20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އައިސް ބޯމަތިވެފައި ވާއިރު ކެމްޕެއިން ހަރަކާތްތައް ފޯރިއާއެކު ދަނީ ކުރިއަށެވެ. 5 އަހަރުގެ ދައުރަކަށް ކޮންމެ ދާއިރާއަކުންވެސް މެންބަރަކު ހޮވާއިރު ބަލަން ޖެހޭނެ ގިނަ ކަންތައްތަކެއް ހުންނާނެކަން ހަމަ ގައިމެވެ. އެ ވާދަކުރާ ދާއިރާގެ ގޮނޑި، ހަގީގީ މާނާގައި ތަމްސީލް ކުރާނެ މެންބަރަކު ހޮވައިގެން ނޫނީ ދާއިރާއަށް ލިބޭނެ މޮޅެއްވެސް ނޯންނާނެއެވެ.

އެ ދާއިރާއަކުން ހޮވާ ކެންޑިޑޭޓެއްގައި ހުރި އިލްމާއި ހިލްމާއި ގާބިލު ކަމަށް ވެސް ނަޒަރު ހިންގާލަން ޖެހޭނެއެވެ. އެގޮތުން ބަލާއިރު ފ އަތޮޅު ނިލަންދޫއާއި ދަރަނބޫދޫ ތަމްސީލު ކުރުމަށް ދެ ކެންޑިޑޭޓަކުން މި އިންތިހާބުގައި ވާދަ ކުރާއިރު، އޭގެ ތެރެއިން ޕީއެންސީގެ ކެންޑިޑޭޓް ފާތިމަތު ސައުދާގެ ގާބިލު ކަމާމެދު ޝައްކެއް ނެތެވެ.

ވޭތުވެދިޔަ ދިގު މާޒީގައި ދައުލަތަށް ގިނަ ހިދުމަތްތަކެއް ކޮށްދެއްވާފައިވާ ސައުދާއަކީ ތައުލީމީ ގޮތުން ބެލިނަމަވެސް ނިލަންދޫ ދާއިރާ ތަމްސީލު ކުރެވޭ ފަދަ ކެންޑިޑޭޓަކަށް ވާނެއެވެ. މަޖިލީހުގެ އެތައް ދައުރެއް ނިމިދިޔަ އިރު އިހުމާލުވެފައިވާ އެ ދާއިރާއަށް އާރޯކަން ގެނެސްދީ އުޖާލާ ކޮށްދޭނެ ކެންޑިޑޭޓަކީ ސައުދާއެވެ.

ސައުދާގެ ތައުލީމީ ހަޔާތާއި މަސައްކަތުގެ މައިދާން

އަމީނިއްޔާ ސްކޫލުން ސާނަވީ ތައުލީމް ހާސިލް ކުރެއްވި ސައުދާ ވަޒީފާގެ މައިދާނަށް ނިކުމެވަޑައިގެންނެވީ އަހުމަދިއްޔާ ސްކޫލްގެ އެސިސްޓެންޓް ޓީޗަރެއްގެ މަގާމަށް 1998 ވަނަ އަހަރުގައެވެ. އެ މަގާމުގައި ދެ އަހަރު ދުވަހު ހޭދަކުރެއްވުމަށްފަހު 2000 ވަނަ އަހަރު ސައުދާ ވަނީ މޯލްޑިވްސް ކޮލެޖް އޮފް ހަޔާ އެޑިއުކޭޝަންއިން ޑިޕްލޮމާއިން ޕްރައިމަރީ ޓީޗިންގެ ކޯހެއް ފުރިހަމަ ކުރައްވާފައެވެ.

ނިލަންދޫ ދާއިރާއަށް ވާދަކުރައްވާ ޕީއެންސީގެ ކެންޑިޑޭޓް ފާތިމަތު ސައުދާ/ ފޮޓޯ: ކެމްޕެއިން ޓީމް

އެއަށްފަހު ގިޔާސުއްދީން ސްކޫލާއި ލ އަތޮޅު އިސްދޫ ކަލައިދޫ ސްކޫލްގެ އިތުރުން ޖަމާލުއްދީން ސްކޫލުގެ ޕްރައިމަރީ ޓީޗަރެއްގެ ވަޒީފާ ސައުދާ ވަނީ އަދާކުރައްވާފައެވެ.

