މި ސަރުކާރުން ވެފައިވާ މައިގަނޑު ވައުދުތައް ފުއްދިފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ރައީސް ސޯލިހު މިފަދައިން ވިދާޅުވެފައިވަނީ މިއަދު ދަރަނބޫދުގައި ބޭއްވި ބައްދަލުވުމެއްގައި އެ ރަށުގެ ރައްޔިތުންނާ މުހާތަބުކޮށް ވާހަކަފުޅު ދައްކަވަމުންނެވެ.
އެ ބައްދަލުކުރެއްވުމުގައި ދަރަނބޫދޫގެ ރައްޔިތުން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި ވަޒީފާއާއި ގުޅޭ މައްސަލަތަކާއި ކުޅިވަރުކުޅޭނެ ދަނޑެއް ނެތުމާއި އިޖުތިމާއީ ގުޅުންތައް ބަދަހިވާނޭ ކުޅިވަރު މުބާރާތްތައް ކުރިޔަށް ގެންދެވޭނެ ގޮތެއް ނެތުން ހިމެނެއެވެ.
ރައީސް ސޯލިހު ވިދާޅުވީ ދަރަނބޫދޫގެ ކަންކަން ދަރަނބޫދޫގެ ޒުވާނުން ބޭނުންވާ ގޮތަށް ކުރިޔަށް އޮތް ތަނުގައިވެސް ކުރިޔަށް ގެންގޮސްދެއްވާނެ ކަމަށެވެ. އަދި ބޭނުންވެފައިވާ ކަންކަން ބަޖެޓުން ޖާގަ ހޯދައިގެން ކުރިޔަށް ގެންދެވޭނެ ގޮތުގެ މައުލޫމާތު ރައްޔިތުންނާއި ހިއްސާކުރައްވާނެ ކަމަށްވެސް ރައީސް ސޯލިހު ވަނީ ވިދާޅުވެފައެވެ.
ރައީސް ސޯލިހާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒުނާ އަހުމަދު ފ. އަތޮޅުގެ ރަށްތަކަށް މިއަދު ފެއްޓެވި ރަސްމީ ދަތުރުފުޅުގައި ދަރަނބޫދޫއަށް ފަހު މަގޫދޫއަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.
ރައީސް ސޯލިހު އަތޮޅުތަކަށް ކުރައްވާ ދަތުރުފުޅުތަކުގައި ދަނީ ރަށްރަށުގެ އާންމު ރައްޔިތުންނާއި ބައްދަލު ކުރައްވައި ތަރައްގީގެ މަޝްރޫއުތަކާ ގުޅޭ ގޮތުން ރައްޔިތުންގެ ހިޔާލު ހޯއްދަވައި ރައްޔިތުންގެ ޝަކުވާތަކާއި ކަންބޮޑުވުންތައް އަޑުއައްސަވަމުންނެވެ.