ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ޖޭޕީގެ ލީޑަރު އަދި މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް އާ ބައްދަލުކުރައްވާ، 2023ގެ އިންތިހާބަށް ރަނިން މޭޓްކަން ހުށަހަޅުއްވާފައި ނުވާ ކަމަށް ޖޭޕީގެ ނައިބު ލީޑަރު އިލްހާމް އަހުމަދު ވިދާޅުވެއްޖެއެވެ.

ރައީސް މާމިގިއްޔަށް ވަޑައިގަތުމާއެކު ރައީސް ސޯލިހުގެ ރަނިން މޭޓްގެ ގޮތުގައި 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވަން ގާސިމަށް، ހުށައަޅުއްވާފައިވާ ކަމަށް އަޑުތައް ވަނީ އަރާފައެވެ.

އެކަމާ ގުޅިގެން "ދަޕްރެސް" އާ ވާހަކަ ދައްކަވަމުން އިލްހާމް ވިދާޅުވީ، ރައީސް ސޯލިހު އާއި ގާސިމް ބައްދަލު ކުރެއްވި އިރު އޭނާ ވެސް އެތަނުގައި ހުންނެވި ކަމަށެވެ.

ނަމަވެސް ކުރެއްވި މަޝްވަރާތަކުގެ ތެރޭގައި 2023ގައި އިންތިހާބުގައި ގާސިމަށް ރަނިން މޭޓް ކަން ހުށަހަޅާފައި ނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ނުރަސްމީ ދަތުރުފުޅެއްގައި ރައީސް ސޯލިހު އދ. މާމިގިއްޔަށް ވަޑައިގަތުމުން ގާސިމް ވަނީ ރައީސަށް ރަތް ދޫލައިގެ މަރުހަބާއެއް ވިދާޅުފައެވެ.

ރައީސް މާމިގިއްޔަށް ވަޑައިގަން އިރު އޭގެ ކުރީ ދުވަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި 2023 ގެ ޗޮއިސް އަކީ އެމަނިކުފާނު ކަމަށް ވިދާޅުވެ އިއުލާން ކުރެއްވުމުން، ގާސިމްގެ ފަރާތުން ވަނީ އޭނާ ވެސް 2023 ގެ ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވާ ވާހަކަ ތަކުރާރު ކުރައްވާފައެވެ.

ކުއްލިގޮތަކަށް ނުރަސްމީ ދަތުރުފުޅެއްގައި ރައީސް، ގާސިމް އިބްރާހިމް އާ ބައްދަލުކުރެއްވުމަށް މާމިގިއްޔަށް ވަޑައިގަތުމުން ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވެސް ވަނީ ފާޑުވިދާޅުވެފައެވެ.

މިގޮތުން ނަޝީދު ވަނީ ރައީސް ސޯލިހު ދެ ވަނަ ދައުރަކަށް ކެންޑިޑެސީ އިއުލާން ކުރެއްވީ ސަރުކާރު ކޯލިޝަންގައި މިހާރު ހިމެނޭ ޖުމްހޫރީ ޕާޓީ އާއި އަދާލަތު ޕާޓީ ވެސް އެކުގައި ތިއްބަވާނެ ކަމަށް ނިންމަވައިގެން ކަމަށާއި ކުއްލިއަކަށް ގާސިމްއާ ބައްދަލުކުރެއްވުމުގެ މާނައަކީ ނަޝީދު ވިދާޅުވި ގޮތުގައި ޕާޓީތަކާ އެކު ގޮތެއް ނުނިންމަވައި އިއުލާން ކުރެއްވުން ކަމަށް ނަޝީދު ވިދާޅުވިއެވެ.