ސައިކޮލޮޖީގެ ދާއިރާއަށް އުފެދުނު ޝައުގާއެކު ސައުދާ ވަނީ އިންޑިއާގެ ޔުނިވާސިޓީ އޮފް މައިސޫރުން އެ ދާއިރާއިން ބެޗްލާސް ހާސިލް ކުރައްވާފައެވެ. އެނބުރި ރާއްޖެ ވަޑައިގެން އިސްދޫ ކަލައިދޫ ސްކޫލްގެ ގްރެޖުއޭޓް ޓީޗަރެއްގެ ވަޒީފާ ފުރުއްވާފައިވާ ސައުދާ ވަނީ މޯލްޑިވްސް އިންސްޓިއުޓް ފޯ ސައިކޮލޮޖިކަލް ސާވިސެސް ޓްރައިނިން އެންޑް ރިސާޗް (މިޕްސްޓާ) ގައި އެސިސްޓެންޓް ސައިކޮލޮޖިސްޓެއްގެ ވަޒީފާވެސް އަދާކުރައްވާފައެވެ.

އެއަށްފަހު އިނގިރޭސިވިލާތުގެ ކޮވެންޓްރީ ޔުނިވާސިޓީއިން ސައުދާ ވަނީ އެޕްލައިޑް، ކްލިނިކަލް އަދި ކައުންސިލިން ސައިކޮލޮޖީއިން 2014 ވަނަ އަހަރު މާސްޓާސް ހާސިލް ކުރައްވާފައެވެ.

މާސްޓާސް ހާސިލް ކުރެއްވުމަށްފަހު އެނބުރި ރާއްޖެ ވަޑައިގެން ފުރަތަމަ ސައުދާ މަސައްކަތް ކުރެއްވީ ދިވެހި ރާއްޖޭގެ ގައުމީ ޔުނިވާސިޓީ އަދި ސައިރިކްސް ކޮލެޖްގެ ޕާޓް ޓައިމް ލެކްޗަރާއެއްގެ ގޮތުގައެވެ. އެގޮތުން ޔުނިވާސިޓީގެ ބެޗްލާސް އޮފް ސައިކޮލޮޖީގެ ދަރިވަރުންނަށް ކިޔަވައިދެއްވުމާއި ސައިރިކްސް ކޮލެޖްގެ ކައުންސިލިންގެ ސެޓްފިކެޓް ލެވެލް 3 ގެ ދަރިވަރުންނަށް ކިޔައިވައިދެއްވުމުގައި އެ ދުވަސްވަރު ސައުދާ ވަނީ އުޅުއްވާފައެވެ.

ނިލަންދޫ ދާއިރާއަށް ވާދަކުރައްވާ ޕީއެންސީގެ ކެންޑިޑޭޓް ފާތިމަތު ސައުދާގެ ކެމްޕެއިން ހަރަކާތެއް/ ފޮޓޯ: ކެމްޕެއިން ޓީމް

ސައުދާ ވަނީ ދިވެހި އިންސްޓިޓިއުޓް ގެ ޑިރެކްޓަރުގެ މަގާމާއި އިންސްޓިޓިއުޓް ފޯ ކައުންސިލިން އެންޑް ސައިކޮލޮޖީ (އައިސީޕީ) ޓެކްނިކަލް ޑިރެކްޓަރު މަގާމުވެސް ފުރުއްވާފައެވެ.

