ހުޅުމާލޭގައި ކޮންޓެއިނަރެއްގައި ހުރި މާބްލް ޝީޓުތަކެއް ނެރެން އުޅުމުގެ ތެރޭގައި އޭގެ ދަށުގައި ތާށިވެ އެކަކު މަރުވެ ދެވަނަ މީހަކު ޒަހަމްވެ ފަރުވާ ދޭން ފަށައިފިއެވެ.

ފުލުހުން ބުނީ ހުޅުމާލެ ފޭސް 2 ޑިންގީ ޖެޓީ ސަރަހައްދުގައި ކޮންޓެއިނަރަކުން މާބުލް ޝީތުތަކެއް ހުސްކުރަން އުޅުމުގެ ތެރޭގައި 2 މީހަކު ތާށިވި ކަމަށެވެ. އަދި އެ މައުލޫމާތު މިއަދު 3:30 ހާއިރު ފުލުހަށް ލިބިފައިވާ ކަމަށްވެސް ވަނީ ބުނެފައެވެ.

ފުލުހުން ބުނީ އެ ހާދިސާގައި އަނިޔާވީ ބިދޭސީ 2 ފިރިހެނަކަށް ކަމަށާއި އެތަނުން އެކަކު މަރުވެފައިވާ ކަމަށެވެ. އަދި އަނެއް މީހާއަށް ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން އިތުރަށް ބުނީ މި ހާދިސާއާ ގުޅިގެން ބަލަން ޖެހޭ ކަންކަން އަންނަނީ ބަލަަމުން ކަމަށެވެ.