ކުނި ވަކިކޮށްގެން އުކާލަން ފެށި ފަހުން ގިނަ ގެތަކުން ވަރަށް ފުރިހަމައަށް ކުނި ވަކި ކުރާ ކަމަށް އެންވަޔަރަމަންޓް މިނިސްޓަރު އާމިނަތު ޝައުނާ ވިދާޅުވެއްޖެއެވެ.

މި މަހުގެ 1 ވަނަ ދުވަހުން ފެށިގެން ތިން ބާވަތެއްގެ ކުނި ވަކިން ބަންދުކޮށްފައި ނުބަހައްޓާ ނަމަ ކުންޏާ ހަވާލު ނުވާނެ ކަމަށް ވެމްކޯއިން ބުނެފައި ވާއިރު އޭގެ ތެރޭގައި ހިމެނެނީ ކުނިވާ ޒާތުގެ ކުންޏާއި އަދި އަމިއްލައަށް ފަނާވާ ޒާތުގެ ކުނީގެ އިތުރުން ޕްލާސްޓިކް ފުޅި އަދި އެހެނިހެން ބާވަތްތަކުގެ ކުންޏެވެ.

ޝައުނާ ވިދާޅުވީ، ގިނަ ގެބިސީތަކުން ވަރަށް ފުރިހަމައަށް އަދި ކޮންމެވެސް މިންވަރަކަށް ކުނި ބައިކުރާ ކަމަށެވެ. މިއީ އެންމެ 2 ހަފްތާގެ ނަތީޖާ ކަމަށާއި އަދި ރަނގަޅުކުރެވޭނެ ކަމަށް ވެސް ޝައުނާ ވިދާޅުވިއެވެ.

މާލެ އާއި ހުޅުމާލޭގައި ބައިކޮށްގެން ކުނި ނެރޭ މިންވަރު ދައްކައިދޭ ޗާޓު

މާލެ އާއި ހުޅުމާލޭގައި ބައިކޮށްގެން ކުނި ނެރޭ މިންވަރު ދައްކައިދޭ ޗާޓެއް ޝައުނާ ހިއްސާކުރައްވާފައި ވާއިރު އެ ޗާޓުން ފެންނަ ގޮތުގައި މާލޭގެ ގިނަ ގޭބިސީތަކުން ކޮންމެވެސް ވަރަކަށް ކުނި ވަކިކުރެއެވެ. މާލޭގައި ކުނި ވަކި ނުކުރާ ތަންތަނުގެ ތެރޭގައި ގިނައީ މާފަންނާއި މައްޗަންގޯޅީގެ ގޭބިސީތަކެވެ.

މީގެ އިތުރުން ހުޅުމާލޭ ފޭސް އެކެއްގައި ވެސް ގިނަ ގޭބިސީތަކުން ކޮންމެވެސް ވަރަކަށް ކުނި ވަކިކުރި ނަމަވެސް ފޭސް އެކެއްގެ ބީޗް ފްރަންޓުގެ އެއްވެސް ތަނަކުން ކުނި ވަކިކޮށްފައެއް ނުހުރެއެވެ.

މާލެ އާއި ހުޅުމާލޭގައި ބައިކޮށްގެން ކުނި ނެރޭ މިންވަރު ދައްކައިދޭ ޗާޓު

ވެމްކޯއިން އަންނަނީ ކުނި ވަކިކުރުމުގެ ކުރިން މާލެއިން ކޮންމެ ދުވަހަކު 1300 އަށް ވުރެ ގިނަ ޑަސްބިނުގެ ކުނި ނަގަމުންނެވެ.

މި ހިނގާ ޖޫން 1 އިން ފެށިގެން ކުނިވަކިކޮށްގެން 3 ކޮތަޅުގައި ކުނި ނެރެން އަންގާފައި ވާ އިރު ކޮންމެ ގޭބިސީއަކުން ކުނި އުކުމާއި ކޮތަޅުގެ ހަރަދަށް މަދުވެގެން މަހަކު 330 ރުފިޔާ ހޭދަކުރަން ޖެހެއެވެ. ތަކެތީގެ އަގުތައް ބޮޑުވެ، އިންފެލޭޝަން މައްޗައް ދާ މި ދަނޑިވަޅުގައި ކޮތަޅު ވިއްކާ ފަރާތްތަކުން ދަނީ ކޮތަޅުގެ އަގުވެސް ބޮޑު ކުރަމުންނެވެ. މިހާރުވެސް ބައެއް ފިހާރަތަކުން ވަކި ކޮތަޅު (ބާޒާރު ކުރާ ޕްލާސްޓިކް ކޮތަޅުގެ) ގެ މެދު ސައިޒު ވިއްކަނީ 2 ރުފިޔާއަށެވެ. މިކަމަށް ހައްަލެއް ނުގެނެސް ކުނި ވަކި ކުރުމުގެ ނަމުގައި ސަރުކާރުން ކަން ކުރާ ގޮތުން އާަންމުންގެ ފާޑުކިޔުން ދަނީ އަމާޒުވަމުންނެވެ.