އެވިޑް ކޮލެޖްގެ ލެކްޗަރާއެއްގެ ގޮތުން އެ ކޮލެޖްގައި ވެސް ސައުދާ މަސައްކަތް ކުރައްވާފައި ވާއިރު ސައުދާ ވަނީ ޔުނިވާސިޓީގެ ލެކްޗަރާއެއްގެ ގޮތުގައިވެސް 5 އަހަރު ދުވަހު މަސައްކަތް ކުރައްވާފައެވެ. އަދި މީގެ ކުރިން ސައުދާ ވަނީ ސަރުކާރުގެ ގިނަ މަގާމުތަކެއް ވެސް ފުރުއްވާފައެވެ.

އެގޮތުން ޑިސެބިލިޓީ ކައުންސިލް މެންބަރުގެ މަގާމާއި ހެލްތް މިނިސްޓްރީގެ ނައިބުގެ މަގާމާއި ޖެންޑާ މިނިސްޓްރީގެ އެގްޒެކެޓިވް ކޯޑިނޭޓަރުގެ މަގާާއި އިލްމް އިންސްޓިޓިއުޓްގެ ސީއީއޯގެ މަގާމާއި ނޭޝަނަލް ޓްރޭޑް ޓެސްޓިން އެންޑް ސެޓްފިކޭޝަން ޓެކްނިކަލް ޕެނަލްގެ މެންބަރު ކަމުގެ މަގާމާއި ސޯޝަލް އެމްޕްލޯއީމަންޓް ސެކްޓާ ކައުންސިލްގެ ޗެއާޕާސަންގެ މަގާމްގެ އިތުރުން އެލައިޑް ހެލްތް ކައުންސިލްގެ މެންބަރު ކަމުގެ މަގާމު ވެސް ސައުދާ ވަނީ ފުރުއްވާފައެވެ.

ސައުދާ ނިކުމެ ހުންނެވީ 15 އަހަރު ދުވަހު ސިޔާސީ ދާއިރާގައިވެސް އުޅުމަށްފަހު

ރައްޔިތުންގެ މަޖިލީހުގެ ބޮޑު ޣައުލަބިއްޔަތަކީ ޕާޓީތަކަށް ނިސްބަތްވާ މެންބަރުންނަށް ވާއިރު މި ފަދަ އިންތިހާބެއްގައި އެ ކެންޑިޑޭޓެއްގެ ސިޔާސީ ހަޔާތަށްވެސް ނަޒަރު ހިންގާލުން މުހިއްމެވެ. 2009 ވަނަ އަހަރު އަދާލަތު ޕާޓީގެ ތެރެއިން ސިޔާސީ ދާއިރާއަށް ނިކުމެވަޑައިގެން ސައުދާ ވަނީ އެ ޕާޓީގެ މަޝްވަރާ މަޖިލީހުގައި ހިމެނޭ މަދު އަންހެން ބޭފުޅުންގެ ތެރޭގައި ވެސް ހިމެނިވަޑައިގެންފައެވެ. އަދި އެ ޕާޓީގެ އަންހެނުންގެ މަޖިލީހުގެ މަގާމުވެސް ސައުދާ ވަނީ ފުރުއްވާފައެވެ.

ނިލަންދޫ ދާއިރާއަށް ވާދަކުރައްވާ ޕީއެންސީގެ ކެންޑިޑޭޓް ފާތިމަތު ސައުދާގެ ކެމްޕެއިން ހަރަކާތެއް/ ފޮޓޯ: ކެމްޕެއިން ޓީމް

2013 ވަނަ އަހަރުގެ ތެރޭގައި އޭރުގެ ރައީސް އަބްދުﷲ ޔާމީން އިންތިހާބުވެ ވަޑައިގެންނެވުމުގެ ކުރިން އަދާލަތު ޕާޓީއާއެކު ހެދި ކޯލިޝަން ރޫޅާލުމާ ހިސާބުން ސައުދާ ގުޅިވަޑައިގެންނެވީ ޕީޕީއެމްއާއެވެ. އެއަށްފަހު މިއަދާ ހިސާބަށްވެސް އެ ރޫހުގައި އެ ފިކުރުގައި ސައުދާ މަސައްކަތް ކުރައްވަމުން ގެންދަވައި އޭގެ ފަހުން ބޭއްވި އެކި އެކި އިންތިހާބުތަކުގައިވެސް ސައުދާ ވަނީ މަސައްކަތް ކުރައްވާފައެވެ.

