ރާއްޖޭގެ އިގްތިސޯދު ވެއްޓިފައިވާ ހާލަތާ މެދު ކަންބޮޑުވުން ފާޅު ކުރައްވަމުން ދައުލަތުގެ ދަރަނި ރީސްޓްރަކްޗާ ކުރަން ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު މިއަދު ގޮވާލައްވައިފިއެވެ.

ނަޝީދު ވިދާޅުވީ، އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުން ނެރޭ ވިޕްލައިންތަކަށް ވޯޓު ނުދެއްވަން އެމަނިކުފާނު ނިންމެވީ، ރާއްޖޭގެ އިގްތިސޯދު ވެއްޓިފައިވާ ހާލަތާ މެދު ރައްޔިތުންގެ މަޖިލީހުގައި ސަރުކާރު ޖަވާބުދާރީ ނުކުރެވޭތީ ކަމަށާއި، ރާއްޖޭގެ އިގްތިސޯދަށް ބޮޑު ގެއްލުމެއް ލިބިދާނެ ކަމަށް ގަބޫލުފުޅުކުރައްވާތީ ކަމަށެވެ. އެގޮތުން ރާއްޖެ ފަދަ ގައުމުތަކުގައި ގާނޫނު ހަދާ މަޖިލިސްތަކުގައި ސަރުކާރުގެ މެންބަރުން، ސަރުކާރަށް މާބޮޑަށް ތާއީދުކޮށްގެން ތިބުމުގެ ސަބަބުން، އެ ގައުމުތައް އެކީ އެކަށް ބަނގުރޫޓުވަމުންދާ ކަމަށް ރައީސް ނަޝީދު ފާހަގަ ކުރެއްވިއެވެ.

2012 އިން 2018 އާ ދެމެދު ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ނަގާފައިވާ ވަރަށް ގިނަ ލޯނުތަކަކީ ކޮމާޝަލް ލޯނާއި ބޮންޑް މާކެޓް އިން ނަގާފައިވާ ދަރަނި ކަން ފާހަގަ ކުރައްވަމުން އެމަނިކުފާނު ވިދާޅުވީ އޭގެ ބޮޑު ބައި ދައްކަން ޖެހެނީ މި އަހަރާއި އަންނަ އަހަރުގައި ކަމަށެވެ. އެ ދަރަނި ދައްކަން މި ސަރުކާރުން އިތުރު ދަރަނި ނެގި ކަމަށާއި ދަރަނި ނެގުމަކީ އެމްޑީޕީގެ މެނިފެސްޓޯގައި އޮތް ގޮތް ނޫން ކަމަށް ނަޝީދު ވިދާޅުވިއެވެ.

"މި ދަރަނި ދައްކަން ސަރުކާރުން އިތުރު ދަރަނި ނެގީ. އެމްޑީޕީގެ މެނިފެސްޓޯގައި އޮތީ އިތުރު ދަރަނި ނަގާކަށް ނޫން. ދަރަނި ފަހަތަށް ޖެއްސުން، އެމްޑީޕީގެ މެނިފެސްޓޯ ފުރަތަމަ ވެސް ބުނީ ބޮންޑް މާކެޓަށް ނުދާން. ދަރަނި ރީސްޓްރަކްޗާ ކުރަން. އަނެއްކާވެސް އަޅުގަނޑަށް ދެންނެވޭނީ ދަރަނި ރީސްޓްރަކްޗާ ކުރާށޭ"
ރައީސް މުހައްމަދު ނަޝީދު

