2026 ގައި 800 މިލިއަން ޑޮލަރުގެ ދަރަނި ދެއްކޭނެ ކަމަށް ގަބޫލު ކުރުމަކީ މޮޔަކަމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބު ވިދާޅުވެއްޖެއެވެ.

މިއަދުގެ މަޖިލީހުގެ ޖަލްސާގައި މާލިއްޔަތު ގާނޫނަށް އިސްލާހު ގެނައުމަށް ސަރުކާރުން ހުށަހަޅާފައިވާ ބިލަށް ބަހުސް ކުރައްވަމުން އިލްޔާސް ވިދާޅުވީ އެންމެ ބޮޑު ދަރަންޏެއް އަދާކުރަން ޖެހެނީ 2026 ވަނަ އަހަރުގައި ކަމަށާއި ދައުލަތުގެ ގްރޮސް ރިޒާވްގައި މިހާރުވެސް ހުރީ 800 މިލިއަން ޑޮލަރު ކަމަށާއި ފާއިތުވި 10، 12 އަހަރުގައިވެސް އެއަށް ވުރެ ގްރޮސް ރިޒާވް މަތިވެފައި ނުވާ ކަމަށެވެ.

"ކުރިއަށް އޮތް 3 ހަރެއްހާ ދުވަސް ތެރޭގައި އަޅުގަނޑުމެންގެ ގްރޮސް ރިޒާވް 800 މިލިއަނަށް ވުރެ މައްޗަށް އަރާ 2026 ގައި އަޅުގަނޑުމެންނަށް 800 މިލިއަން ޑޮލަރު ދެއްކޭނެ ކަމަށް އަޅުގަނޑުމެން ގަބޫލު ކޮށްގެން ތިބުމަކީ މޮޔަ ކަމެއް"
އިލްޔާސް

ދަރަނި ރީސްޓްކްޗާ ކޮށް ޕްލޭން ކޮށް ކުރިއަށް އޮތް 10، 12 އަހަރަށް ބަހާލައިގެން ދެއްކޭނެ ގޮތް ހޯދުމަކީ ރައްޔިތުންގެ ބޮލުގައި އެޅިފައިވާ ދަރަންޏާމެދު ޒިންމާދާރު ކަމާއެކު މަސައްކަތް ކުރުން ކަމުގައި އިލްޔާސް ފާހަގަ ކުރެއްވިއެވެ.

މިދިޔަ ދުވަސްތަކުގައި އެމްއެމްޕީއާރްސީގެ ނަމުގައި އެކި އެކި ރަށްތަކާއި ފަޅުތައް ވިއްކާފައި ވާކަން ފާހަގަކުރައްވާ އިލްޔާސް ވިދާޅުވީ އެތައް އެއް ފަޅާއި އެއް ރަށް ތިން ހަތަރު ކުންފުންޏަށް ވިއްކާފައިވާ ކަމަށެވެެ. އެ ތަންތަން ވިއްކާފައި ވަނީ ރާއްޖޭގެ ކުންފުނިތަކަކަށް ނޫން ކަމަށާއި އެ ގަންނަން ހެދި އެއްބަސްވުމުގައި އޮތީ، މައްސަލައެއް ޖެހިއްޖެ ނަމަ ރާއްޖޭގެ ކޯޓުތަކާއި އާބިޓަރޭޝަން އަށް ހުށައެޅުމުގެ ބަދަލުގައި ދުނިޔޭގެ އެންމެ ވަރުގަދަ އާބިޓްރޭޝަން ސެންޓަރުތަކަށް ހުށައަޅާ ގޮތަށް ކަމަށް ވެސް އިލްޔާސް ވިދާޅުވިއެވެ.

މީގެ އިތުރުން މާލެ އަތޮޅުގައި އޮތް ފަޅެއް ތިން ފަރާތަކަށް ވިއްކި މައްސަލައެއް މިހާރުވެސް ހޮންގްކޮންގުގެ އާބިޓްރޭޝަންގައި ހިނގާ ކަމަށާއި އެ މައްސަލައިގައި ދައުވާ ކުރަނީ 1 ބިލިއަން ޑޮލަރު ހޯދުމަށް ކަމަށްވެސް އިލްޔާސް ވިދާޅުވިއެވެ.

"އެ އާބިޓަރޭޝަން ނިމޭއިރު ދައުލަތުގެ މައްޗަށް ދެ ތިން ސަތޭކަ މިލިއަން މާދަމާ ހުކުމް ކޮށްފިއްޔާ އަޅުގަނޑުމެން ގޮސް ވެއްޓޭނީ ކޮންތަނަކަށް ތޯ"
އިލްޔާސް

އެމްއެމްއޭގެ ގަވަރުނަރު ވިދާޅުވެފައި ވަނީ މިހާރު ދައުލަތުގެ ނެޓް ރިޒާވްގައި ހުރީ 316 މިލިއަން ޑޮލަރު ކަމަށާއި އަދި މި އަހަރު ނިމޭއިރު 214 މިލިއަން ޑޮލަރަށް އެ އަދަދު ދަށްވާނެ ކަމަށެވެ. އެހެންކަމުން މި އަހަރު 200 މިލިއަން ޑޮލަރު ދައްކަން ޖެހޭކަމަށް އަންގައިފިނަމަ ދައުލަތުގެ ރިޒާވް ހުސްވީ ކަމަށް އިލްޔާސް ލަބީބު ވިދާޅުވިއެވެ.