ގަވާއިދާ ހިލާފަށް އުޅޭ މައްސަލަ ހައްލުކުރުމަށް ގުޅީފަޅުގައި ބިދޭސީންނަށް ހަދާ ޑިޓެންޝަން ސެންޓަރު ދޮޅުމަސް ނިންމަން ހަމަޖެހިފައިވާ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ހާރިޖީ ގުޅުންތަކުގެ ކޮމިޓީއން ކަމާގުޅޭ އިދާރާތަކުގެ ބޭއްވި ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވީ ބިދޭސީންގެ މައްސަލައަކީ ހަމައެއް، ލަމައެއް ނެތި އެތައް އަހަރެއް ވަންދެން ހިތަކަށް ދޫކޮށްލާފައި އޮތް މައްސަލައެއް ކަމަށާއި އެހެންކަމުން އެ މައްސަލަ ހައްލުކުރަން މި ސަރުކާރުން ވަރަށް ބޮޑު އިސްކަމެއްދީ މިހާތަނަށް ވެސް ނަތީޖާތަކެއް ނެރެފައިވާ ކަމަށެވެ. އަދި އެ މައްސަލަ ހައަލު ކުރުމަށް މިހާރު ދިމާވެފައިވާ ގޮންޖެހުމަކީ އެކަމުގެ ބޮޑު ކަމަށް ބަލައި އެކަމަށް ހުރި ރިސޯސްގެ ދަތިކަން ކަމުގައި ފައްޔާޒު ވަނީ ފާހަގަކުރައްވާފައެވެ.

ލިޔެކިޔުން ނުހުންނަ މައްސަލަ ތަކުގައި ބިދޭސީން ހައްޔަރުކުރުމުގެ ކަންތައް މަތިކޮށްފައި އޮންނަނީ އިމިގެރޭޝަނާ ކަމަށާއި އެ ތަނުގައި ހުރީ 48 މީހުންގެ ފެސިލިޓީއެއް ކަމުގައި ފާހަގަކުރައްވާ ފައްޔާޒު ވިދާޅުވީ 300 އާއި 500 އާ ދެމެދުގެ ޖާގައިގެ ފެސިލިޓީއެއް ގުޅިފަޅުގައި ގާއިމު ކުރަމުން އަންނަ ކަމަށެވެ. އެހެންނަަމަވެސް ބަޖެޓްގައި ނެތް ކަމަކަށް ވާތީ ދަތި ވަނީ ކަމަށާއި އެމްޓީސީސީގެ ސީއެސްއާރު ޕްރޮގްރާމްގެ ދަށުން އެތަން ދޮޅުމަސްތެރޭގައި ނިންމަން މިހާރު ހަމަޖެހިފައިވާ ކަމަށްވެސް ފައްޔާޒު ވިދާޅުވިއެވެ.

ފައްޔާޒު ވިދާޅުވީ އެ ތަނުގައި ބަންދު ކުރާ މީހުންނަށް ބޮޑު ހަރަދެއް ހިނގާނެ ކަމަށާއި އެގޮތުން ކެއުމާއި ކަންތައްތަކަށް މަހެއްގެމައްޗަށް މީހަކަށް 18000 ރުފިޔާ ހަރަދުވާނެ ކަމަށެވެ.

ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން އަނބުރާ ގަވައިދަށް އެޅުވުމަށް މީގެ ކުރިން އިކޮނޮމިކު މިނިސްޓްރީން ކުރިއަށްގެންދިޔަ މަސައްކަތް ފާހަގަ ކުރައްވައި ފައްޔާޒު ވިދާޅުވީ އެކަމަށްޓަކައި ގަލޮޅު ދަނޑުގައި ހުޅުވާލި ފުރުސަތުގައި 43787 ބިދޭސީން އެކަމަށް ކުރިމަތިލި ކަމަށެވެ. އޭގެ ތެެރެއިން 13000 މީހުން ގަވާއިދާ އެއްގޮތަށް ބަދަލު ކުރެވިފައިވާ ކަމަށާއި ވޮލަންޓަރީ ރިޕެކްޓްރިއޭޝަންގެ ތެރެއިން 9000 މީހުން ފުރައިގެން ގޮސްފައިވާ ކަމަށްވެސް ފައްޔާޒު ވިދާޅުވިއެވެ.

ފައްޔާޒު އިތުރަށް ވިދާޅުވީ އެއްވެސް ގައުމަކަށް ނިސްބަތްވާ އެއްލަކައަށް ވުރެ ގިނަ މީހުން ރާއްޖޭގައި ނުތިބެވޭނެ ކަމަށް ގާނޫނުގައިވެސް ބުނާ ކަމަށާއި އެހެންނަމަވެސް ބަންގްލަދޭޝް މީހުންނަށް ބަލާއިރު ރަސްމީ ސިސްޓަމްގެ ތެރޭގައި ގާތްގަނޑަކަށް 90،000 މީހުން ތިބި ކަމަށެވެ.

ނަމަވެސް 300 އާއި 500 އާ ދެމެދުގެ ޖާގައިގެ ފެސިލިޓީއެއް ގުޅިފަޅުގައި ގާއިމު ކުރަމުން އަންނަ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެއީ ބަޖެޓްގައި ނެތް ކަމަކަށް ވާތީ ދަތި ވަނީ ކަމަށާއި، އެމްޓީސީސީގެ ސީއެސްއާރު ޕްރޮގްރާމްގެ ދަށުން އެތަން ދޮޅުމަސްތެރޭގައި ނިންމަން މިހާރު ހަމަޖެހިފައިވާ ކަމަށްވެސް ވިދާޅުވިއެވެ.