ވ. އާރަށް ކުއްޔަށް ދިން މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ފަރާތްޕުޅުން ހުށަހެޅި ކުރީގެ ހުށަހެޅުންތައް ބަލައިނުގަތުމުން ހައިކޯޓުގައި އިސްތިއުނާފު ކުރުމުން އެ މައްސަލަ ބަލައި ނުގަންނަން ހައިކޯޓުން ނިންމައިފިއެވެ.

އާރަށުގެ މައްސަލައިގައި ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑާ ކުރުމުގެ ދައުވާ އާއި ރިޝްވަތު ގަބޫލު ކުރުމުގެ ދައުވާގައި އެމަނިކުފާނުގެ ފަރާތްޕުޅުން ހުށަހެޅި ކުރީގެ ހުށަހެޅުންތައް ބަލައިނުގަތުމަށް މީގެ ކުރިން ވެސް ކޯޓުން ނިންމާފައިވެއެވެ.

ޔާމީންގެ ހުށަހެޅުންތައް ބަލައިނުގަތުމަށް ކޯޓުން ނިންމާފައިވަނީ ދިން މުައްދަތުގެ ތެރޭގައި ހުށަހެޅުންތައް ހުށަހަޅުއްވާފައި ނެތުމުންނެވެ. އެހެންވެ، ދައުލަތުގެ ހުށަހެޅުންތައް ވެސް ކޯޓުން ބަލައެއް ނުގަތެވެ.

އެ ނިންމުން އިސްތިއުނާފު ކުރުމަށް ހައިކޯޓަށް ޔާމީންގެ ފަރާތުން މިދިޔަ ހަފްތާގައި ހުށަހެޅި އިރު އެ މައްސަލަ ބަލައިނުގަންނަން ހައިކޯޓުން މިއަދު ވަނީ ނިންމާފައެވެ.

އެ މައްސަލަ ނިމެންދެން އާރަށުގެ މައްސަލަ މަޑު ޖައްސާލުމަށް ވެސް ޔާމީންގެ ފަރާތްޕުޅުން އެދިވަޑައިގަތެވެ. ނަމަވެސް މައްސަލަ ބައްލަވާ އިސްގާޒީ އަހްމަދު ޝަކީލް ނިންމެވީ، އެ މައްސަލަ މަޑުޖައްސާލަން ހައިކޯޓުގެ އަމުރެއް ނެތުމުން މައްސަލަ ކުރިއަށް ގެންދިއުމަށެވެ.

އިބްތިދާއީ މަރުހަލާ ނިމި، ޔާމީންގެ މައްސަލައިގެ ޝަރީއަތް ފަށާފައިވާއިރު، މި މަހު ހެކިބަސް ނަގައި ނިންމާލާނެއެވެ. އަދި ހުލާސާ ބަޔާން އޮގަސްޓް މަހު އިއްވާ، 30 ދުވަހުގެތެރޭ ހުކުމް ކުރާ ގޮތަށް ވަނީ ހަމަޖެހިފައެވެ.