ ވަޅިއެއް ނެގުމަށްފަހު އިއްސެ ކައިރިއަށް ދިޔަ ކަމަށް އޭނާ ބުނެފައިވެއެވެ.

އެންމެ ފުރަތަމަ ކަރަށް ވާގަނޑު ލެއްވުމަށް މަސައްކަތް ކުރަނިކޮށް އިއްސެ ހޭލައި އޭނާއަށް ހަމަލާ ދިން ކަމަށާއި އެއަށް ފަހު ވަޅިން އިއްސެއަށް ހަމަލާދިނުމުން އޭނާ އަތުން އިއްސެ ވަޅި އަތުލި ކަމަށާއި ނަމަވެސް އިއްސެ އަތުން އަލުން ވަޅި އަތުލައި 2 ވަނަ ފަހަރަށް ވަޅި ޖެހީ ކަރަށް ކަމަށެވެ.

ސުމޮން މިއާ ބުނީ އޭރުވެސް އިއްސެ އޮތީ އެނދު މަތީގައި ކަމަށާއި ނަމަވެސް އިއްސެ އެނދުން ވައްޓާލައި ތިންވަނަ ފަހަރަށް ކަރަށް ވަޅި ހެރި ކަމަށެވެ. އިއްސެއަށް ހަމަލާދީ މަރާލުމަށް ފަހު، ވަޅި އާއި ވާގަނޑު އޭނާ ކައިރީގައި ބޭއްވުމަށް ފަހު ދޮރުތައް ތަޅުލާ، ރަށުން ފައިބައިގެން ދިޔައީ ކަމަށް ސުމޮން ވަނީ ބުނެފައެވެ. އޭނާ ހައްޔަރު ކުރީ ހދ. ކުޅުދުއްފުށީގައި ހުއްޓައެވެ.