ޕީޕީއެމްއިން ބޭއްވި މަގުމަތީގެ އެއްވުންތަކުގައި ކޮންމެވެސް ވަރަަކަށް ބައިވެރިވެ ވަޑައިގެންފައި ވާއިރު އެ ޕާޓީގެ އިންތިހާބުތަކުގައި ވެސް ސައުދާ ވަނީ އިސް މަސައްކަތްތަކެއް ކުރައްވާފައެވެ.

އޭގެ އިތުރުން ނިމިދިޔަ ރިޔާސީ އިންތިހާބުގައި މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒު އެކުލަވާލެއްވި މެނިފެސްޓޯ ތައްޔާރުކުރެއްވުމުގައި ސައުދާގެ ދައުރު ބޮޑެވެ. ހާއްސަކޮށް އެ މެނިފެސްޓޯގެ އަންހެނުންނާއި ކުޑަކުދިން، ޒުވާނުންނާއި ތައުލީމީ ދާއިރާއާއި ނުކުޅެދުންތެރިކަމާއި ނަފްސާނީ ދުޅަހެޔޮ ކަން އަދި އިޖްތިމާއީ ދާއިރާގެ ބައިތައް އެކުލަވާލުމުގައި ސައުދާގެ އިސް ދައުރު ހިމެނިވަަޑައިގަންނަވައެވެ.

ނިލަންދޫ ދާއިރާ ސައުދާ ހިޔާރުކުރެއްވި ސަބަބު

93 ދާއިރާ ތަމްސީލް ކުރަން އެ ދާއިރާތަކުން ގިނަ އަދަދެއްގެ މެންބަރުން ވާދަ ކުރެއެވެ. އެހެންނަމަވެސް އެ ހުރިހާ ދާއިރާގެ ތެރެއިން ނިލަންދޫ ދާއިރާ ސައުދާ ހިޔާރުކުރެއްވީ ވަރަށް ބޮޑަށް ދިރާސާ ކުރެއްވުމަށްފަހުއެވެ. އެކި އެކި ސަބަބުތަކާހުރެ ފާއިތުވި 15 އަހަރު ދުވަހު ނިލަންދޫ ދާއިރާއަށް ވަރަށް ބޮޑަށް އިހުމާލުވެފައިވާ ކަން ފާހަގަ ކުރައްވާ ސައުދާ ވިދާޅުވީ އެ ދާއިރާ ހިޔާރުކުރެއްވީ އޭނާގެ ފަރާތުން ގިނަ ކަންތައްތަކެއް ކޮށްދެއްވިދާނެ ކަމުގެ ޔަގީންކަން އޮތުމުން ކަމަށެވެ.

ނިލަންދޫ ދާއިރާއަށް ވާދަކުރައްވާ ޕީއެންސީގެ ކެންޑިޑޭޓް ފާތިމަތު ސައުދާގެ ކެމްޕެއިން ހަރަކާތެއް/ ފޮޓޯ: ކެމްޕެއިން ޓީމް
"ފާއިތުވި 15 އަހަރުގައި ވަރަށް ބޮޑު އިހުމާލުތަކެއް އެކި އެކި ސަބަބުތަކާހުރެ ވެފައިވާ ދާއިރާއަށް ކަމަށް ގަބޫލުކުރެވި މި ދާއިރާއަށް އަޅުގަނޑުގެ ފަރާތުން ކަންތައްތަކެއް ކޮށްދެވިދާނެ ކަމުގެ ޔަގީންކަން އޮތީމާ މި ދާއިރާ ހިޔާރުކުރީ"
ސައުދާ

