ވ. އާރަށް ކުއްޔަށް ދިން މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކުރާ ދައުވާގައި އެމަނިކުފާނާއި ކުރީގެ ނައިބު ރައީސް އަހްމަދު އަދީބާ ދެމެދު ކުރެވުނު ފޯން ކޯލްތަކެއްގެ ރެކޯޑިން ހެކީގެ ގޮތުގައި ހުށަހަޅާފައިވާނެ ކަމަށް، ދައުލަތުން އިއްޔެ ބުނެފިއެވެ.
އާރަށުގެ މައްސަލައިގައި ޔާމީންގެ މައްޗަށް އުފުލާފައިވަނީ މަނީ ލޯންޑްރިންގެ ދައުވާ އާއި ރިޝްވަތު ގަބޫލު ކުރުމުގެ ދައުވާއެވެ. އެ މައްސަލައިގެ އިބްތިދާއީ މަރުހަލާ ނިމި، އިއްޔެ ވަނީ ޝަރީއަތުގެ މަރުހަލާ ވަނީ ފަށައިފައެވެ. ޔާމީންގެ އިތުރުން، ފެލިދޫ ދާއިރާގެ ކުރީގެ މެންބަރު ޔޫސުފް ނައީމްގެ މައްޗަށް ރިޝްވަތު ދިނުމުގެ ދައުވާ ވަނީ އުފުލައިފައެވެ.
ދައުލަތުގެ ބަސް
އިއްޔެ ކްރިމިނަލް ކޯޓުގައި އެ މައްސަލައިގެ ޝަރީއަތުގެ މަރުހަލާ ފެށުމަށް އޮތް އަޑުއެހުމުގައި ދައުލަތުން ބުނީ، ޔާމީންގެ އެކައުންޓަށް ޖަމާވި އެއް މިލިއަން ޑޮލަރަކީ ގަނެ ވިއްކުމުގެ މުއާމަލާތެއް ކަމަށް އެމަނިކުފާނު ވިދާޅުވި ނަމަވެސް، އެކަމަށް ބާރުދޭ އެއްވެސް ހެއްކެއް ދެއްކިފައި ނުވާ ކަމަށެވެ.
އެހެންކަމުން، ކޯޓު އަމުރެއްގެ ދަށުން ހޯދުމަށް ހެކީގެ ގޮތުގައި ޔާމީނާއި އަދީބާ ދެމެދު ދެކެވިފައިވާ ވާހަކަތަކުގެ ކޯލް ރެކޯޑިން އެއް ހެކީގެ ގޮތުގައި ހުށަހަޅާފައިވާނެ ކަމަށް ދައުލަތުން ބުނެއެވެ. ދައުލަތުން ބުނި ގޮތުގައި، ކޯލް ރެކޯޑިން ހުށަހަޅާފައިވަނީ، 2013 އިން ފެށިގެން ރަށްތަކާއި ފަޅުތައް ކުއްޔަށް ދޫކުރުމުގައި ޔާމީން ނުފޫޒު ފޯރުއްވިކަން ސާބިތު ކޮށްދިނުމަށެވެ.
ދައުލަތުން ބުނި ގޮތުގައި:
- ޔޫސުފް ނައީމްގެ ހިއްސާ އޮތް ކުންފުންޏަކަށް އާރަށް ކުއްޔަށް ދޭން ޔާމީން އިރުޝާދު ދެއްވި ކަމަށް އަދީބާއި އެމްއެމްޕީއާރުސީގެ ކުރީގެ އެމްޑީ އަބްދުﷲ ޒިޔަތުގެ ހެކިބަހުން ސާފުވާނެ
- އެއީ ޑޮލަރު ގަނެވިއްކުމުގެ މުއާމަލާތެއް ކަމަށް ޔާމީން ކުރިން ވިދާޅުވިއިރު އެކަމަށް ބާރުދޭ އެއްވެސް ހެއްކެތް ނެތް
- 2015 ގައި ޔޫސުފް ނައީމްގެ ހިއްސާ އޮތް ކުންފުންޏަށް އާރަށް ދޭން ނިންމާފައިވަނީ އެ ކުންފުނީގެ ހިއްސާތައް އެހެން ކުންފުންޏަކަށް ވިއްކާލި ފަހުން
- އެ ކުންފުންޏަށް އާރަށް ލިބުމާއެކު، ރަށުގެ އަގަށްވާ އެއް މިލިއަން ޑޮލަރު އެމްއެމްޕީއާރުސީއަށް ޖަމާކުރުމަށް ފަހު، އެ ކުންފުނިން ޔޫސުފް ނައީމަށް އެއް މިލިއަން ޑޮލަރުގެ ޗެކެއް ދީފައިވޭ
