ކްރިމިނަލް ކޯޓުގައި މިހާރު ކުރިއަށްދާ ކުރީގެ ރައީސް، އަބްދުﷲ ޔާމީންގެ މައްސަލަ ބައްލަވާ ގާޒީއާ، ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ރައީސް ހިސާން ހުސައިން އަދި އެ ކޮމިޝަންގެ މެންބަރު އިބްރާހިމް ރިއްފަތު ބައްދަލު ކުރެއްވި ކަމަށް ފަތުރާ ވާހަކަ އަކީ ދޮގު ވާހަކައެއް ކަމަށް އެ ކޮމިޝަނުން ބުނެފިއެވެ.

ޖޭއެސްސީން މިހެން ބުނީ، ރާއްޖޭގައި ހަބަރު ފަތުރާ އެއް މީޑިއާ ކަމަށް ވާ ސަންގުޓީވީން މިރޭ ކުރި ޓްވީޓަކަށް ރައްދު ދެއްވަމުންނެވެ.

ސަންގުޓީވީން ކުރި ޓްވީޓުގައި ބުނެފައި ވަނީ އިތުބާރު ހުރި މަސްދަރަކުން މައުލުމާތު ލިބިފައިވާ ގޮތުގައި ރައީސް ޔާމީންގެ މައްސަލަ ބައްލަވާ ގާޒީ ދަންވަރުގެ ވަގުތެއްގައި ޖޭއެސްސިއަށް ގެންދިޔަ ކަަމަށެވެ. އަދި އެ ގާޒީއާ އެޓާނީ ޖެނެރަލް ރިއްފަތުގެ އިތުރުން ހިސާން ބައްދަލު ކުރެއްވި ކަމަށް ވެސް ބުނެފައި ވެއެވެ.

މި ކަމާ ގުޅިގެން ޖޭއެސްސީން ބުނީ، ހިސާން އާއި ރިއްފަތު ކްރިމިނަލް ކޮތުގެ ގާޒީއަކާ ބައްދަލު ކުރެއްވި ކަމަށް ބުނެ މީޑިއާއަކުން ފަތުރަމުންދާ ވާހަކަ ދޮގު ކުރާ ކަމަށެވެ. އަދި އެ ކޮމިޝަންގެ އަގު ވައްޓާލުމަށް އިތުބާރު ނުހިފޭ ދޮގު ހަބަރު ފަތުރާތީ އެކަން ކުށްވެރި ކުރާ ކަމަށް ވެސް ޖޭއެސްސީން ބުނެއެވެ.

މީގެ އިތުރުން ކަމާ ބެހޭ އިދާރާތަކަށް އެ މީޑިއާގެ މައްސަލަ ހުށަހަޅާނެ ކަމަށް ވެސް ޖޭއެސްސީން ވަނީ ބުނެފައެވެ.