ފ. ދަރަނބޫދޫގެ އާސާރީ މިސްކިތެއްގައި އިންޑިއާ ބަޔަކު ދިރިއުޅެނީ ކަމަށް ބުނާ ތަނަކީ އެ ރަށުގެ ނަރުދަމާ ނިޒާމުގެ މަސައްކަތް ކުރުމަށް ގޮސް ތިބި މަސައްކަތްތެރިން ބައިތިއްބަން ކުއްޔަށް ދީފައިވާ އިމާރާތެއް ކަމަށް އެރަށު ކައުންސިލުން ބުނެފިއެވެ.

'ދަ ޕްރެސް' އަށް މައުލޫމާތު ދެމުން އެ ރަށު ކައުންސިލުން ބުނީ، އެ އިމާރާތަކީ މިސްކިތެއްގެ ގޮތުގައި ބޭނުން ނުކުރާތާ އެތައް އަހަރުތަކެއް ވެފައިވާ ތަނެއް ކަމަށާއި މީގެ ކުރިން އެ ރަށުގައި ބަނދަރު ހެދުމުގެ މަޝްރޫއު ހިންގި އިރު ވެސް އެ އިމާރާތް މަސައްކަތް ކުރާ މީހުން ތިބުމަށް ކުއްޔަށް ދީފައިވާ ކަމަށެވެ. އެ މަސައްކަތް ނިމުމުން މިހާރު ނަރުދަމާގެ މަސައްކަތަށް ދިޔަ މީހުންނަށް އެތަން ކުއްޔަށް ދީފައި ވާ ކަމަށް އެ ކައުންސިލުން ބުނެއެވެ.

ދަރަނބޫދޫގައި ސަރުކާރުގެ ޕްރޮޖެކްޓްގެ މަސައްކަތް ކުރާ ސައިޓުގެ ނަން ބޯޑު ޖަހާފައިވާ ސަރަހައްދު

އެ އިމާރާތް މިފަހަރު ކުއްޔަށް ދިނުމުގެ ކުރިން އެކި ފަހަރު މަތިން މަސައްކަތް ކުރާ މީހުން ބައިތިއްބަން ތަނެއް ހޯދަން އިއުލާން ކުރި ކަމަށާއި އަދި އެމީހުން ބައިތިއްބަން ރަނގަޅުތަނެއް ނުލިބުނު ކަމަށް ކައުންސިލުން ބުނެއެވެ. ލިބުނު އެއް އިމާރާތުގައި އެމީހުން ބޭތިއްބި ނަމަވެސް އެމީހުންނަށް ބައެއް ދަތިތައް ކުރިމަތި ވާތީ ކުރިން ހިންގި ބަނދަރު މަޝްރޫއަށް ވެސް އެ މިސްކިތް ހުރި އިމާރާތް ކުއްޔަށް ދީފައި ވާތީ ނަރުދަމާ މަސައްކަތުގެ މީހުން ފަހުން އެ އިމާރަތަށް ބަދަލުކޮށް އެތަން ކުއްޔަށް ދިނީ ކަމަށް ކައުންސިލުން ބުނެއެވެ.

ފ. ދަރަނބޫދޫގައި މިހާރު މިސްކިތެއްގެ ގޮތުގައި ބޭނުން ކުރާ ދެ މިސްކިތް ހުންނަ ކަމަށް އެ ކައުންސިލުން ބުނެއެވެ. އަދި މި މިސްކިތަކީ ކުރިން ގަބުރު ފެނިގެން މިސްކިތެއްގެ ގޮތުގައި ބޭނުން ނުކޮށް ބަންދުކުރި މިސްކިތެއް ކަމަށާއި އަދި އެއް އަހަރު ދުވަހު އެތަން ގުރުއާން ކްލާސް ހިންގަން ބޭނުން ކުރި ކަމަށް އެ ކައުންސިލުން ބުނެއެވެ.

