ފ. ދަރަނބޫދޫގެ ކުރީގެ މިސްކިތެއްގައި އިންޑިއާގެ ބަޔަކު ދިރިއުޅެމުން ދާތީ ފާޑުކިއުން އަމާޒުވެފައި ވަނިކޮށް، އެ އިމާރާތް ކުއްޔަށް ދޫނުކުރުމަށް، އެ ރަށުގެ ކައުންސިލުން ނިންމައިފިއެވެ.
މިއަދު ނެރުނު ބަޔާނެއްގައި ދަރަނބޫދޫގެ ކައުންސިލުން ބުނީ، އެ ރަށުގައި މިސްކިތެއްގެ ގޮތުގައި ބޭނުން ކުރަމުން ދިޔަ "ދާރުލްއުލޫމް" މިސްކިތަކީ އެ އިމާރާތުގައި ގަބުރު ހުންނާނެ ކަމަށް ބެލެވޭތީވެ، މީގެ ފަސް އަހަރު ކުރިން ބަންދުކޮށް، މިސްކިތްތަކުގެ ދަފްތަރުން އުނިކޮށްފައިވާ އިމާރާތެއް ކަމަށެވެ.
އެއަށް ފަހު، އެ އިމާރާތް އިސްލާމިކް މިނިސްޓްރީން ކައުންސިލާ ހަވާލުކޮށްފައިވާ ކަމަށާއި އޭގެ ފަހުން އެ އިމާރާތް އެކި ބޭނުންތަކަށް ދޫކޮށްފައިވާ ކަމަށް ކައުންސިލުން ބުންޏެވެ. އެގޮތުން:
- މީގެ ދެ އަހަރު ކުރިން ފެށިގެން ދިޔައީ ކުއްޔަށް ދޫކުރަމުން
- ދަރަނބޫދޫގެ ބަނދަރު ހެދުމުގެ މަސައްކަތް ކުރި އެމްޓީސީސީގެ ޓީމަށް ދޫކޮށްފައިވޭ
- މިހާރު އެ އިމާރާތުގައި އުޅެނީ ފެނާއި ނަރުދަމާގެ މަސައްކަތް ކުރާ އިންޑިއާ ކުންފުންޏެއްގެ ބައެއް
އަދި އެ އިމާރާތް އެއްވެސް ބަޔަކަށް ދޫކުރުމަށް ސަރުކާރުން ކައުންސިލް ގައި އެދިފައި ނުވާ ކަމަށް ވެސް އެ އިދާރާއިން ބުނެއެވެ.
ނަމަވެސް، ކައުންސިލުން ބުނީ، އެ އިމާރާތް މީހުން ދިރިއުޅުމަށް ކުއްޔަށް ދޫކުރަމުން ދާ ދިއުން ނިމުމަކަށް ގެނައުމަށް ނިންމާފައިވާ ކަމަށެވެ.
އަދި ސޯޝަލް މީޑިއާގައި ހުޅުމާލެ ކައުންސިލަރު އިބްރާހީމް ޝުޖާއު އިއްޔެ އާންމު ކުރައްވާފައިވާ ވީޑިއޯއަކީ ސިޔާސީ މަގުސަދެއްގައި، ކައުންސިލާއި، ރައްޔިތުންނާއި، ސަރުކާރު ބަދުނާމު ކުރުމަށް ރާވައިގެން ހިންގި އަމަލެއް ކަމަށް އެ ކައުންސިލުން ތުހުމަތު ކުރެއެވެ.
އިއްޔެ އާންމުކުރި އެ ވީޑިއޯ ހިއްސާ ކުރައްވައި ޝުޖާއު ވިދާޅުވީ، އެއީ ސަރުކާރުން އިސްލާމްދީނަށް ކުރާ ފުރައްސާރަ ކަމަށާއި، މިސްކިތްތަކުގެ ހުރުމަތް ކަނޑައި މިސްކިތްތަކަށް އިހާނެތިކޮށް ހިތުމުގެ ގޮތުން އިންޑިޔާ މީހުން ނިންދަވަނީ މިސްކިތްތަކުގައި ކަމަށެވެ. އަދި މިފަދަ ކަންކަން ހުއްޓާލުމަށް އޭނާ ގޮވާލައްވާފައިވެއެވެ.
އެ މިސްކިތުގެ ތެރޭގައި ބަޔަކު ތިބޭ ތަން ވީޑިއޯއިން ފެންނަ އިރު އެ މިސްކިތުގެ އެކި ތަންތަނުގައި މީހުން އަންނައުނު ހިއްކަން އަޅުވާފައި، އަދި ނިދަން ތަންމަތި އަޅައިގެން ތިބޭ މަންޒަރު ފެނެއެވެ. އަދި އެ މިސްކިތުގެ ގޯތި ތެރޭގައި ބަސްތާތަކުގައި ހުރި އެއްޗެހިތަކަކާއި ބޮޑެތި ހޮޅިތަކެއް ވެސް ގުދަން ކުރާ ގޮތަށް ޖަހާފައި ހުރިކަން ފާހަގަ ކުރެވެއެވެ.
އެ މައްސަލައިގައި އާންމުން ނުރުހުން ފާޅުކޮށްފައިވާއިރު، އިންޑިއާ އިން ކުރިއަށް ގެންދާ މަޝްރޫއުތަކުގެ ސައިޓުތަކުން ދީނާ ހިލާފު ކަންކަން ފެންނަމުން ދާތީވެ، އާންމުން އަންނަނީ މި ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ކިޔަމުންނެވެ. މިސްކިތެއްގައި އިންޑިއާ މަސައްކަތްތެރިންތަކެއް ދިރިއުޅޭ މަންޒަރު ފެންނަ ވީޑިއޯ އެއް ވައިރަލްވި އިރު، އޭގެ ދުވަސްކޮޅެއް ކުރިން ވަނީ ހުޅުމާލޭގައި އިންޑިއާ އިން ކުރިއަށް ގެންދާ ޕްރޮޖެންޓް ސައިޓެއްގައި ހިންދޫ ކަލާނގެ އެއްގެ ނަމާއި ފޮޓޯ ޖަހާފައިވާ ނަން ބޯޑެއްގެ މައްސަލައެއް ވެސް ހޫނުވެފައެވެ.