މާލޭގެ އެކި ހިސާބުތަކުގައި ޤާއިމްކޮށްފައި ހުރި ފުޓްސަލް ދަނޑުތައް ސަރުކާރަށް ނެގުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށް ޔޫތު މިނިސްޓަރު އަހްމަދު މަޙުލޫފު ވިދާޅުވެއްޖެއެވެ.

މަހްލޫފު މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހެންވޭރު އުތުރު ދާއިރާގެ މެންބަރު އިބްރާހީމް މުއިއްޒު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

މުއިއްޒު ވަނީ ކުޅެން ބޭނުންވާ މީހުންނަށް މާލެ އިން ދަނޑު ހޯދުމަށް ބޮޑު އަދަދެއްގެ ފީއެއް ދައްކަންޖެހޭތީ އެކަމަށް ހައްލެއް ހޯދުމަށް މިނިސްޓްރީގެ ޕްލޭނެއް އޮތްތޯ ސުވާލު ކުރައްވާފައެވެ.

އެސުވާލަށް ޖަވާބު ދެއްވަމުން މަހްލޫފު ވިދާޅުވީ، މާލޭގައި މީހުން ފުޓްސަލް ކުޅެން އަދި ފުޓްބޯޅަ ކުޅެން ދަނޑު ނަގައިގެން ދިއުން މިހާރު އުނދަގޫ ކަމަކަށް ވެފައިވާ ކަމަށެވެ. އެގޮތުން އެކަމަށް ދައްކަންޖެހޭ ފައިސާ ވެސް ގިނަ ކަމަށް މަހްލޫފު ވިދާޅުވެފައެވެ.

މަހްލޫފު ވިދާޅުވީ، މިނިސްޓަރު ވެސް ކުޅެން ދަނީ މަހަކު 6400 ރުފިޔާ ދައްކައިގެން ހަފްތާއަކު ދެ ރޭކަމަށާއި ބައެއް ދަނޑުތަކުން މަހަކު 9000 ރުފިޔާ ދައްކަންވެސް ޖެހޭކަމަށެވެ.

އެކަމަށް ހައްލެއް ހޯދުމުގެ ގޮތުން، އެއްކަމަކަށް ދަނޑުތައް ނެގުމުގެ ވަރަށް ބޮޑު ވިސްނުމެއް އެބައޮތް ކަމަށް މަހްލޫފު ވިދާޅުވިއެވެ. އަދި އެ ތަންތަނަކީ އޮންލައިން ކޮށް ބުކް ކޮށްގެން މީހުންނަށް ދެވޭނެ ގޮތަށް އެކަންކަން ހެދުމަށް މިހާރު މަޝްވަރާ ކުރައްވަމުންދާ ކަމަށް ވެސް މަހްލޫފު ފާހަގަކުރެއްވިއެވެ.