ބުނާ އެއްޗެއްގެ ސަބަބުން ސަރުކާރު ވެއްޓިއްޖެނަމަ ކުރާނެ ކަމެއް ނެތް ކަމަށް އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ނަޝީދު މިހެން ވިދާޅުވީ އެމްޑީޕީ ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގްރޫޕްގައި އިކޮނޮމިކް މިިނިސްޓަރު ފައްޔާޒް އިސްމާއީލާއި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ދެއްކެވި ވާހަކައަށް ރައްދު ދެއްވަމުންނެވެ.

އެމްޑީޕީ ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގްރޫޕްގައި ފައްޔާޒު ވަނީ ސަރުކާރާ ދެކޮޅު މީހުން ހަގީގަތެއް ނެތް ވާހަކަ ދައްކަމުން ގޮސް އެކަން ހަގީގަތަކަށް ހެދުމަށް މަސައްކަތް ކުރަމުންދާ ކަމަށާއި އެމީހުންނަށް ހިތްވަރު ނުދިނުމަށް ގޮވާލައްވާފައެވެ.

ހަގީގަތެއް ނެތް ވާހަކަ ދެއްކި ދެއްކީނުން ހަގީގަތަށް ހެދޭ ތޯ މަސައްކަތް ކުރޭ. މިއީ އަޅުގަނޑުމެންގެ ދުޝްމަނުން ރާވައިގެން ކުރާ ކަމެއް. ހިނގާ އަޅުގަނޑުމެން މިކަމަށް ހިތްވަރު ނުދެމާ
އިކޮނޮމިކް މިިނިސްޓަރު ފައްޔާޒް އިސްމާއީލް

ފައްޔާޒު އިތުރަށް ވިދާޅުވީ މައުލޫމާތުތައް ފެންނަން ހުއްޓާ އިގްތިސާދީ ދޮގުތައް ހެދުމަކީ ޕީޕީއެމުން ވަރަށް ވަރުގަދަައަށް ރާވައިގެން ކުރާ ކަމެކެވެ. އަދި ގައުމީ މަޖިލީހަށް އިގްތިސާދާ ދަރަނީގެ ފުލް އިންފޮމޭޝަން ސެޝަނެއް ރާވާ ކަމަށާއި އޭރުން ވަރަށް ގިނަ ޝައްކުތައް ފިލައިގެންދާނެ ކަމަށް ބެލެވޭ ކަމަށް ފައްޔާޒު ވިދާޅުވިއެވެ.

އެވާހަކަތަކަށް ރައްދު ދެއްވަމުން ނަޝީދު ވަނީ ރާއްޖޭގެ އިގްތިސާދާއި އެހެން ކަންކަމަށް ބައްލަވާ އެމަނިކުފާނު ފާޑުވިދާޅުނުވެ ހުންނަވާފާނެ ކަމަށް ހީނުކުރެއްވުމަށް ވިދާޅުވެފައެވެ. އަދި ބުނާ އެއްޗެއްގެ ސަބަބުން ސަރުކާރު ވެއްޓޭނީ ނަމަ ކުރާނެ ކަމެއް ނެތް ކަމަށާއި ފެންނަ ކަންކަން ނުފެންނަ ކަމަކަށް ނުހެދޭނެ، ކަމަށް ނަޝީދު ވިދާޅުވިއެވެ.

ފައްޔާޒު ވިދާޅުވީ، ދަރަނި ނެގުމުގެ ފެންވަރު އިގްތިސާދުގައި އަދިވެސް އެބަހުރި ކަމަށާއި އެހެންކަމުން އަދިވެސް ދަރަނި ނަގަން ޖެހޭ ކަމަށް ދެކެވަޑައިގަންނަވާނެ ކަމަށެވެ.

ދަރަނި ރީސްޓްރަކްޗާ ކުރަން ގޮވާލާ ބިލާ ގުޅުވާ ވާހަކަ ދައްކަވަމުން ފިނޭންސް މިނިސްޓަރު އަމީރު އިބްރާހިމް ވިދާޅުވީ މި ހާލަތު އައީ ދަރަނި ރީސްޓްރަކްޗާ ނުކޮށްގެން ނޫން ކަމަށާއި މި ހާލަތު އައީ ކޮވިޑާ ހެދި ދައުލަތުގެ އާމްދަނީ ބޮޑުތަނުން ދަށްވެ، ޖީޑީޕީ ދަށަށް ދިއުމުން ކަމަށެވެ.

އަމީރު އިތުރަށް ވިދާޅުވީ، ޕްރެސް ކޮންފަރެންސެއް ބާއްވާ ރާއްޖޭގެ ބޭންކްރަޕްސީ އިއުލާންކޮށް ދަރަނި ރީސްޓްރަކްޗާ ކުރަން ބުނުމުން މާ ގެއްލުން ގައުމަށްވާނެ ކަމަށެވެ.

އެވާހަކަތަކަށް ރައްދު ދެއްވަމުން ނަޝީދު ވިދާޅުވީ އަމީރަށް ވެގެންވާ ނަމަ ކޮންމެ ރެއަކު ވެސް އިގްތިސާދީ ވާހަކަ ދައްކަވާނެ ކަމަށެވެ. އެހެންނަމަ މި ހާލަތު މިގޮތަށް މެދުވެރި ނުވީސް ކަމަށް ނަޝީދު ފާހަގަކުރެއވްިއެވެ.