ޕްރޮސެކިއުޓަ ޖެނެރަލް (ޕީޖީ) ހުސެއިން ޝަމީމްގެ މައްޗަށް އިތުބާރު ނެތް ކަމުގެ ވޯޓު، ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިގެން ކުރިއަށް ގެންދަން އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން މިއަދު ފާސްކޮށްފިއެވެ.

ޕީޖީގެ މަގާމުން ޝަމީމް ވަކިކުރުމުގެ މައްސަލަ މަޖިލިހަށް ހުށަހަޅައިގެން ކުރިއަށް ގެންދަން ފާސްވެފައި ވަނީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 21 މެމްބަރުންގެ ތެރެއިން 17 މެމްބަރުން ވޯޓު ދެއްވައިގެންނެވެ.

ޝަމީމްގެ އިތުބާރުނެތްކަމުގެ މައްސަލަ ޕީޖީއަށް ހުށަހެޅީ މީގެ ދެ ހަފްތާއެއްހާ ދުވަސް ކަމުގައި ވީ ނަމަވެސް އެދުވަހުގެ ޖަލްސާގައި އެ މައްސަލައަށް ގޮތެއް ނުނިންމާ ވަނީ އެ ހުށަހެޅުމާ ގުޅިގެން ވަކިން ބައްދަލުވުމެއް ބާއްވައި ޕާލިމެންޓަރީ ގްރޫޕުގެ ތެރޭގައި މަޝްވަރާ ކުރުމަށެވެ.

ޕީޖީ ޝަމީމާ މެދު ޕާލަމެންޓްރީ ގްރޫޕުގެ މެމްބަރުން ހިތްހަމަނުޖެހުން އަމާޒުވީ ސީދާ ކޮން މައްސަލަތަކަކާ ގުޅިގެން ކަން އަދި ސާފުނުވިޔަސް ދާދިފަހުން ޕީޖީ ޝަމީމަށް ބޮޑެތި ތުހުމަތުތަކެއް ކުރުމަށްފަހު ސީނިއާ ޕަބްލިކް ޕްރޮސެކިއުޓާ އައިޝަތު މުހައްމަދު އެމްއެމްޕީއާރުސީ ހިޔާނާތާއި ގުޅޭ އެންމެހާ މައްސަލަތަކުން ތަނާޒުލްވި ވާހަކަތައްވެސް ވަނީ ފެތުރިފައެވެ.

މީގެ އިތުރުން އެމްއެމްޕީއާރުސީ ހިޔާނާތުގެ ބައެއް މައްސަލަތަކާއި ވެންޓިލޭޓަރު ހިޔާނާތުގެ މައްސަލާގައި ދައުވާ ކުރުން ލަސްވާތީ ގިނަބަޔަކު އަންނަނަނީ ނުރުހުން ފާޅުކުރަމުންނެވެ.