ބޭރު ގައުމުތަކަށް ދަތުރުކުރާ ދިވެހިން ވަގުތު އޮއްވައި ވިސާ އަށް އެދި ހުށަހެޅުމަށް ފޮރިން މިނިސްޓްރީން އިލްތިމާސްކޮށްފިއެވެ.

އެ މިނިސްްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ވިސާ ދޫކުރުމަކީ ގައުމުތަކުން ކަނޑައަޅާފައިވާ ވަކި އުސޫލުތަކެއްގެ ދަށުން ކުރަމުންދާ ކަމެއް ކަމަށެވެ. އެ އުސޫލުތަކުގެ ތެރޭ ހިމެނޭ ބައެއް ކަންކަމަކީ:

  • ވިސާ ދޫކުރުމަށް ހޭދަވާނެ މުއްދަތުތައް ކަނޑައެޅުން
  • އެކި ބާވަތުގެ ވިސާއަށް ތަފާތު ލިޔެކިޔުން ހުށަހަޅަން ޖެހުން
  • ބައެއް ހާލަތްތަކުގައި ވިސާ އަށް އެދޭ ފަރާތްތަކުގެ ބައޮމެޓްރިކްސް (އިނގިލީގެ ނިޝާން) ނެގުން

ފޮރިން މިނިސްޓްރީން ބުނި ގޮތުގައި، ވިސާ އަށް އެދޭ ފަރާތްތަކުން އެމްބަސީތަކާއި ހައިކޮމިޝަންތަކުން އިންޓަވިއުތަކަށް ހާޒިރުވާން ވެސް ޖެހޭނެއެވެ. ވުމާއެކު، ވަގުތު އޮއްވައި ބޭރު ގައުމުތަކަށް ދާ ފަރާތްތަކުން ލިޔެކިއުންތަށް ފުރިހަމަކޮށް ވިސާ އަށް އެދި ހުށަހެޅުމަށް ސަމާލުކަން ދިނުމަށް އެ މިނިސްޓްރީން އިލްތިމާސް ކުރެއެވެ.

"ހަމަ އެއާއެކު، މި މިނިސްޓްރީ މެދުވެރިކޮށް ވިސާ އެޕްލިކޭޝަނާއި ޕާސްޕޯޓު ފޮނުވަންޖެހޭ ހާލަތްތަކުގައި، ވިސާ ޕްރޮސެސްކުރުމަށް މިނިސްޓްރީގެ ޑިޕްލޮމެޓިކް ޕައުޗުގައި ޕާސްޕޯޓު ފޮނުވުމާއި އަނބުރާ ގެނައުމަށްވެސް ވަގުތު ހޭދަވާތީ މިކަމަށް ސަމާލުވުމަކީ ވަރަަށް މުހިއްމު ކަމެއް." ފޮރިން މިނިސްޓްރީގެ ބަޔާނުގައިވެއެވެ.

އެހެން ނަމަވެސް، ފަހަކަށް އައިސް ބައެއް ފަރާތްތަކުން ވިސާ ހޯދުމަށް މިނިސްޓްރީގެ އެހީއަށް އެދި ހުށަހަޅާއިރު، ލިޔެކިއުންތައް ފުރިހަމަނުކޮށް، ވިސާ ޕްރޮސެސްކުރުމަށް މިޝަންތަކުން ކަނޑައަޅާފައިވާ މުއްދަތް ހަމަވާން ކުޑަތަންވެފައި ވަނިކޮށް ވިސާ އަށް އެދި ބައެއް ފަރާތްތަކުން ހުށަހަޅަމުންދާ ކަން ފޮރިން މިނިސްޓްރީން ފާހަގަކޮށްފައިވެއެވެ.

އެގޮތަށް އަމަލު ކުރުމުގެ ސަބަބުން، ފުރަން ހަމަޖެހިފައިވާ ތާރީހަށް ވިސާ ނުލިބުން ފަދަ ހާލަތްތައް ތަކުރާރުވަމުން ދާ ކަން ވެސް އެ މިނިސްޓްރީން ފާހަގަކުރިއެވެ. އަދި އެކި ގައުމުތަކަށް ދިމާވެފައިވާ އެކި ހާލަތްތަކާ ގުޅިގެން، އެ ގައުމުތަކުން ރާއްޖެއަށް ކަނޑައަޅާފައިވާ އެމްބަސީތަކުގެ މަސައްކަތްތަކަށް ބުރޫ އަރައި، އެތަންތަނުން ހިދުމަތްދޭ ގަޑިތައް މަދުކޮށްފައިވާ ކަމަށް ބުންޏެވެ. އެ ގައުމުތަކުގެ ތެރޭގައި ޗައިނާ އާއި ސްރީލަންކާ ހިމެނެއެވެ.

"ވުމާއެކު، މި ދަނޑިވަޅުގައި ރާއްޖޭން ބޭރަށް ދިވެހިން ދަތުރުކުރުމަށް ވިސާ ބޭނުންވާ ގައުމުތަކުގެ ވިސާ ހޯދުމުގައި ލިޔެކިޔުންތައް ފުރިހަމަކުރުމަށާއި، ދުރާލާ އެޕޮއިންޓްމަންޓް ހޯދާ، ވިސާއަށް އެޕްލައި ކުރުމަށް ސަމާލުކަން ދިނުމަށް އެންމެހާ ފަރާތްތަކަށް އިލްތިމާސް ކުރަން."

ބޭރު ގައުމުތަކަށް ދަތުރުކުރާ ދިވެހިންނަށް ވިސާ ހޯދައިދީ، ލުއިފަސޭހަ ގޮތްތަކެއް ހޯދައިދޭނެ ކަމުގެ ޔަގީންކަން ފޮރިން މިނިސްޓްރީން ދެއެވެ.