ސިއްހީ ކަންކަމަށް ގިނަ ދިވެހިން ދަތުރުކުރާ އިންޑިއާގެ ކޮޗިންގެ އެއާޕޯޓުގެ ބައެއް އޮފިސަރުން ދިވެހިންނަށް ނިސްބަތްކޮށް "އިންޑިއާ އައުޓް ޕީޕަލް އާ ކަމިން" ފަދަ ބަސްތަކުން މުއާމަލާތް ކުރާ ކަމަށް، މަޖިލީހުގެ 241 ކޮމިޓީން ތައްޔާރުކުރި ރިޕޯޓެއްގައި ބުނެފިއެވެ.
ރާއްޖޭގައި ތިބި އިންޑިއާ ސިފައިން އަނބުރާ ފޮނުވާލަން ގޮވާލައި އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ކުރިއަށް ގެންދާ "އިންޑިއާ އައުޓް" ހަރަކާތުގެ ސަބަބުން ރާއްޖެއަށް ދެރަތަކެއް ލިބިދާނެ ކަމަށް ވިދާޅުވެ، މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ އެ މައްސަލަ، މިދިޔަ ފެބްރުއަރީ 7 ގައި 241 ކޮމިޓީ އަށް ހުށަހަޅުއްވާފައެވެ.
241 ކޮމިޓީއަށް އެ މައްސަލަ ހުށަހަޅުއްވައި ފޮނުއްވި ސިޓީގައި ނަޝީދު ވިދާޅުވީ، އެ ސިޓީ ފޮނުވާފައި ވަނީ ރާއްޖެއާ ގުޅުން ބަދަހިކޮށްފައި ވާ ބައިނަލްއަގުވާމީ ގައުމުތަކާ ދެކޮޅަށް ރާއްޖޭގައި ހަރަކާތްތައް ފަށައިފިނަމަ އޭގެ ސަބަބުން ރާއްޖެއަށް ލިބިގެންދާނެ ގެއްލުންތަކާ މެދު ދިރާސާކުރުމަކީ ބޭނުންތެރި ކަމެއްގެ ގޮތުގައި ފެނިވަޑައިގަންނަވާތީ ކަމަށެވެ. އަދި ގައުމުތަކާ ދެކޮޅަށް ހަރަކާތްތައް ހިންގުމުން، އެކަމުގެ ސަބަބުން ދިވެހިންނަށް ނޭދެވޭ އަސަރު ކުރާނެ ކަމަށް، އެމަނިކުފާނުގެ ސިޓީގައި ފާހަގަ ކުރައްވާފައި ވެއެވެ.
އެހެންކަމުން، ނަޝީދުގެ ހުށަހެޅުއްވުން ދިރާސާ ކުރުމަށް ފަހު 241 ކޮމިޓީން އިއްޔެ ވަނީ ރިޕޯޓެއް އާންމުކޮށް، އިންޑިއާ އަށް ދަތުރުކުރާ ދިވެހިންނާއި، އެ ގައުމުގައި ދިރިއުޅޭ ދިވެހިންނަށް ދިމާވެފައިވާ ބައެއް ކަންކަން ހިމަނާފައެވެ.
ކޮމިޓީން އާންމުކުރި ރިޕޯޓުގައިވާ ގޮތުން:
- އެއާޕޯޓުގައި ތިބޭ ބައެއް އޮފިސަރުން "އިންޑިއާ އައުޓް ޕީޕަލް ކަމިން" ފަދަ ބަސްތަކުން މުހާތަބު ކޮށްފައިވޭ
- އިންޑިއާ ޓެކްސީ ޑްރައިވަރެއް "އިންޑިއާ އައުޓް" ހަރަކާތަށް ނިސްބަތްކޮށް، "މޯލްޑިވްސް އައުޓް" ހަރަކާތެއް ފަށައިފި ނަމަ ހަދާނީ ކިހިނެއްތޯ ސުވާލު ކޮށްފައިވޭ
- އެ ހަރަކާތް ހުއްޓުވުމަށް ދިމާވާ 24 ކަމެއް ފާހަގަކޮށްފައިވޭ
އެ މައްސަލަ ދިރާސާ ކުރުމަށް ސަލާމަތީ ހިދުމަތްތަކާ ބެހޭ އިދާރާތަކާއި، އިކޮނޮމިކް މިނިސްޓްރީ އާއި ހޯމް މިނިސްޓްރީގެ ވެރިން ކޮމިޓީއަށް ހާޒިރުކޮށް ސުވާލުކޮށްފައި ވެއެވެ.
