މީގެ ފަސް އަހަރު ކުރިން ރާއްޖެއިން ވިއްކާފައިވާ ސަނީސައިޑް ބޮންޑަށް ނުދައްކާ އޮތް ބާކީ، 58 މިލިއަން އެމެރިކާ ޑޮލަރު ދައްކައި، އެ ބޮންޑު އެއްކޮށް ހަލާސްކޮށްފިއެވެ.
ރައީސް އޮފީހުގައި މިއަދު ނޫސްވެރިންނާ ބައްދަލު ކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވީ، ރާއްޖެ ބަނގުރޫޓުވެ، ދަރަނި ނުދެއްކޭނެ ކަމަށް ދެކެވޭ ވާހަކަތަކަކީ ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށެވެ.
އެގޮތުން 2017 ގައި ވިއްކި 250 މިލިއަން ޑޮލަރުގެ ސަނީސައިޑް ބޮންޑަށް ދައްކަން ޖެހޭ ބާކީ 58 މިލިއަން ޑޮލަރު އިއްޔެ ދައްކައި ނިންމާފައިވާ ކަމަށް، އެމަނިކުފާނު ވިދާޅުވިއެވެ. އެހެންކަމުން ރާއްޖޭގެ ދަރަނިތައް ދެއްކުމުގައި މިވަގުތު ބޮޑު ގޮންޖެހުމެއް އޮތް ކަމަކަށް ފެނިވަޑައި ނުގަންނަވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
"އިއްޔެ އެއްފަހަރާ އަޅުގަނޑުމެން މި ދެއްކީ ސަނީ ސައިޑް ބޮންޑަށް ބާކީ އިން 58 މިލިއަން ޑޮލަރު. އޭގެ ކުރިން އަހަރު އަޅުގަނޑުމެން 192 މިލިއަން ޑޮލަރު ދެއްކީ. އެ ބޮންޑް އެއްކޮށް ދައްކާ މި ނިންމީ. އެހެންވީމާ ދަރަނި ދެއްކުމުގައި މި ވަގުތު ބޮޑު ގޮންޖެހުމެއް އޮތް ކަމަކަށް ނުފެނޭ." ރައީސް ވިދާޅުވިއެވެ.
ރައީސް އެހެން ވިދާޅުވިތާ އިރުކޮޅެއް ފަހުން ފިނޭންސް މިނިސްޓްރީން ވެސް ވަނީ ސަނީސައިޑް ބޮންޑު އެއްކޮށް ދައްކައިފިކަން ހާމަކޮށް ބަޔާނެއް ނެރެފައެވެ. އެ މިނިސްޓްރީން ނެރުނު ބަޔާނުގައި ވަނީ ސަރުކާރުން މުއްދަތުގައި ދަރަނިތައް ދައްކައި ނިންމަމުން ދާނެ ކަމުގެ ޔަގީންކަން ދީފައެވެ.
"މި ފުރުސަތުގައި ރާއްޖޭގެ ތަރައްގީއަށް މަސައްކަތްކޮށްދިން ބޭރުގެ އެންމެހާ އިންވެސްޓަރުންނަށް ފަށްފަށުން ޝުކުރު އަދާކުރަން." ފިނޭންސް މިނިސްޓްރީގެ ބަޔާނުގައި ވެއެވެ.