ވ. އާރަށް ކުއްޔަށް ދިން މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކުރާ ދައުވާތަކާ ގުޅިގެން އިތުރު އަޑުއެހުމެއް މާދަމާއަށް ތާވަލްކޮށްފިއެވެ.
އާރަށު މައްސަލައިގައި ޔާމީންގެ މައްޗަށް އުފުލައިފައި ވަނީ ރިޝްވަތު ގަބޫލުކުރުމުގެ ކުށުގެ ދައުވާ އާއި މަނީ ލޯންޑަރިންގެ ކުށުގެ ދައުވާއެވެ. މި މައްސަލައިގައި ދެން ދައުވާ ލިބޭ ކުރީގެ ފެލިދޫ ދާއިރާގެ މެމްބަރު، ޔޫސުފް ނައީމްގެ މައްޗަށް ދައުލަތުން އުފުލާފައި ވަނީ ރިޝްވަތު ދިނުމުގެ ކުށުގެ ދައުވާއެވެ.
މި މައްސަލައިގެ އަޑުއެހުމެއް މާދަމާ ހެނދުނު 11:30އަށް ވަނީ ކްރިމިނަލް ކޯޓުގައި ތާވަލްކޮށްފައެވެ.
މިމައްސަލާގައި މިދިޔަ ބުރާސްފަތި ދުވަހު ވަނީ އަޑުއެހުމެއް ބާއްވާފައެވެ. އެއަޑުއެހުމުގައި ވަނީ މޯބައިލް ފޮރެންސިކް ރިޕޯޓެއް ތައްޔާރުކުރި ފުލުހުންގެ އޮފިސަރެއްގެ ހެކިބަސް ނަގާފައެވެ.
ފޮރެންސިކް ތަހުލީލުކޮށްފައި ވަނީ ޔޫސުފް ނައީމްގެ ނަންބަރާއި މުއާމަލާތްކޮށްފައިވޭތޯ ބެލުމަށް ތިން އައިފޯނަކުން ނަގާފައިވާ ޑޭޓާތަކެކެވެ. އެހެންނަމަވެސް އެ ތިން ފޯނު ނިސްބަތްވަނީ ކޮން ފަރާތްތަކަށްކަން އެއްވެސް ފަރާތަކުން ހާމަކޮށްފައެއް ނުވެއެވެ.
އެ ތަހުލީލުތައް ކުރިއިރު އެ ނަންބަރުގެ ކޯލް އެލާޓާއި މެސެޖު އަދި ވައިބާ ޗެޓު ލޮގް ފެނިފައިވާ ކަމަށާއި އެ މުއާމަލާތްތަކުގައި ނުވަތަ މެސެޖުތަކުގައި ދައްކާފައިވާ ވާހަކަތަކުގެ ތަފްސީލު ނޭންގޭ ކަމަށް އޮފިސަރު އަބްދުﷲ ޝިފާޒް ފާހަގަކުރެއްވިއެވެ.
ރައީސް ޔާމީނުގެ ދިފާއީ ވަކީލުންވަނީ އެ ޕެންޑްރައިވުގައި ހުރި އެއްވެސް ޑާޓާއަކުން ރައީސް ޔާމީނު މި މައްސަލާގައި 1 މިލިއަން ޑޮލަރުގެ ރިޝްވަތު ހޯއްދެވުމަށް އެއްވެސް ކަމެއް ކުރެއްވިކަމުގެ ހެކި ލިބޭތޯ ސުވާލުކުރައްވާފައެވެ. އެ ސުވާލުގެ ޖަވާބުގައި ޝިފާޒް ބުނެފައިވަނީ ޔޫސުފް ނައީމުގެ ނަންބަރާ ގުޅިގެން އެއްކުރެވިފައިވާ އެއްވެސް ޑާޓާއަކުން އެފަދަ ހެއްކެއް ހޯދިފައިނުވާ ކަމަށެވެެ.
ފުއްގިރި އާއި އާރަށުގެ މައްސަލާގައި ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާއަށް ހުކުމް އިއްވުން ޖޫން މަހުގެ 30 އަށް ވަނީ އަވަސް ކޮށްފައެވެ.