މަޖިލިސް މެންބަރުންނަށް އިތުބާރު ގެއްލޭ އެންމެ ބޮޑު އެއް މައްސަލައަކީ އެއް ޕާޓީއިން އަނެއް ޕާޓީއަށް ބަދަލުވާ މައްސަލަ ކަމަށް ވާއިރު ސައުދާ ދެއްވާ ޔަގީންކަމަކީ ސައުދާ ދެމިހުންނަވާނީ އެ ފިކުރުގައި އެ ޕާޓީގައި ކަމަވެ. ސައުދާ ވިދާޅުވީ އެ ދާއިރާގައި އޭނާއާ ދޭތެރޭގައި ޝައްކު ކުރާނެ އެއްވެސް ރައްޔިތަކު ނުހުންނާނެ ކަމަށާއި މި ސަރުކާރަށް އެންމެ ތެދުވެރި އެއް ކެންޑިޑޭޓަކީ އޭނާކަން ހުރިހާ އެންމެންވެސް ގަބޫލުކުރާ ކަމަށެވެ.

އެ ދާއިރާއިން ސައުދާއާ ބައްދަލުވި ގިނަ ރައްޔިތުން އެދެނީ ނިލަންދޫގެ އެއާޕޯޓަށެވެ. އެއިން ކޮންމެ ރައްޔިތަކު ބޭނުންވާ ކަންކަމުގެ ލިސްޓްގެ ފުރަތަމަ ދިހަ ކަންތަކުގެ ތެރޭގައި ވެސް ހިމެނެނީ ހަމަ އެއާޕޯޓެވެ. ސައުދާ ވިދާޅުވީ އޭނާ އާ ބައްދަލުވި 95 ޕަސެންޓް މީހުންގެ ތެރެއިން ކޮންމެ 1 އިން 10 މީހަކު ބޭނުންވާ ކަންކަމުގެ ގޮތުގައި ފާހަގަ ކުރަނީ އެއާޕޯޓް ކަަމަށާއި އެހެން ކަންތައްތައް އަންނަނީ އެއަށް ފަހު ކަމަށެވެ.

ނިލަންދޫގެ އެއާޕޯޓަކީ މުޅި ދާއިރާ އާއި އަތޮޅުގެ ރައްޔިތުންގެ އުންމީދަކަށް ވެފައިވާ ކަމެކެވެ. މީގެ ކުރީގެ ސަރުކާރުތަކުގައި ކޮށްދޭނެ ކަމަށް ބުނެ ނުވެ އޮތް ބިޔަ މަޝްރޫއެކެވެ. އެ މަސްރޫއު ބަޖެޓުގައި ހިމެނި، އެއާޕޯޓަށް ބޭނުންވާ ބިން އިތުރުކުރުމުގެ މަޝްރޫއުގައި ދާދި ފަހުން ވަނީ ސޮއިވެސް ކޮށްފައެވެ.

ނިލަންދޫ ދާއިރާއަށް ވާދަކުރައްވާ ޕީއެންސީގެ ކެންޑިޑޭޓް ފާތިމަތު ސައުދާގެ ކެމްޕެއިން ހަރަކާތެއް/ ފޮޓޯ: ކެމްޕެއިން ޓީމް

އެއާޕޯޓަށްފަހު 11 ވަނަ ކަމަކަށް ނަރުދަމާއާއި ފެން އަދި މަގު ހެދުމުގެ މަޝްރޫއުގެ ވާހަކަތައް ސައުދާ ފާހަގަ ކުރެއްވިއެވެ. ނަރުދަމާގެ މަސައްކަތް މިހާރު ފެށިފައި ވާއިރު އެ މަސައްކަތް ނިންމުމަށް މި ސަރުކާރުން ދަނީ ވަރަށް ބާރު ސްޕީޑްގައި މަސައްކަތް ކުރަމުންނެވެ.