- އެ ފައިސާ އޭނާގެ އެކައުންޓަށް ޖަމާވުމުން، އެ އެކައުންޓުން ޔާމީނަށް އެއް މިލިއަން ޑޮލަރުގެ ޗެކެއް ދީފައިވޭ
އޭގެ އިތުރުން ދައުލަތުން ބުނީ، އެޗްއެސްބީސީގައި ހުޅުވާފައިވާ ޔާމީންގެ އެކައުންޓަށް ޔޫސުފް ނައީމް ދިން ޗެކު ޖަމާކުރި އިރު، އެއާއެކު ފޮނުވި ސިޓީގައިވާ ގޮތުން، ފައިސާ ފޮނުވާފައިވަނީ ސިޔާސީ ކެމްޕެއިނަށް ކަމަށް އެ ސިޓީގައި ބުނެފައިވާ ކަމަށެވެ. އެ ފައިސާ އާއި އެހެނިހެން ފައިސާ އެއްކުރުމަށް ފަހު ޔާމީންގެ އެހެން އެކައުންޓް ތަކަށް ޖަމާކޮށްފައިވާ ކަމަށް ވެސް ދައުލަތުން ބުންޏެވެ.
ދިފާއުންގެ ބަސް
ޔާމީންގެ ދިފާއީ ވަކީލުންގެ ތެރެއިން ހިމެނިވަޑައިގަންނަވާ ޝިޔާޒް ވިދާޅުވީ، ޔާމީންގެ މައްޗަށް މިފަހަރު ދައުވާ ކުރަނީ އެމްއެމްޕީއާރުސީގެ މައްސަލައަކާ ގުޅިގެން ކަމަށާއި، އެ ދައުވާ ކުރިއަށް ނުގެންދެވޭނެ ކަމަށެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި، އެއް ކުށެއްގެ އަމަލަކުން ފުރިހަމަވާ އެހެން ކުށްތަކުގެ ދައުވާ ވަކިވަކިން ނުކުރެވޭނެ ކަމަށް މަތީ ކޯޓުތަކުން ނިންމާފައިވެއެވެ.
ނަމަވެސް، ޝިޔާޒްގެ ވާހަކަ ހުުއްޓުވައި ދައުލަތުން ބުނީ ޝަރީއަތުގެ މަރުހަލާގައި އެ ދިފާއު ނުނެގޭނެ ކަމަށާއި، އެ ކަންކަން ފާހަގަ ކުރެވޭނީ ޝަރީއަތުގެ އިބްތިދާއީ މަރުހަލާގައި ކަމަށެވެ. އެކަމަކު ޝިޔާޒް ވިދާޅުވި ގޮތުގައި އިބްތިދާއީ މަރުހަލާގައި އެ ކަންކަން ހުށަނޭޅިޔަސް ފާހަގަ ކުރެވޭނެއެވެ.
ޔާމީންގެ ވަކީލުންގެ ޓީމްގައި ހިމެނިވަޑައިގަންނަވާ ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދު ވަނީ ޔާމީންގެ މައްޗަށް ކުރާ ދައުވާގެ އުނި ކަންކަން ނަންގަވައިފައެވެ.
އެ ވާހަކަތައް ވެސް ދައުލަތުން ހުއްޓުވިއެވެ. އެއާއެކު ދައުލަތުން ވަނީ ޔާމީންގެ ވަކީލުން ތަރުތީބު ގެއްލުވާކައިގެން މަސައްކަތް ކުރާ ކަމުގެ ތުހުމަތު ކޮށްފައެވެ ދައުލަތުގެ އެ ތުހުމަތުތަކަށް ބާރު ދެއްވައި އިސްގާޒީ އަހްމަދު ޝަކީލް ވިދާޅުވީ، ޖަމީލް ފާހަގަކުރައްވާ ކަންތައްތައް ޝަރީއަތުގެ މި މަރުހަލާގައި ފާހަގަ ނުކުރެވޭނެ ކަމަށެވެ. އެހެންވެ، ޖަމީލްގެ ވާހަކަތައް އަމާޒު ކުރައްވާފައި ވަނީ ހެކިންނާ ބެހޭ ގޮތުންނެވެ.
