މީގެ ކުރިން މަންކީޕޮކްސް ބަލީގެ ކޭސްތައް އާންމުކޮށް ފެނިފައި ނުވާ ގައުމުތަކުން އެ ބަލި ފެންނަ މިންވަރު އިތުރުވެ، ކޭސް ނަމްބަރު، 1000 ގެ ފާހަގަ ހުރަސް ކުރުމާއެކު، ބަލީގެ ނުރައްކާ "އަސްލު" އެބަ އޮތް ކަމަށް، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން އިޝާރާތް ކޮށްފިއެވެ.

ކަން މިހެން އޮތް ނަމަވެސް، މަންކީޕޮކްސް އިން ދިފާއުވުމަށް މުޅި އާބާދީއަށް ފުޅާ ދާއިރާއެއްގައި ވެކްސިން ދިނުމުގެ މަޝްރޫއު ފެށުމަށް އެ ޖަމިއްޔާއިން އަދި އިރުޝާދު ނުދޭ ކަމަށް، ޑަބްލިއުއެޗްއޯގެ ޑައިރެކްޓާ ޖެނެރަލް ޑރ ޓެޑްރޯޒް އެޑަނޮމް ގެބްރިޔޭސޫސް ވަނީ ވިދާޅުވެފައެވެ.

ޑރ ޓެޑްރޯޒް ވިދާޅުވީ، މަންކީޕޮކްސް ޖެހިގެން މީހަކު މަރުވި ކަމުގެ ރިޕޯޓް އަދި ލިބިފައި ނުވާ ކަމަށެވެ.

ޖަނަވާރުގެ ޒަރިއްޔާއިން އުފެދިގެން އައި މި ބައްޔަކީ މީގެ ކުރިން، އެފްރިކާގެ 9 ގައުމެއްގައި އާންމު ބައްޔެއް ނަމަވެސް، މި ފަހަކަށް އައިސް، ދުނިޔޭގެ އެކި ހިސާބުތަކުން މި ބަލި ވަނީ ފެންނަން ފަށާފައެވެ. އެންމެ އާންމުކޮށް ފެންނަމުން ދަނީ ވިލާތުގެ ސަރަހައްދުންނެވެ. ވަކިން ހާއްސަކޮށް ބްރިޓަން، ސްޕެއިން އަދި ޕޯޗުގަލްއިންނެވެ.

ޑރ ޓެޑްރޯޒް ވިދާޅުވީ މީގެ ކުރިން އާންމުކޮށް ބަލި ފެނިފައި ނުވާ 29 ގައުމަކުން، މަންކީޕޮކްސްގެ 1000 އަށްވުރެ ގިނަ ކަށަވަރު ކޭސް ފެނިގެން އެ އިދާރާއަށް ރިޕޯޓް ކޮށްފައި ވާ ކަމަށެވެ. އަދި މަންކީޕޮކްސް ބަލީގައި އެ ގައުމުތަކުން މީހަކު މަރުވި ކަމަށް ރިޕޯޓް ކޮށްފައި ނުވާ ކަމަށް ޑރ ޓެޑްރޯޒް ވިދާޅުވިއެވެ.

މި ބަލި ފެނިފައި ވާ ހަމައެކަނި ބަޔަކީ އެއް ޖިންސުން ގުޅުން ހިނގާ ފިރިހެނުން އެކަނި ނޫން ކަމަށްވެސް ޑރ ޓެޑްރޯޒް ވަނީ ވިދާޅުވެފައެވެ. ބައެއް އަންހެނުންގެ ކިބައިން ބަލި ފެނިގެންވެސް ރިޕޯޓް ކޮށްފައި ވާ ކަމަށް ޑރ ޓެޑްރޯޒް ވަނީ ވިދާޅުވެފައެވެ.

ޑރ ޓެޑްރޯޒް ވަނީ މަންކީޕޮކްސް ބަލި ޖައްސާ ވައިރަހުގެ ސަބަބުން މާބަނޑު މީހުންނާއި ކުޑަކުދިންނަށް އޮތް ނުރައްކަލާ މެދު ކަންބޮޑުވުންފާޅު ކުރައްވާފައެވެ. އަދި މީގެ ކުރިން އާންމުކޮށް ބަލި ފެނިފައި ނުވާ ބައެއް ގައުމުތަކުން ކޭސްތައް ފެންނަމުން ދަނީ، ބަލި ދެނެނުގަނެވި ދުވަސްތަކެއް ވެފައި އޮތުމުން ކަމަށް ވެދާނެ ކަމަށްވެސް ޑރ ޓެޑްރޯޒް ވަނީ އިޝާރާތް ކުރައްވާފައެވެ.