އެ ދާއިރާ ތަމްސީލް ކުރެއްވުމަށް ގާނޫނު ހަދާ މަޖިލީހަށް ސައުދާ އިންތިހާބުވެވަޑައިގެންފި ނަމަ މަޖިލީހަށް ހުށަހަޅުއްވަން ގަސްތުކުރައްވާ ބިލުތަކެއްވެސް އެބަހުއްޓެވެ. ދާއިރާގެ ރައްޔިތުންގެ ޝަކުވާ ލިބިވަޑައިގެންފައިވާ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ ގާނޫނާއި ލޯކަލް ގަވަމަންޓް ގާނޫނު އިސްލާހު ކުރަން މަސައްކަތް ކުރައްވާނެ ކަމަށް ސައުދާ ވިދާޅުވިއެވެ.

އޭގެ އިތުރުން ސަރުކާރުގެ ވައުދުތައް ތަންފީޒު ކުރަން ގާނޫނަށް ގެންނަން ބޭނުންވާ އިސްލާހުތަކެއް ހުންނާނެކަން ފާހަގަކުރައްވާ ސައުދާ ވިދާޅުވީ އެކަންކަމުގައި އޭނާގެ ފުރިހަމަ އެއްބާރުލުމާއި އިސްނެގުން ހިމެނޭނެ ކަމަށެވެ.

އެ ދާއިރާގެ ރައްޔިތުންގެ ހައްގުގައި ވަކާލާތު ކުރައްވަން ޖެހިވަޑައިގަންނަވާ ހުރިހާ ތަނެއްގައި ވަކާލާތު ކުރެއްވުމަކީ ސައުދާގެ އަޒުމެވެ. އެގޮތުން ވަޑައިގަންނަވަން ޖެހިވަޑައިގަންނަވާ ކޮންމެ ތަނަކަށް ވަޑައިގެން، ޓަކި ޖައްސަވަން ޖެހިވަޑައިގެންނެވި ކޮންމެ ދޮރެއްގައި ޓަކި ޖައްސަވާ، ރައްޔިތުންގެ އަޑާއި ރައްޔިތުންގެ ބަސް އިއްވައި ދެއްވާނެ ކެންޑިޑޭޓަކަށް ސައުދާ ވާނެ ކަމުގެ ފުރިހަމަ ޔަގީންކަން ދެއްވައެވެ.

ނިލަންދޫ ދާއިރާއަށް ވާދަކުރައްވާ ޕީއެންސީގެ ކެންޑިޑޭޓް ފާތިމަތު ސައުދާގެ ކެމްޕެއިން ހަރަކާތެއް/ ފޮޓޯ: ކެމްޕެއިން ޓީމް

ސައުދާއަށް ދޭ ވޯޓެއް ބޭކާރެއް ނުވާނެ، މަޖިލީހުގައި އިއްވާނީ ރައްޔިތުންގެ އަޑު

ނިލަންދޫ ދާއިރާ ތަމްސީލްކުރަން ސައުދާއަށް ވޯޓުދޭންވީ ސަބަބުތައް ބައިވަރެވެ. ރައްޔިތުން ތަމްސީލްކޮށް ގާނޫނުތައް ހަދަން ފަސް އަހަރަށް ހޮވާ މެންބަރުންގެ ތެރޭގައި ގާނޫނުތަކަށް ހުށަހަޅާ އިސްލާހުތަކާއި ވުޖޫދުކުރާ އާ ގާނޫނުތައް ކިޔާ، އެއަށް ވަކާލާތު ކުރެވޭނެ ކުޅަދާނަކަން ހުރުމަކީ ކޮންމެހެން ބޭނުން ކަމަކަށް ވާއިރު ސައުދާ އަކީ އެފަދަ ކެންޑިޑޭޓެކެވެ. އެ ދާއިރާއަށް ކުރިމަތިލައިފައި ވާ ކެންޑިޑޭޓުންގެ ތެރެއިން އެކަމަށް އެންމެ ގާބިލު ކެންޑިޑޭޓަކީވެސް ސައުދާއެވެ.