އިގްތިސޯދުގެ މިހާލަތުން އަރައިގަތުމަށް ދަރަނި ރީސްޓްރަކްޗާ ކުރަން ނުފެންނަ ކަމަށް ސަރުކާރުން ބުނެފައިވާ ކަމަށާއި އެ ގޮތަށް އެކަން ކުރަނީ ދަރަނި ރީސްޓްރަކްޗާ ކޮށްގެން ބޮންޑް ނުވިއްކޭނެތީ ކަމަށް ސަރުކާރުން ބުނެފައިވާ ކަމަށް ނަޝީދު ފާހަގަ ކުރެއްވިއެވެ. ނަމަވެސް އެމްޑީޕީގެ މެނިފެސްޓޯގައި ބުނެފައި ވަނީ ބޮންޑް މާކެޓަށް ނުދިއުމަށާއި އެ މެނިފެސްޓޯގައި ވާނީ ދަރަނި ނުގަނާ ދަރަނި ފަހަތަށް ޖެއްސުން ކަމަށް ނަޝީދު ވިދާޅުވިއެވެ. އެހެންކަމުން ރައީސް ނަޝީދު ވަނީ ގައުމުގެ އިގްތިސޯދު ރަނގަޅު ކުރުމަށް އެންމެ ބޭނުންތެރި ކަމަކީ ދަރަނި ރީސްޓްރަކްޗާ ކުރުން ކަމަށާއި އެކަން ކުރުމަށް ސަރުކާރަށް އަނެއްކާ ވެސް ގޮވާލައްވާ ކަމަށް ނަޝީދު ވިދާޅުވިއެވެ.

ރާއްޖޭގެ އިގްތިސޯދު އޮތް ގޮތް ހާމަ ކުރެއްވަމުން އެންމެފަހުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ނޫސްވެރިންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަ ފުޅުގައި ވިދާޅުވެފައި ވަނީ، ރާއްޖެ ބަނގުރޫޓު ނުވާނެ ކަމަށާއި އިގްތިސޯދު ނުހުއްޓި ކުރިއަށް ގެންދެވޭނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ. ނަމަވެސް ޗެލެންޖަސް އެބްހުރި ކަމަށް އެމަނިކުފާނު ފާހަގަ ކުރެއްވިއެވެ.

ހަމައެއާއެކު ދައުލަތުގެ ދަރަނި އަދި ދަރަނި މެނޭޖްކުރުމަށް ކުރަމުން ގެންދާ މަސައްކަތްތަކާ ގުޅޭ ގޮތުން، މައުލޫމާތު ދިނުމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެފައި ވަނީ މިހާރު ރާއްޖެ އޮތީ ދަރަނި ރީސްޓްރަކްޗާ ކުރަންޖެހޭ ހާލަތެއްގައި ނޫން ކަމަށެވެ. ރާއްޖޭގެ ދަރަނި މެނޭޖުކުރަން ޖެހޭނީ މާކެޓާ ފްރެންޑްލީ ގޮތަކަށް ކަމަށާއި ސަރުކާރުން އެކަން ކުރަނީ އެގޮތަށް ކަމަށެވެ. އަދި ރާއްޖޭގައި މިހާތަނަށް ދަރަނި މެނޭޖްކޮށްފައި ވަނީ މަޝްރޫއުތައް ނުހުއްޓި ކުރިއަށް ގެންދެވޭނެ ގޮތަކަށް ކަމަށް އަމީރު ވިދާޅުވެފައި ވެއެވެ.

ދަރަންޏާ ބެހޭ ގޮތުން ސަރުކާރުން އެންމެ ފަހުން އާންމު ކުރި މައުލޫމާތަށް ބަލާއިރު، ނަގާފައި ހުރި އެކި އެކި ލޯނުތަކަށް ބަލާއިރު ދައްކަން އޮތް ބޭރުގެ ދަރަނީގެ އަދަދަކީ 94.35 މިލިއަން ޑޮލަރެވެ. އެއީ މަހުން މަހަށް މިއަހަރުގެ ޖުލައި އިން ފެށިގެން މިއަހަރުގެ ނިޔަލަށް ދައްކަން ޖެހޭ ވަރެވެ. އެގޮތުން މި އަހަރުގެ ޖޫން މަހުގައި ވަނީ ބޮޑު ދަރަންޏެއް ދައްކާފައިވެސް ވާ ކަމަށާއި އެއީ 62.58 މިލިއަން ޑޮލަރު ކަމަށް އަމީރު ވަނީ ވިދާޅުވެފައެވެ. އަދި ކުރިއަށް އޮތް ތަނުގައި ދެން ބޮޑު ދަރަންނެއް ދައްކަން ޖެހޭނީ 2026 ގައި ކަމަށާއި އޭރަށް ރާއްޖެ އެ ދަރަނި ދެއްކޭނެ ހާލަތަކަށް ތައްޔާރުވެފައި އޮންނާނެ ކަމަށް އަމީރު ވަނީ ވިދާޅުވެފައެވެ.