"ދަ ޕްރެސް" އިން މިދިޔަ ރޯދަ މަހަށް ހާއްސަކޮށްގެން ކުރިއަށް ގެންދިޔަ މުބާރާތްތަކާއި ހަތިމް ޕްރޮގްރާމްގެ ނަތީޖާ ފާޅުކުރުން އަންނަ ބުރާސްފަތު ދުވަހު ބާއްވާ ގޮތަށް ހަމަޖައްސައިފިއެވެ.
އެގޮތުން މިދިޔަ ރަމަޟާން މަހަށް ހާއްސަކޮށް، ނަސީބުވެރި ފަރާތަކަށް އުމްރާ ދަތުރެއް ލިބޭގޮތަށް ހުޅުވާލި ހަތިމް ކުރުމުގެ ޕްރޮގްރާމްގެ ނަތީޖާ ފާޅުކުރުމާއި "ކުރު ވާހަކަ" މުބާރާތާއި "ރޯދަ އާއި ސުވާލު" މުބާރާތުގެ ނަތީޖާ ފާޅުކުރާނެއެވެ. އަންނަ ބުރާސްފަތި ދުވަހުގެ ރޭ މި މުބާރާތްތަކުގެ ނަތީޖާ ފާޅުކުރުން އޮންނާނީ ރޭގަނޑު 10:00 ގައި ޓީވީއެމް ގައެވެ. އަދި އެ އިވެންޓް ލައިވްކޮށް ޕީއެސްއެމުން ދެއްކުމަށް ވަނީ ހަމަޖެހިފައެވެ.
ހަތިމް ޕްރޮގްރާމްގެ ނަސީބުވެރި ފަރާތް ހޮވާނީ، ރަމަޟާން މަހު ހަތިމްކޮށް ނިންމާ، އެ މަސައްކަތް "ދަ ޕްރެސް" އަށް ރިޕޯޓް ކުރި ފަރާތްތަކުގެ ތެރެއިންނެވެ. ހަތިމް ޕްރޮގްރާމް ފެށި އިރު، 380 ފަރާތަކުން ބައިވެރިވެ ކިޔަވަމުން ގެންދިޔައެވެ.
ހަތިމްކުރުމުގެ ޕްރޮގްރާމްގެ އިތުރުން، "ދަ ޕްރެސް" އިން މި ރަމަޟާން މަހު ހުޅުވާލި ކުރުވާހަކަ މުބާރާތުގެ ބައިވެރިންގެ ތެރެއިން ވެސް އެންމެ މޮޅު ތިން ވާހަކަ ހޮވާ އެ ފަރާތްތަކަށް އިނާމު ދިނުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން މި އަހަރު ރޯދަ މަހު ކުރުވާހަކަ މުބާރާތުގައި ހުށަހެޅި 15 ވާހަކައިގެ ތެރެއިން 3 ވަނަ ލިބޭ ފަރާތަކަށް 500 ރުފިޔާ، ދެވަނަ ލިބޭ ފަރާތަކަށް 1000 ރުފިޔާ އަދި އެއްވަނަ ލިބޭ ފަރާތަކަށް 1500 ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފައެވެ.
"ދަ ޕްރެސް" އިން މިއަހަރު ބޭއްވި ރޯދަ އާއި ސުވާލު މުބާރާތަކީ ވެސް ގިނަ ބައެއްގެ ތަރުހީބު ލިބިގެން ދިޔަ މުބާރާތެކެވެ. މި މުބާރާތުގައި ޖުމަލް 252 މީހަކު ބައިވެރިވެފައި ވާއިރު ކޮންމެ ދުވަހު ތިން ވަގުތަކަށް ބަހާލައިގެން ހުށަހެޅި 90 ސުވާލުގެ ތެރެއިން ކޮންމެ ސުވާލަކަށް ވެސް ޖަވާބު ދިނުމަށް ވަކި ވަގުތެއް އޮތީ ކަނޑައަޅާފައެވެ. ރޯދަ މަސް ނިމުނު އިރު އެންމެ ގިނަ ސުވާލަށް ރަނގަޅު ޖަވާބު ދިން ފަރާތަކަށް އެސްޓްރަބޮން އިން ހުށަހަޅާ ކެފިޓަލީ ކޮފީ މެޝިނެއް ލިބޭ ގޮތަށް ވަނީ ހަމަޖެހިފައެވެ.
މީގެ އިތުރުން ރޯދަމަހުގެ ކޮންމެ ދުވަހަކު ފްޑްބޭންކު މިލޭނިއަމް އިން ރޯދަވީއްލުމެއް ލިބޭ، ކްއީޒެއް "ދަ ޕްރެސް" އިން ވަނީ ކުރިއަށް ގެންގޮސްފައެވެ. މި ކްއީޒް 10،120 މީހަކު ޖުމްލަ 15،900 ފަހަރު ކުޅެފައި ވެއެވެ.
"ދަ ޕްރެސް ރޯދަ" ޕްރޮގްރާމުތަކާއި މުބާރާތްތައް ކުރިއަށް ގެންދިޔުމުގައި އެހީތެރިވެ ދެއްވި ސްޕޮންސަރުންގެ ނަން ފާހަގަ ކޮށް ހާއްސަ ޝުކުރެއް އެފަރާތްތަކަށް އަދާކުރަމެވެ.