ސައުދާ ވިދާޅުވީ އޭނާ ހޮވައިދީފިނަމަ ދާއިރާގެ އެއްވެސް ރައްޔިތަކު މާޔޫސްވާން ނުޖެހޭނެ ކަމަށާއި އިތުބާރުކޮށް، ދޭ ވޯޓު ބޭކާރުވެގެން ދިޔަ ނުދެއްވާނެ ކަމަށެވެ. ރައްޔިތުން މަޖިލީހުގައި އެ ދާއިރާ، އެންމެ ފުރިހަމަ މާނާގައި ތަމްސީލް ކޮށްދެއްވާނެ ކަމަށް ވެސް ސައުދާ ވިދާޅުވިއެވެ.

"ދާއިރާގެ ރައްޔިތުން އަޅުގަނޑު ހޮއްވަވައިފިނަމަ އެއްވެސް ރައްޔިތަކު މާޔޫސްވާކަށް ނުޖެހޭނެ. އެއްވެސް ރައްޔިތަކު އަޅުގަނޑަށް އިތުބާރު ކުރައްވާ ދެއްވި ވޯޓު ބޭކާރުވެގެން ދިޔަކަ ނުދޭނަމޭ. ދާއިރާ ރައްޔިތުން މަޖިލީހުގައި އެންމެ ފުރިހަމަ މާނާގައި ތަމްސީލް ވެގެންދާނެ"
ސައުދާ
ނިލަންދޫ ދާއިރާއަށް ވާދަކުރައްވާ ޕީއެންސީގެ ކެންޑިޑޭޓް ފާތިމަތު ސައުދާގެ ކެމްޕެއިން ހަރަކާތެއް/ ފޮޓޯ: ކެމްޕެއިން ޓީމް

ނިލަންދޫ ދާއިރާއަށް ފާގަތި މުސްތަގުބަލެއް ފެންނަން އޮތީ ސައުދާގެ ލީޑާޝިޕްގައެވެ. ދާއިރާގެ ރައްޔިތުން އެކުގައި އުދުހިލަން އިހުތިޔާރު ކުރަންވީ ކެންޑިޑޭޓަކީ ސައުދާއެވެ. ތަރައްގީގެ ސަފުން ބާކީ ނުވެ ކުރިއަށް ދިޔުމަށް ހޮވަން ވީ ސައުދާއެވެ. ނިލަންދޫ ދާއިރާއަށް ދަތުރުފަތުރުގެ ފަސޭހަ ކަމާއި ބޯހިޔާވަހިކަމާއި ރަށުގައި ތިބެ މަތީތައުލީމު ހާސިލު ކުރެވޭނެ މަގު ތަނަވަސް ކުރުމަށާއި އުފެއްދުންތެރިކަމުން ނަފާވާ ފުދުންތެރި ރައްޔިތަކު އުޅޭ ދާއިރާއަކަށް ހެދުމަށް އޮތް ޗޮއިސް އަކީ ވެސް ސައުދާއެވެ.

ކުޅިވަރާއި ދުލަހެޔޮ ކަމުގެ ވެއްޓެއް ތައާރަފު ކޮށް އެކި ދާއިރާތަކުން ޒުވާނުން ތަމްރީނު ކުރުމަށް ހިވަން ވީ ވެސް ސައުދާއެވެ. ދާއިރާގެ ރައްޔިތުންގެ ދީނީ އެއްބައިވަންތަކަމާއި އެކުވެރިކަން ދަމަހައްޓައި ކުރިއަރާ ދާން ވެސް ހޮވަން ވީ ސައުދާއެވެ.

ސައުދާގެ މެނިފެސްޓޯއަކީ އުއްމީދުން ފުރިގެންވާ، ނިލަންދޫ ދާއިރާއަށް ހެޔޮ ބަދަލުތައް ގެނެސްދޭނެ މެނިފެސްޓޯއެއް ކަމަށް ވާއިރު ހިނގަމުން މިދާ ސަރުކާރުގައި، އެންމެ ފުރިހަމަ މާނައިގައި އެ މެނިފެސްޓޯ ތަންފީޒު ކުރެވޭނެ ހަމައެކަނި ކެންޑިޑޭޓަކީ ވެސް ސައުދާއެވެ.