ޖަމީލް ފާހަގަކުރެއްވި ގޮތުގައި:
- އަދީބާއި ޒިޔަތުގެ ހެކިބަސް ބަލައިނުގަނެވޭނެ ކަމަށް ސުޕްރީމް ކޯޓުން ނިންމާފައިވޭ
- އެ މައްސަލައިގައި އެ ދެ ބޭފުޅުން ހެކިންގެ ގޮތުގައި ހުށަހަޅާފައިވޭ
- ދައުލަތުން ދައުވާ ކުރަނީ ބަދަލު ހިފުމުގެ ރޫހެއްގައި
- އާރަށް ކުއްޔަށް ދިނުމުގައި ޔާމީން ނުފޫޒު ފޯރުވި ގޮތާއި އެމްއެމްޕީއާރުސީން ދޫކުރި ރަށަކާ ގުޅިގެން ޔާމީން ކުރެއްވި ކަމެއް އެނގެން ނެތް
- ގާނޫނާ ހިލާފަށް ތަހްގީހު ހިންގާފައިވާ ކަން ސާބިތުކޮށްދެވޭނެ
އެއާއެކު، ޖަމީލް ވަނީ އިންސާފުވެރި ކަމާއެކު ޝަރީއަތް ކުރިއަށް ގެންދިއުމަށް އިސްގާޒީގެ ކިބައިން އެދިވަޑައިގެންފައެވެ. ޖަވާބުގައި އިސްގާޒީ ވިދާޅުވީ، ޝަރީއަތް ގެންދާނީ ވަކި ފަރާތަކަށް ބުރަވުމެއް ނެތި ކަމަށެވެ.
ހެކިބަސް ނެގުން މި މަހު ނިންމާލަނީ، ހުލާސާ ބަޔާން އިއްވުން އޮގަސްޓު މަހު
އިސްގާޒީ ވިިދާޅުވީ، މި މަހު ހެކިބަސް ނެގުމުގެ މަރުހަލާ ނިންމާލަން ގަސްދު ކުރައްވާ ކަމަށާއި، އަންނަ ހަފްތާއިން ފެށިގެން މި މަހުގެ ނިޔަލަށް ހެކި ބަސް ނެގުމުގެ މަރުހަލާ ކުރިއަށް ދާނެ ކަމަށެވެ. ޔާމީންގެ ފަރާތްޕުޅުން ހަތް ހެކިން ހުށަހެޅުއްވިއިރު، ދައުލަތުން 13 ހެކިން ހުށަހަޅާފައިވެއެވެ.
ޔާމީންގެ ފަރާތްޕުޅުން ހުށަހެޅުއްވި ހެކިތަކުގެ ގޮތުގައި ހިމެނެނީ:
- އެމަނިކުފާނާއި ޔޫސުފް ނައީމާ ދެމެދު ހިނގި މުއާމަލާތުގެ ލިޔުމެއް
- އޭސީސީން ޔޫސުފް ނައީމަށް ދެއްވި ބަޔާން
- ޒިޔަތާއި އަދީބުގެ މައްޗަށް ކުށް ސާބިތުވި ދެ ހުކުމް
- ހެކިންގެ ހެކިބަސް
- ކުށް ސާބިތުކުރުމާ ގުޅޭ ގޮތުން ހުރި ހައިކޯޓުގެ ދެ ހުކުމެއް
- ސުޕްރީމް ކޯޓުގެ ދެ ހުކުމެއް
- ރައީސް އޮފީހުގެ ލިޔުންތައް
ހެއްކާ ބެހޭ ގޮތުން ވާހަކަ ދައްކަން އަންނަ މަހު އަޑުއެހުމެއް ބާއްވަން އިސްގާޒީ ނިންމެވި ނަމަވެސް، އޮގަސްޓް މަހަށް ފަސް ކުރުމަށް ދައުލަތުން ވަނީ އެދިފައެވެ. އެހެންކަމުން އިސްގާޒީ ނިންމަވާފައި ވަނީ ހެއްކާ ބެހޭ ގޮތުން ވާހަކަ ދެއްކުން އޮގަސްޓު މަހަށް ފަސްކޮށް، އެ މަހު ހުލާސާ ބަޔާނެއް ހުށަހެޅުމަށް ފަހު، 30 ދުވަހުގެ ތެރޭގައި ހުކުމް އިއްވުމަށެވެ.