ފ. ނިލަންދޫގެ ތަރައްގީއަށް ރައްޔިތުން ބޭނުންވެފައިވާ 7 ކަމެއް އެ ރަށު ކައުންސިލުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އަށް ހުށަހަޅައިފިއެވެ.

ރައީސް ސޯލިހް ނިލަންދޫ ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީއާ ބައްދަލު ކުރައްވާފައި ވަނީ މިއަދު ހެނދުނު ނިލަންދޫ ކައުންސިލް އިދާރާގައެވެ.

އެ ބައްދަލުކުރެއްވުމުގައި ރަށުކައުންސިލުން ރައީސްއަށް ހިއްސާކޮށްފައިވާ ކަންތައްތައް:

  • ފަތުރުވެރިކަން ތަރައްގީކުރުމަށް ހުރި ދަތިތައް ނައްތައިލުން
  • ގިރާސަރަހައްދު ހިމާޔަތް ކުރުން
  • ކައުންސިލް އިދާރާގެ އާ އިމާރާތެއް އެޅުން
  • ފުލުހުންގެ މަރުކަޒެއް ބިނާކުރުން
  • ސިއްހީ ހިދުމަތް އިތުރަށް ފުޅާކުރުމުގެ ގޮތުން ޑަޔަލަސިސް ހެދޭނެ ގޮތް ހަމަޖައްސައިދިނުން
  • ހޮސްޕިޓަލްގައި އައިސީޔޫއެއް ގާއިމްކުރުން
  • އިންޖީނުގެ ރީލޮކޭޓްކުރުން
  • ފެރީގެ ނިޒާމްގެ ހިދުމަތް އިތުރަށް ރަނގަޅު ކުރުން
  • ޤުރުއާނާއި ބެހޭ މަރުކަޒުގެ ގޮފި ހިންގުމުގައި ދިމާވެފައިވާ އިމާރާތުގެ ދަތިކަން ހައްލުކޮށްދިނުން

މީގެއިތުރުން ނިލަންދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ އެކުލެވިފައި އޮންނަ ގޮތުން ކޮމިޓީ ހިންގުމުގައި ހުރި ދަތިތައް ފާހަގަކޮށް އެ ކޮމިޓީތައް އެކަށީގެންވާ ގޮތެއްގައި ކުރިޔަށް ގެންދިޔުމަށްޓަކައި އެމައްސަލަތައް ހައްލުކުރުމަށް ބޭނުންވާކަން އެ ކޮމިޓީ ފާހަގަކޮށްފައިވެއެވެ.

އެ ކަންކަމާއި ގުޅޭ ގޮތުން ރައީސް ވިދާޅުވީ ރަށުގެ ރައްޔިތުންނަށް ބޭނުންވެފައިވާ ކަންކަން ސަރުކާރުގެ ކަމާއި ގުޅުން ހުރި މުއްސަސާތަކާއި ގުޅިގެން އަވަސްކޮށްދެއްވުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ. އެގޮތުން ފުލުހުންގެ މަރުކަޒާއި ކައުންސިލް އިދާރާގެ އާ އިމާރާތް އެޅުމުގެ މަސައްކަތުގައި އިސްކަންދެއްވާނެ ކަމަށާއި ބަނދަރާއި، އިންޖީނުގެ ބަދަލުކުރުމުގެ މަސައްކަތް ކުރިޔަށް ގެންދަވާނެކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވިއެވެ.

އެ ބައްދަލުވުމަށް ފަހު ރައީސް ސޯލިހް އަދި އަނބިކަނބަލުން ފަޒްނާ އަހްމަދު ނިލަންދޫގައި ހުންނަ ފ. އަތޮޅު ހޮސްޕިޓަލަށް ކުރެއްވި ޒިޔާރަތުގައި އެހޮސްޕިޓަލްގެ ވެރިންނާއި މުވައްޒަފުން އަދި ހޮސްޕިޓަލުން ހިދުމަތް ހޯދަމުންގެންދާ އާންމުންނާއި ބައްދަލުކުރައްވާ ވަނީ ހޮސްޕިޓަލުން ދެމުންގެންދާ ހިދުމަތްތަކާއި ގުޅޭ ގޮތުން މައުލޫމާތު އޮޅުން ފިލުއްވަވާފައެވެ.

ރައީސްގެ ސޯލިހް އަދި މެޑަމް ފަޒްނާ ފ. އަތޮޅު ހޮސްޕިޓަލްގައި/ ފޮޓޯ: ރައީސް އޮފީސް

މީގެ އިތުރަށް ރައީސް ސޯލިހް ވަނީ ނިލަންދޫގައި އަމިއްލަ ފަރާތަކުން ހިންގާ "ތަދްރީސުލް ޤުރުއާނުލްކަރީމް" ޤުރުއާން ކުލާސް ރަސްމީކޮށް ހުޅުއްވާދެއްވާ ޤުރުއާން ކުލާސް ހުޅުއްވައި ދެއްވާ އެ ޤުރުއާން ކުލާސް ބައްލަވާލައްވާފައެވެ. ހެނދުނު ކުލާހުގެ ނަމުގައި 1969 ވަނަ އަހަރު ފެށުނު އެ ޤުރުއާން ކުލާހުގެ އާ އިމާރާތުގެ 2 ކުލާސްރޫމް މިއަދު ރަސްމީކޮށް ހުޅުވިއިރު މިހާރު އެ ޤުރުއާން ކުލާހުގައި 100 ވުރެ ގިނަ ދަރިވަރުން ކިޔަވަމުން ދެއެވެ.

ރައީސްގެ ސޯލިހް "ތަދްރީސުލް ޤުރުއާނުލްކަރީމް" ޤުރުއާން ކުލާސް ރަސްމީކޮށް ހުޅުއްވާދެއްވަނީ / ފޮޓޯ: ރައީސް އޮފީސް

ރައީސް ފ އަތޮޅަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި ވަނީ ނިލަންދޫ ކައުންސިލާއި އަންހެނުން ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީ އަދި އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާފައެވެ. ރައީސްގެ ދެކަނބަލުން އަދި ސަރުކާރުގެ މަތީ ފަންތީގެ ވަފްދެއް ފ އަތޮޅުގެ ރަށްތަކަށް މިއަދު ފެއްޓެވި މި ރަސްމީ ދަތުރުފުޅުގައި މިއަދު ފ. ދަރަނބޫދޫއަށް ވަޑައިގަތުމަށް ވެސް ވަނީ ހަމަޖެހިފައެވެ.