ދިވެހިރާއްޖެ އޮތީ އަދިވެސް ދަރަނި ނެގޭ ހާލަތުގައި ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެއެވެ.

ދައުލަތުގެ ދަރަނި އަދި ދަރަނި މެނޭޖްކުރުމަށް ކުރަމުން ގެންދާ މަސައްކަތްތަކާ ގުޅޭގޮތުން، މައުލޫމާތު ދިނުމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ފައްޒާޒު ވިދާޅުވީ، ދަރަންޏަކީ ނަގަން ޖެހޭ އެއްޗެއް ކަމަށާއި ދަރަނި ނަގައިގެން ދަރަނިން ގައުމުގެ ކުރިއެރުމަށް ކުރަން ޖެހޭ ކަންކަން ކުރަން ޖެހޭ ކަަމަށެވެ.

އެ ކުރެވުނު ކަންތައްތަކުގެ ސަބަބުން މިއަދު އިގްތިސާދު ވަރަށް ރަނގަޅު މިސްރާބަކަށް ދަތުރު ކުރަމުންދާ ކަމަށް ފައްޔާޒު ވިދާޅުވިއެވެ.

އަދި ރާއްޖެ އޮތީ އަދިިވެސް ދަރަނި ނެގޭ ހާލަތުގައި ކަމަށާއި ދަރަނި ނަގަންވީ ކަމަށް ވެސް ފައްޔާޒު ވިދާޅުވިއެވެ.

އަޅުގަނޑުމެން މިތިބީ ދަރަނި ނުދެއްކޭ ހާލަތުގައެއް ނޫން. ގޮންޖެހުން އެބަހުރި. އެކަމަށް އިންކާރެއް ނުކުރަން. ގައުމު ބަނގުރޫޓުވާ ކަމަށް ބުނެ ދައްކާ އަސާސެއް ނެތި ވާހަކަތަކުގެ ސަބަބުން އިންވެސްޓަރުން އިންވެސްޓު ކުރަން ފަހަތަށްޖެހޭ
އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް

ފައްޔާޒު ވިދާޅުވީ، އަދާކުރުމަށް ހުރި ގޮންޖެހުންތަކުގެ ތެރޭގައި، މިހާރު ކުރިއަށްދާ ރަޝިޔާއާއި ޔޫކްރެއިންގެ ހަނގުރާމައާ ގުޅިގެން ތެލުގެއަގަށް އަންނަ ބަދަލުތައް ހިމެނޭ ކަމަށެވެ.

މިފަދަ ކަންކަމަކީ އޭގެ ޒާތުގައި ސަރުކާރުގެ ފަރާތުން މާބޮޑު ކަމެއް ކުރެވޭނެ ކަމަކަށް ނުވިނަމަވެސް ސަރުކާރުގެ ކެރިފޯރުންތެރިކަން ހުރި މިންވަރަކުން ރައްޔިތުންނަށް އޭގެ ތަކުލީފު ކުޑަކުރަން މަސައްކަތް ކުރާނެ ކަމަށް ފައްޔާޒު ވިދާޅުވިއެވެ.