ރާއްޖޭގެ ފ. ދަރަނބޫދޫގައި ހުރި އާސާރީ މިސްކިތެއްގައި އިންޑިއާ ބަޔަކު ދިރިއުޅެނިކޮށް ނަގާފައިވާ ވީޑިއޯގެ ސްކްރީންޝޮޓެއް

މި ކަމާ ގުޅިގެން އިސްލާމިކް މިނިސްޓްރީން ބުނެފައި ވަނީ، އެ މިސްކިތް ބަންދުކޮށް އެ މިސްކިތް ވަނީ 2017 ވަނަ އަހަރު ކައުންސިލާ ހަވާލުކޮށްފައި ކަމަށެވެ. އަދި އެތަން ހަވާލު ކުރި އިރު އެތަނުގައި ޤުރުއާން ކްލާހެއް ހިންގަން ހަވާލު ކުރި ކަމަށާއި އޭރު ޤުރުއާން ކްލާސް ހިންގި ކަން ވެސް އެ މިނިސްޓްރީއަށް ކަށަވަރު ވެފައިވާ ކަމަށެވެ.

މި މައްސަލަ ހޫނު ވެފައި ވަނީ ސޯޝަލް މީޑިއާގައި ވައިރަލް ވަމުންދާ ވީޑިއޯއަކާ ގުޅިގެންނެވެ. އެ ވީޑީއޯގައި ވާހަކަ ދައްކާ މީހާ ބުނާ ގޮތުގައި އެ މިސްކިތުގެ ތެރޭގައި ބަޔަކު ނިދަން ތިބި ކަމަށާއި ގާތްގަނޑަކަށް 200 އެއްހާ މީހުން އެ މިސްކިތުގައި އުޅޭ ކަމަށް ބުނެފައި ވެއެވެ. އެ ވީޑިއޯގައި އެ މިސްކިތު ތެރެއާއި ގޯތި ތެރޭގައި އެކި ދިމަދިމާލުގައި ރޯނު ދަމާ އަންނައުނު ހިއްކަން އަޅާފައި ހުންނަ މަންޒަރު ފެނެއެވެ.

އަދި އެ މިސްކިތުގެ ގޯތި ތެރޭގައި ބަސްތާ ބަސްތާގައި ހުރި އެއްޗެހިތަކަކާއި ބޮޑެތި ހޮޅިތަކެއް ވެސް ގުދަން ކުރާ ގޮތަށް ޖަހާފައި ހުރިކަން ފާހަގަ ކުރެވެއެވެ. ބެލެވޭ ގޮތުގައި އެ މިސްކިތް ހުރި ސަރަހައްދުގައި ވަނީ މަސައްކަތެއް ކުރުމަށް ބޭނުންވާ ސާމާނުތަކެއް ވެސް ބަހައްޓާފައެވެ. އަދި އެ މިސްކިތުން ބޭރުގައި ބަހައްޓާފައި ހުރި އެ ފަދަ ބަސްތާތަކެއް ޖަހާފައި ހުރި ދިމާލުގައި އިންޑިއާއާއި ރާއްޖެ ގުޅިގެން ހިންގާ މަޝްރޫއެއްގެ ބޯޑެއް ވެސް ވަނީ ޖަހާފައެވެ.

މި މައްސަލައާ ގުޅިގެން ސޯޝަލް މީޑިއާގައި އާންމުން އަންނަނީ ފާޑު ކިޔަމުންނެވެ. އިންޑިއާއިން ކުރިއަށް ގެންދާ މަޝްރޫއުތަކުގެ ސައިޓުތަކުން މިފަދަ ދީނާ ހިލާފް ކަންކަން ފެންނަމުން ދާތީ އާންމުން އަންނަނީ މި ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ކިޔަމުންނެވެ. މިސްކިތެއްގައި އިންޑިއާ މަސައްކަތްތެރިންތަކެއް ދިރިއުޅޭ މަންޒަރު ފެންނ ވީޑިއޯއެއް ވައިރަލްވި އިރު، މީގެ ދުވަސްކޮޅެއް ކުރިން ވަނީ ހުޅުމާލޭގައި އިންޑިއާއިން ކުރިއަށް ގެންދާ ޕްރޮޖެންޓް ސައިޓެއްގައި ހިންދޫ ކަލާންގެއެއްގެ ނަމާއި ފޮޓޯ ޖަހާފައިވާ ނަން ބޯޑެއްގެ މައްސަލަ ވެސް ހޫނުވެފައެވެ.