އެ ރިޕޯޓުގައި ބަޔާންކޮށްފައިވާ ބައެއް ކަންތައްތައް:
- ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްވެ ހުންނަވައި ކުރިއަށް ގެންދާ "އިންޑިއާ އައުޓް" ހަރަކާތަކީ ދެ ގައުމުގެ ދެމެދުގައި އޮތް ހަމަޖެހުން ނަގާލަން ކުރިއަށް ގެންދާ ހަރަކާތެއް
- އެ ހަރަކާތުގެ ސަބަބުން ރާއްޖޭގެ ސުލްހަ މަސަލަސްކަން ގެއްލޭ
- ރާއްޖެއާއި އިންޑިއާގެ ޒަމާންވީ ގުޅުން ދެމެހެއްޓުމަށް ކުރާ މަސައްކަތަށް ހުރަސް އެޅޭ
- އެ ހަރަކާތުގެ ސަބަބުން ދިވެހިން ބޮޑު އިގްތިސޯދީ ބުރައެއް އުފުލަން ޖެހޭނެ
އެއަށް ފަހު އެ ރިޕޯޓުގައި ވަނީ އިންޑިއާ އައުޓް ހަރަކާތް ހުއްޓުވުމަށް އެޅިދާނެ ބައެއް ފިޔަވަޅުތައް ވެސް ބަޔާންކޮށްފައެވެ. އެގޮތުން، ގާނޫނާ ހިލާފު ނުވާނެހެން އެ ހަރަކާތް ހުއްޓުވުމަށް މަސައްކަތް ކުރުމާއި، ގާނޫނުން އެ ހަރަކާތް ހުއްޓުވުމަށް ހުރަސް އަޅާ ނަމަ، މަޖިލިހަށް ހުށަހަޅައިގެން އިސްލާހު ކުރުމެވެ.
އިންޑިއާ އައުޓް ހަރަކާތް ހުއްޓުވައިދިނުމަށް ކަމާބެހޭ ފަރާތްތަކުގެ ކިބައިން އެދިވަޑައިގެން، ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިދިޔަ އޭޕްރިލް 21 ގައި ވަނީ ގަރާރެއް ނެރުއްވައިފައެވެ. އެ ގަރާރުގައި ރައީސް ވިދާޅުވީ، އިންޑިއާ އައުޓް ހަރަކާތަކީ ރާއްޖޭގެ ސުލްހަ މަސަލަސްކަން ނަގާލަން ހިންގާ ހަރަކާތެއް ކަމަށެވެ.
ރައީސްގެ ގަރާރަށް ގޮންޖަހައި، އިދިކޮޅުން އިންޑިއާ އައުޓް ހަރަކާތް ފުޅާކޮށްފައި ވާއިރު، މިފަހުން ބައެއް ވަޒީރުން ދިރިއުޅުއްވާ ގެތަށް ކައިރިއަށް "އިންޑިއާ އައުޓް" ޖަހާފައިވާ ކަރުދާސްތައް އަޅައި، ތިން ވަޒީރެއްގެ ކާރުގައި "އިންޑިއާ އައުޓް" ސްޕްރޭ އިން ލިޔެފައި ވެއެވެ.
އިންޑިއާ އައުޓު ކުރަން އިދިކޮޅުން ހިންގާ ކެމްޕެއިން ކުރިއަށް ގެންދަން އެންމެ ވަރުގަދައަށް ހިތްވަރު ދެއްވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅަމުން ގެންދަވަނީ، އިރުއަރާ އޮއްސެއްދެން އިންޑިއާ އައުޓް ގޮވިއްޔާަ ވާނީ ކީއްތޯއެވެ.
އިންޑިޔާ ސަރުކާރުގެ އެފަދަ މަގާމް ތަކުގައި ތިބޭ އޮފިސަރުން " ދިވެހިންނާ މުހާތަބް ކޮށް މިފަދަ ބަދު ބަދް ތަކުން މުހާތަބް ކުރުމަކީ އިންޑޮޔާ ސަރުކާރުގެ އެއްވެސް ހުރުއްޕަތެއް ނެއްކަން ހާނަވާ ކަމެއް
ޤަބޫލުކުރެވޭ ގޮތުގައި ދިވެހިންނަށް މައްސަލައަކީ އިންޑިއާ މީހުން މިތާ އުޅުމެއްނޫން. މައްސަލައަކީ އިންޑިއާ ސިފައިން މިތާ ތިބުން. އެމީހުން ތިބެން ވަކި ރަށެއް ސަރުކާރުން ހަމަޖެއްސުން. އެހެން ގައުމެއްގެ މިލިޓަރީ ބޭސްއަކަށް ރާއްޖެ ހެދިގެން ނުވާނެ!
ރާއްޖޭގަ ބަންގްލަދޭޝް މީހުންއަށް ދިވެހިން ކިޔާ އެއްޗެހި މަދުތަ! ހަމަ އެކަހަލަ ކަމެއް ތީ…ހަޖަމު ކޮއްލާ