ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ލީޑަރު ގާސިމް އިބްރާހިމް އާ ބައްދަލުކުރައްވައިފިއެވެ.

ނުރަސްމީ ދަތުރުފުޅެއްގައި ރައީސް ސޯލިހު އދ. މާމިގިއްޔަށް އިއްޔެ ވަޑައިގަތުމުން ގާސިމް ވަނީ ރައީސަށް ރަތް ދޫލައިގެ މަރުހަބާއެއް ވިދާޅުފައެވެ. ރައީސް މާމިގިއްޔަށް ވަޑައިގަން އިރު އޭގެ ކުރީ ދުވަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި 2023ގެ ޗޮއިސް އަކީ އެމަނިކުފާނު ކަމަށް ވިދާޅުވެ އިއުލާން ކުރެއްވުމުން، ގާސިމްގެ ފަރާތުން ވަނީ އޭނާވެސް 2023ގެ ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވާ ވާހަކަ ތަކުރާރު ކުރައްވާފައެވެ.

ސަން އައިލެންޑް ރިސޯޓުގައި ނަގާފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި ރައީސްގެ އިތުރުން ސަރުކާރުގެ ބައެއް ވަޒީރުންނާއި އެމަނިކުފާނަށް ތާއީދުކުރައްވާ ބައެއް މަޖިލިސް މެންބަރުންވެސް އެ ބައްދަލުކުރެއްވުމުގައި ތިއްބެވިއެވެ. ނަމަވެސް ގާސިމްގެ ފަރާތްފުޅުން ވަކާލާތު ކުރައްވާ އިސް އާރުކާޓީ އެ މޭޒުގައި ނެތެވެ. އިންނެވީ ގާސިމް އެކަންޗެވެ.

ސަރުކާރުގެ ފަރާތުން އިކޮނޮމިކް މިނިސްޓަރު އަދި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް އާއި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރާއި ރައްޔިތުންގެ މަޖިލިހުގެ ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަހީމް (އަނދުން ހުސައިން) އާއި އަލިފުށީ ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު ހުސެއިން (ބިގޭ) ވެސް ރައީސްގެ ޓީމުގައި ހިމެނިވަޑައިގަންނަވައެވެ.

މިދިޔަ ބުދަ ދުވަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ސޯލިހު ވިދާޅުވީ އެންމެ މުހިންމީ އެމްޑީޕީއަށް ވެރިކަން ލިބުން ކަމަށާއި އެއީ ރާއްޖެއަށް އެންމެ ފައިދާ ބޮޑު ގޮތް ކަމަށެވެ. އަދި ސަރުކާރުން ރައްޔިތުންނަށްޓަކައި ގިނަ މަޝްރޫއުތައް ފަށާފައި ވާއިރު ކުރިއަށް އޮތް އަހަރުތަކުގައި އެ މަޝްރޫއުތައް ނުހުއްޓި ކުރިއަށް ގެންދަން ޖެހޭ ކަމަށް ވިދާޅުވިއެވެ. އަދި އެމްޑީޕީއަށް އިންތިހާބު ކާމިޔާކު ކުރަން ބޭނުން ނަމަ އެމަނިކުފާނަކީ 2023ގެ ޗޮއިސް ކަމަށް ވެސް ވަނީ ވިދާޅުވެފައެވެ.

ރައީސް މާމިގިއްޔަށް ވަޑައިގަތުމާއެކު ރައީސް ސޯލިހުގެ ރަނިން މޭޓްގެ ގޮތުގައި 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވަން ގާސިމަށް، ހުށައަޅުއްވާފައިވާ ކަމުގެ އަޑުތައް ގަދަވި ނަމަވެސް ޖޭޕީގެ ނައިބު ލީޑަރު އިލްހާމް އަހުމަދު ވަނީ އެކަން ދޮގުކުރައްވާފައެވެ. ނަމަވެސް މިހާރު ހިނގާ މަޝްވަރާތަކަކީ، ރައީސް ސޯލިހުގެ ޓީމަށް ގާސިމް ވެއްދުމަށްޓަކައި ހިނގާ މަޝްވަރާތައް ކަމަށާއި، މިފަހަރު ގާސިމް އަށް 20-30 ފަޅު ނުވަތަ ގާސިމް ބޭނުންވެވަޑައިގަންނަވާ ހާ އެއްޗެއް ދެއްވައިގެންވެސް އޭނާ "އޮންބޯޑް" ކުރައްވާނެ ކަމަށް ސިޔާސީ މަޝްރަހު ދިރާސާ ކުރާ ފަރާތްތަކުން ބުނެއެވެ.

ގާސިމަކީ، މީގެ ކުރިންވެސް 2 ބުރަކަށް ރިޔާސީ އިންތިހާބަށް ނިކުމެވަޑައިގެން ނާކާމިޔާބުވެ ވަޑައިގެންފައިވާ ބޭފުޅެކެވެ. ނަމަވެސް އެއްވެސް ޕާޓީއަކަށް ނުވަތަ ބޭފުޅަކަށް ފުރަތަމަ ބުރުގައި 50 ޕަސެންޓާއި 1 ވޯޓު ލިބިވަޑައިގެންފައި ނުވާއިރު، އިންތިހާބުގެ ދެވަނަ ބުރުގައި ގާސިމު ނަންގަވާ ކޮޅެއް (އަރާ ކޮޅެއް) އިންތިހާބު ކާބިޔާބު ކުރެއެވެ.